ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ލާމު އަތޮޅަށް ވަޑައިގެންފި އެވެ.

ލ. ކައްދޫ އެއާޕޯޓަށް މިއަދު ހެނދުނު 10:30 ހާއިރު ރައީސް ސޯލިހު ވަޑައިގަތުމުން އެއާޕޯޓުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި އެ އަތޮޅު ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިޝާމް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

އެމަނިކުފާނުގެ އިސްތިގުބާލުގައި ލާމުގައި ހުންނަ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ކައުންސިލްތަކުގެ މެންބަރުންނާއި އެމްޑީޕީގެ އިސް ފަރާތްތައް އެއާޕޯޓަށް ޖަމާވި އެވެ.

ރައީސް ސޯލިހު މޯލްޑިވިއަންގެ ފްލައިޓުން ލ. ކައްދޫ އެއާޕޯޓަށް ފައިބައިވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ސޯލިހު ލާމަށް މިއަދު މި ވަޑައިގެންނެވީ، ލ. ހިތަދޫ ސިއްހީ މަރުކަޒަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބައިވެރިވެ ވަޑައިގަތް އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށެވެ. އެ ރަސްމިއްޔާތު އޮންނާނީ، މިއަދު ހަވީރު 4:00 ގައި ލާމު ހިތަދޫ ސްކޫލްގަ އެވެ.

ރައީސް ސޯލިހު މިއަދު ލާމު އަތޮޅަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ހިތަދޫ ސިއްހީ މަރުކަޒުގެ ހިދުމަތް ފަށާފައި ވަނީ، ޑިސެމްބަރު، 1، 1969ގަ އެވެ. އެ ސިއްހީ މަރުކަޒުން މިހާރު 24 ގަޑިއިރު ހިދުމަތްދޭ އިރު، 29 މުވައްޒަފުން އެ މަރުކަޒުގައި ވަޒީފާ އަދާކުރެ އެވެ.

ރައީސްގެ ދަތުރުފުޅުގައި ލާމު އަތޮޅުގެ އެހެން ބައެއް މުހިންމު ތަންތަނަށް ވަޑައިގެން ސަރުކާރުގެ އޮފީސްތަކަށް ޒިޔާރަތް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ރައީސް ވަނީ، ލ. ގަމުގައި ދަނޑުވެރިކަން ކުރުމުގެ މަސައްކަތްތައް ހިނގާ ގޮތް ވެސް މިއަދު ބައްލަވާ ލައްވައިިފަ އެވެ.

ރައީސްގެ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު، މިރޭގެ ވަގުތެއްގައި މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.