19 Dec 2019, 00:28
ރ. މަޑުއްވަރީގައި ފުލުހުން މިހާރު ހިނގަމުންދާ އޮޕަރޭޝަންގައި ސައްހަ ނޫން ކައިވެނި ސެޓްފިކެޓަކާއި އިތުރު ހެކިތައް ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގައި ޖިނާއި ބޮޑެތި ކުށްތަކަަށް އަރައިގަންނަމުންދާ މީހުން ހޯދައި، އެ މީހުނގެ އަނިޔާގެ ޝިކާރައަކަށް ހަދާފައިވާ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ފުލުުހުންނާއި ސިފައިން އިއްޔެ ހެނދުނުން ފެށިގެން މަޑުއްވަރީގައި ދަނީ ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
އެ އޮޕަރޭޝަންއާ ގުޅޭގޮތުން މިހާތަނަށް ލިބުނު މައުލޫމަތު ހާމަ ކުރައްވަމުން ފުލުހުންގެ ސީރިއަސް އޮގަނައިިޒްޑް ކްރައިމް ޑީޕާޓްމަންޓްގެ ވެރިޔާ، ސްޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، އެ އޮޕަރޭޝަންއަކީ މަޑުއްވަރީގައި ހަރުކަށި ފިކުރުގެ ބަޔަކު އެ ފިކުރު ވަރަށް ފުޅާ ދައިރާއެއްގައި ފަތުރަމުންދާ ކަމުގެ މައުލޫމަތު ފުލުހުންނަށް ލިބިގެން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
"އެމީހުން ގަބޫލުކުރާ ގޮތުގައި ދިވެހި ދައުލަތަކީ، ކުފުރުގެ ދައުލަތެއް. އަދި އެމީހުންގެ ހަރުކަށި ފިކުރު ގަބޫލު ނުކުރާ މީހުންގެ މުދަލާއި ނަފްސް އަދި ފުރާނައަކީ، ގެއްލުން ދެވިދާނެ އެއްޗެއް. އަދި އެމީހުން ގަބޫލު ކުރާ ގޮތުގައި، ޝަރުއީ/ ގާނޫނީ އިމުން ބޭރުން އުމުރުން 18 އަހަރު ނުވާ ކުދިން، އަބިންގެ ގޮތުގައި ގެންގުޅުމާއި ޖިންސީ ގުޅުން ހިންގުމަކީ ހުއްދަ ކަމެއް،" ބަޝީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ އޮޕަރޭޝަންގައި މިހާތަނަށް ހަ ގެއެއް ބަލާ ފާސްކޮށް، ތިން މީހަކު ހައްޔަރުކޮށް އަދި އިތުރު ހެކިތަކެއް ހޯދާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ އޮޕަރޭޝަންގައި މިހާތަނަށް ހަ ގެއަކާއި ދޯންޏެއް ބަލާ ފާސްކޮށް، ތިން މީހަކު ހައްޔަރުކޮށް އަދި އިތުރު ހެކިތަކެއް ހޯދާފައިވާ ކަމަށެވެ.
"މި މައްސަލައާ ގުޅުންހުރި ހެކީގެ ގޮތުގައި ބެލެވޭ ވަރަށް ގިނަ އިލެކްޓްރޯނިކް އާލަތްތައް ފެނިފައިވޭ. އަދި ސައްހަ ނޫން ކަމަށް ބެލެވޭ ކައިވެނީގެ ސެޓްފިކެޓެއް ހޯދިފައިވޭ،" ބަޝީރު ވިދާޅުވިއެވެ.
ބަޝީރު ވިދާޅުވީ، މިހާތަނަށް އޮޕަރޭޝަނުން ލިބުނު މައުލޫމަތުތަކުން އެނގޭ ގޮތުގައި، އެ ރަށުގައި ކުޑަ ކުދިންނަށް ވެކްސިން ނުދިނުމާއި ތައުލީމުން މަހުރޫމްކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެނާ ވިދާޅުވި ގޮތުގައި، އެ އޮޕަރޭޝަން ކުރިއަށް އޮތް ހަފްތާއެެއްހާ ދުވަހަށް ދިގު ދެމިގެންދާނެއެވެ. އަދި އިތުރު މައުލޫމަތު ފަހުން ހިއްސާ ކުރާނެ ކަމަށް ބަޝީރު ވިދާޅުވިއެވެ.
އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ހައްޔަރު ކުރި ކަމަށް ފުލުހުން ބުނި ނަމަވެސް، އެރަށުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ބުނީ، މިހާތަނަށް ޖުމްލަ ހަަތަރު މީހަކު ފުލުުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މަޑުއްވަރީއަށް ނިސްބަތްވާ ދެމީހުންނާއި ރަށުން ބޭރުގެ ދެމީހުން ކަމަށް އޭނާ ބުންޏެވެ.
ފުލުހުން ބުނެފައިވަނީ އެ އޮޕަރޭޝަނުގައި ހައްޔަރު ކުރި ތިން މީހުންނަކީވެސް މަޑުއްވަރީ މީހުން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، 30 އަހަރާއި، 34 އަހަރު އަދި 29 އަހަރުގެ ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މަޑުއްވަރީއިން ހައްޔަރުކޮށްފައިވަނީ އެރަށު މީޒާން، ހަސަން ސިޔާދު، 34 އާއި، ހަމަ އެރަށު މީރާ، ހަސަން ރާޒީ، 30 ކަން "ސަން" އަށް ވަނީ އެނގިފަ އެވެ. ދެން ހައްޔަރު ކުރި މީހުންގެ މައުލޫމާތު ވަނީ ލިބޭގޮތް ނުވެފަ އެވެ.
މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޮޕަރޭޝަނަކީ ހަރުކަށި ފިކުރުތަކަށް ތަބާވެ، ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކުންނާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައިދިޔުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
އެގޮތުން މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމުތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އުޅޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި އެމީހުންނަކީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުން މަހުރޫމުކޮށް އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.