ޝަރީއަތުގެ އަޑުއެހުމަކަށް ގެންދިޔުމަށް ފަހު ގެނައި ގައިދީއަކު، އޭނާގެ ފުރަގަސްފަރާތަށް މަސްތުވާތަކެތި ޖަހައިގެން، ޖަލަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފި އެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް، އަބްދުﷲ މުނާޒު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަށިގަނޑު ތެރޭ ރައްކާ ކޮށްގެން މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ގައިދީއަކު އަތުލައިގެންފައިވާ ކަމަށެވެ. އަދި އޭނާގެ ގައިން މަސްތުވާތަކެތި ފެނުނީ، މިދިޔަ އާދިއްތަ ދުވަހު ޝަރީއަތުގެ އަޑުއެހުމަށްކަށް ކޯޓަށް ގެންދިޔުމަށް ފަހު އޭނާ އަނބުރާ ޖަލަށް ވެއްދުމުގެ ކުރިން އޮފިސަރުން އެ ގައިދީ ފާސްކުރުމުގެ ތެރޭގައި ކަމަށް މުނާޒު ވިދާޅުވި އެވެ.

"ޖަލަކީ، ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކަރެކްޝަންސްގެ އޮފިސަރުން އަދި ފުލުހުން ކުރަމުންދާ މަސައްކަތް އަޅުގަނޑު ބަލައިގަންނަން،" މުނާޒު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މަސްތުވާތެކެތި ޖަލަަށް އެތެރެ ކުރަން އޭނާ މަސައްކަތް ކުރީ ފުރަގަަސްފަރާތަށް ލާ ފޮރުވައިގެން އެވެ. އަދި އެތަކެތި ފެނުނީ، ޝަރީއަތުގެ އަޑުއެހުމަށް ފަހު އޭނާ އަނބުރާ ޖަލަށް ގެނެސް، ގާޑުން އޭނާ ފާސްކުރުމުގެ ތެރޭގަ އެވެ.

ޝަރީއަތްތަކަށް ގައިދީން އެއްތަނުން އަނެއްތަނަށް ގެންދާއިރު، އަބަދުވެސް އޮފިސަރުން ހަރަކާތްތެރިވެ އެވެ. ނަމަވެސް ގައިދީއަށް މަސްތުވާތަކެތި ލިބުނީ ކިހިނެތް ކަމަށް އަދި ވަނީ ސާފުވާ ގޮތެއް ނުވެފަ އެވެ. އޭނާ ޖަލަށް އެތެރެ ކުރަން އުޅުނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެ އެވެ.

މަސްތުވާތަކެތި އަދި ފޯނު ފަދަ ތަކެތި ޖަލަށް ވެއްދުމަކީ، މަނާކަމަކަށް ވާއިރު، ދޭތެރެ ދޭތެރެއިން އެފަދަ މައްސަލަތައް ފެންމަތިވެ އެވެ. ނަމަވެސް ޝަރީއަތަށް ގެންދިޔަ ގައިދީއަކު މަސްތުވާތަކެތި ޖަލަށް ވައްދަން މަސައްކަތް ކުރި ކަން މީޑިއާއަށް ތިލަވި މިއީ ފުރަތަމަ ފަހަރެވެ.