19 Dec 2019, 10:34
ގަދަ ވަޔާއި އެކު މާލެއަށް ރޭ ކުރި ވިއްސާރައިގައި ގެއްލުންތަކެއް ވެއްޖެ އެވެ.
ރެ އިން ފެށިގެން ހުއްޓުމެއް ނެތި މާލެއަށް ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން ތިން ހާދިސާއެއް ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފަ އެވެ. ނަމަވެސް އެއްވެސް މީހަކަށްގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެގޮތުން، އަބަދައް އުފާމަގު ދަމާސް ފަރުނީޗަރު ފިހާރަ ކައިރީގައި ޖަހާފައި ހުރި ޑިޝް އެންޓަނާ އެއް މަގުމައްޗަށް ވެއްޓިފައިވާއިރު ސޯލްޓް ކެފޭ ކައިރީ ހަރުކޮށްފައި ހުރި އިސްތިހާރު ބޯޑެއް ވެސް ވެއްޓިގެން ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ. އަދި ހެންވޭރު ކެފޭ ކައިރީގައި ހުރި ގަހެއް ވެސް މަގުމައްޗަށް ވެއްޓިގެން ރިޕޯޓް ކުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
"ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން މިތަކެތި ނެގުމުގެ މަސައްކަތް ދަނީ ކުރަމުން،" ފުލުހުން ބުންޏެވެ.
މާލެ ހިމެނޭ ގޮތަށް ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވާއިރު ފުލުހުން ބުނީ، މި ދުވަސްވަރު 'ކޮތަޅު ކޯޓު' ލައިގެން ސިނަމާލެ ބުރިޖާއި ހައިވޭގައި ދުއްވުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ފުލުހުން ބުނެފައިވަނީ، އެފަދަ ކޯޓުތައް ވީދައިގެން ގޮސް ކައިރިން ދަތުރުކުރާ ވެހިކަލްތަކުގައި އެޅި އެކްސިޑެންޓްވުމަށް މަގުފަހިވާތީ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި އެ ފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށް ބަލައި ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.