21 Dec 2019, 10:32
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު މިނިވަން ކުރުމަށް ގޮވާލާ، އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި، ޕީޕީއެމް-ޕީއެންސީގެ ކައުންސިލް މެމްބަރުން ހިމެނޭ ގޮތަށް ހަތަރު މީހަކަށް ދައުވާ ނުކުރުން ޕީޖީއިން ނިންމައި އަނބުރާ އެ މައްސަލަ ފުލުހުންނަށް ފޮނުވާލައިފި އެވެ.
އިދިކޮޅު ކޯލިޝަންގެ ކައުންސިލް މެމްބަރުން ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ އެވެ. މުޒާހަރާ ތެރެއިން އެމީހުން ހައްޔަރު ކުރުމަށް ފަހު ފުލުހުން ހަމަ އެރޭ ވަނީ އެ މީހުން ދޫކޮށްލާފަ އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވެ، ހަމަ ނުޖެހުން ހިންގަން މަސައްކަތްކޮށް، އާންމު ޓެރެފިކަށް އުދަނގޫވާ ގޮތަށް އަމަލުކޮށް، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތު ކުރެވޭ ހަތަރު މީހަކަށް ދައުވާ ކުރުމަށް ޕޮރޮސިކުއުޓާ ޖެނެރަލް އޮފީހަށް ފޮނުވި ކަމަށެވެ.
"އެ މައްސަލައިގައި ދައުވާ ކުރެވޭނެ އެކަށީގެންވާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ މަސައްލަ ޕީޖީ އިން އަނބުރާ މިދިޔަ ހޯމަ ދުވަހު ފޮނުވާފައިވޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ދާދިފަހުން ޕީޖީކަމަށް އަޔަން ކުރި ހުސައިން ޝަމީމް ވިދާޅުވީ، އެ މައްސަލައިގައި ދައުވާ ނުކުރަން ނިންމެވީ، އެއީ ދައުވާ ކުރާނެ މަސްލަހަތެއް އޮތް މައްސަލައެއް ކަމަށް ނުފެންނާތީ ކަމަށެވެ. އެފަދަ މައްސަލަތަކުގައި ދައުވާ ކުރާ އިރު، ބަލަނީ މީހަކަށް ގެއްލުމެއް ދިނުން ނޫނީ ދައުލަތުގެ މުދަލަކަށް ގެއްލުން ދިނުން ފަދަ ބޮޑެތި މައްސަލަތަކަށް ކަމަށެވެ. ނަމަވެސް އެ މައްސަލަ އަކީ ވަރަށް ކުޑަ މައްސަލައަކަށް ވުމުން ދައުވާ ނުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕއެމް އިން ބުނި ގޮތުގައި މިދިޔަ މަަހު 30 ވަނަ ދުވަހުގެ ރޭ ކުރި އެ މުޒާހަރާގައި ޕީޕީއެމްގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދައިރާ މެމްބަރު މުހައްމަދު ޝިޔާމްއާއެކު ފަސް މީހަކު ހައްޔަރު ކުރި އެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ފުލުހުން ދައުވާ ކުރަން ފޮނުވީ ޝިޔާމްއާ ނުލާ ދެންތިބި ހަތަރު މީހުންގެ މައްޗަށެވެ. އެއީ ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލްއާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލާއި އެކޯލިޝަންގެ ކައުންސިލް މެމްބަރު މުހައްމަދު ލަތީފު އަދި އަބްދުﷲ މުހައްމަދެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު ހުއްދަ ނެތި މާލޭ ގައި އެއްވެ އުޅުމަކީ މަނާ ކަމެކެވެ. އަދި ހުއްދަ ލިބިގެންވެސް އެއްވެ އުޅޭވޭނީ ކާނިވާ ސަރަހައްދަށް އެކަންޏެވެ. މިފަހުން ޕީޖީކަމުން އިސްތިއުފާދެއްވި އައިޝަތު ބިޝާމް ހުންނެވި އިރު، ރައީސް ޔާމީންގެ ސަރުކާރުގައި މުޒާހަރާ ކުރި އިދިކޮޅު ފަރާތްތަކުގެ މައްޗަށް ކޯޓްގައި ދައުވާތައް އުފުލި އެވެ.