ތެހެރާން (ނޮވެމްބަރ 28) : އީރާނުގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ޤައުމުން ބޭރުކޮށްލައި އިނގިރޭސިވިލާތާއެކު ބާއްވާ ޑިޕްލޮމެޓިކް ގުޅުންތައް ވަރަށް ބޮޑަށް ދަށްކޮށްލުމަށް އީރާނުގެ ޕާލަމެންޓުން ޤަރާރެއް ފާސްކޮށްފި އެވެ. މިޤަރާރު ފާސްކުރުމަށް އީރާނުގެ ޕާލަމެންޓްގައި އިއްޔެ ނެގި ވޯޓަށް 79 މެންބަރަކު ތާއީދުކުރިއިރު ހަތަރު މެންބަރުން ދެކޮޅަށް ވޯޓުދީފައިވާއިރު 11 މެންބަރަކު ވަކިކޮޅަކަށް ވޯޓުދީފައެއް ނުވެއެވެ.

އީރާނުގެ ޕާލަމެންޓުން އިނގިރޭސިވިލާތާ ދެކޮޅަށް މިޤަރާރު ފާސްކުރީ އީރާނާ ދެކޮޅަށް އިނގިރޭސިވިލާތުން އިޤްތިސާދީގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކެއް ދާދިފަހުން އަޅައި ހަރުކަށި ބައެއް ޖަމާއަތްތަކުން އީރާނުގައި ހިންގާ ބޮންގޮއްވުންފަދަ ޓެރަރިސްޓް ޙަރަކާތްތަކަށް އިނިގިރޭސިވިލާތުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާތީކަމަށް އީރާނުގެ ޕާލަމެންޓުން ބުނެއެވެ.

އީރާނުގައި ޙަރަކާތްތެރިވާ މުޖާހިދީ ޚަލްޤު ނަމަކަށްކިޔާ ޓެރަރިސްޓް ޖަމާއަތަށް އިނގިރޭސި ސަރުކާރުން ޖާސޫސީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އީރާން ސަރުކާރުން އެތަށްފަހަރަކު ތުހުމަތުކޮށްފައިވެއެވެ. މުޖާހިދީ ޚަލްޤު ޖަމާއަތަކީ ޔޫރަޕްގެ އިއްތިޙާދުންވެސް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލޭބަލްކޮށްފައިވާ ޖަމާއަތެކެވެ.

މިދިޔަ ހަފްތާގައި އިނގިރޭސި ސަރުކާރުންވަނީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާގުޅިގެން ދަތިކުރުމުގެ އެތަށް ފިޔަވަޅުތަކެއް އީރާނާ ދެކޮޅަށް އެޅިކަން އިޢްލާންކޮށްފައެވެ. މިފިޔަވަޅުތަކުގެ ތެރޭގައި އީރާނުގެ މަރުކަޒީބޭންކާއި އީރާނުގެ އެނޫންބޭންކްތަކާވެސް މުޢާމަލާތްކުރުން މުޅިންމަނާކުރުން ހިމެނެއެވެ. ނަމަވެސް އިނގިރޭސި ބޭންކްތަކާ އީރާނުން މުޢާމަލާތް ނުކުރާތާ އެތަކެއް އަހަރުވެފައިވާތީ އިނގިރޭސީންގެ މިފިޔަވަޅުން އީރާނުގެ ބޭންކިންގ ދާއިރާއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ތަޖްރިބާކާރުން ބުނެއެވެ.

އިނގިރޭސި ސަފީރު އީރާނުން ބޭރުކޮށްލުމަށް ނިންމުމުން އިނގިރޭސި ޚާރިޖިއްޔާއިންވަނީ އެކަމާމެދު ހިތާމަކުރާކަން ހާމަކޮށްފައެވެ. އިނގިރޭސިވިލާތުން ހުއްޓުވަން ބޭނުންވަނީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ކަމަށާއި އީރާނާމެދު އުސޫލެއްގެ ގޮތުން ދުޝްމަންކަމެއް ނެތްކަމަށްބުނެ ސަފީރު ބޭރުކޮށްނުލުމަށް އިނގިރޭސި ޚާރިޖިއްޔާއިން އީރާނަށް އިލްތިމާސްކޮށްފައިވެއެވެ.

ތެހެރާނުން އިނގިރޭސި ސަފީރު ބޭރުކޮށް ޑިޕްލެމެޓިކް ގުޅުންތައް އިނގިރޭސިވިލާތާއެކު ދަށްކޮށްލުމުން އީރާނުގައި ޖާސޫސީ ހަރަކާތްތައް ހިންގުމުގެ ފުރްސަތު އިނގިރޭސިވިލާތަށް ވަރަށް ކުޑަވެގެންދާނެ ކަމަށް އީރާނުގެ ޚާރިޖިއްޔާއިން އިއްޔެ ބުނެފައިވެއެވެ. ޑިޕްލޮމެޓިކް ގުޅުންތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން އީރާނާދެކޮޅަށް ޖާސޫސީ ޙަރަކާތްތައް އިނގިރޭސި ދައުލަތުން ހިންގާ ކަމަށް އީރާނުން ކުރިންވެސް ތުހުމަތުކޮށްފައިވެއެވެ. -- އަލްޖަޒީރާ