މޯލްޑިވްސް އިމިގްރޭޝަނުން ކޯލް ސެންޓަރުގެ ހިދުމަތް ގާއިމުކޮށްފި އެވެ.

އެ ހިދުމަތް އިފްތިހާހު ކޮށްދެއްވީ، މިއަދު އިމިގްރޭޝަންގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ކޯލް ސެންޓަރުގެ ހިދުމަތް ވެގެންދާނީ ރައްޔިތުންނަށް ދެވޭ ވަރަށް މުހިއްމު ހިދުމަތަކަށް ކަމަށެވެ. ރާއްޖޭގެ ކޮންމެ ތަނެއްގައި ހުންނެވި ކަމުގައި ވީނަމަވެސް ރައްޔިތުންނަށް ލިބެންޖެހޭ މައުލޫމާތު ލިބޭވަރު ކޮށްދެއްވުމަކީ ރަނގަޅު ފެށުމެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ޕާސްޕޯޓުގެ ހިދުމަތާއި އެނޫންވެސް ގިނަ ހިދުމަތްތަކެއް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ މުހިންމުކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއިއެކު ހިދުމަތް ލިބޭނެ ގޮތެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެވެ. އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ސަރުކާރުންދޭ އެންމެހާ ހިދުމަތްތައް ލިބޭނެ ގޮތްތައް ހޯދައިދިނުމަކީ ސަރުކާރު ހިންގެވުމާއި ހަވާލުވެގެން ތިބޭ ބައެއްގެ މަސްޢޫލިއްޔަތެއް ކަމަށް މާރިޔާ ފާހަގަ ކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމިްގްރޭޝަން ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތު އެކަށީގެންވާ ގޮތުގައި ނުލިބޭކަމުގެ ޝަކުވާ އަބަދުވެސް ލިބޭކަމަށާއި، މިއަދަކީ ރައްޔިތުންގެ އެހުރިހާ އުދާސްތަކަށް ތަސައްލީއެއް ލިބިގެންދާނެ ދުވަހެއް ކަމަށެވެ. އެގޮތުން ކޯލް ސެންޓަރެއްގެ މުހިންމުކަން އެންމެ ރަނގަޅަށް އިހުސާސް ކުރެވޭނީ މައުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކަށް ކަމަށް ހަނަފީ ފާހަގަ ކުރެއްވިއެވެ.

ކޮންޓްރޯލަރ ޖެނެރަލް އިތުރަށް ވިދާޅުވީ، މިއަހަރު ތެރޭގައި ކުރުމަށް ކަނޑައެޅި ކަންތައްތަކުގެ ތެރެއިން ގާތްގަނޑަކަށް 93 ޕަސަންޓް ހާސިލްވެފައިވާ ކަމަށެވެ. އަދި އިމިގްރޭޝަންގެ މަގްސަދަކީ، ރައްޔިތުންނާއި ގުޅިގެން ޒަމާނީ ވަސީލަތްތަކުގެ ބޭނުންކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ

ކޯލް ސެންޓަރު މެދުވެރިކޮށް އިމިގްރޭޝަނުން ދެމުންގެންދާ ހުރިހާ ހިދުމަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. ކޯލް ސެންޓަރުގެ ނަންބަރަކީ 1434 އެވެ.