28 Nov 2011, 09:12
މަސްތުވާތަކެތީގެ މައްސަލައެއްގައި ނ. މިލަދޫ ކަންުސިލުގެ އެމްޑީޕީ މެންބަރު، އެ ރަށު ސަމަރުބުލޫ، ނަސްރުﷲ މުހައްމަދު ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.
އޭނާއާއެކު އިތުރު ދެ މީހުން ވެސް ރޭ މާލޭ ޑޮލްފިން ރެސްޓޯރެންޓުގެ ތެރެއިން ހައްޔަރު ކުރި އެވެ.
މިލަދޫ ކައުންސިލުގެ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ކައުންސިލު މެންބަރު ނަސުރުﷲ ހައްޔަރުކޮށްފައިވާކަން މިލަދޫ ކައުންސިލުގެ އިދާރާއަށް ފުލުހުން ވެސް ޔަގީން ކޮށްދީފައިވާ ކަމަށެވެ.
"ފުލުހުން އަޅުގަނޑުމެނަށް އެކަން ޔަގީން ކޮށްދިން، ދެން ނަސްރުﷲ އާއެކު އިތުރު ދެމީހުން ގެންދިޔައިރު އޭގެ ތެރޭގައި ހިމެނޭ ނަސްރުﷲ އާއެކު ކައުންސިލު އިންތިހާބުގައި މިރަށުން ވާދަކުރި އެހެން ކެންޑިޑޭޓެއް ވެސް، ދެން ހުރި ކާކު ކަމެއް ނޭނގޭ،" އެ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ މިޑީއާ އޮފިޝަލު ވިދާޅުވީ މަސްތުވާތަކެއްޗަށް ތުހުމަތު ކުރެވިގެން ރޭ ޑޮލްފިން އިން ތިން މީހަކު ހައްޔަރު ކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"އެމީހުން ތިބި ސަރަހައްދުން މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭ ޕެކެޓެއް ފެނިގެން، ތުހުމަތަށް ހައްޔަރުކޮށްފައި ތިބި ތިން މީހަކު އެބަތިބި، އިތުރު މައުލޫމާތެއް ނެތް،" މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.