ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު ރ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަނުގައި ހަތަރު މީހަކު ހައްޔަރުކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އެ އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ޔަގީން ކޮށްދީފައިވާއިރު މަޑުއްވަރީއިން 'ސަން' އާ ވާހަކަ ދެއްކި މީހަކު ބުނީ ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މަޑުއްވަރީއަށް ނިސްބަތްވާ ދެމީހުންނާއި ރަށުން ބޭރުގެ ދެމީހުން ކަމަށް އޭނާ ބުންޏެވެ.

ފުލުހުން ބުނެފައިވަނީ އެ އޮޕަރޭޝަނުގައި ހައްޔަރު ކުރި ތިން މީހުންނަކީވެސް މަޑުއްވަރީ މީހުން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، 30 އަހަރާއި، 34 އަހަރު އަދި 29 އަހަރުގެ ފިރިހެނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މަޑުއްވަރީއިން ހައްޔަރުކޮށްފައިވަނީ އެރަށު މީޒާން، ހަސަން ސިޔާދު، 34 އާއި، ހަމަ އެރަށު މީރާ، ހަސަން ރާޒީ، 30 ކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. ދެން ހައްޔަރު ކުރި މީހުންގެ މައުލޫމާތު ވަނީ ލިބޭގޮތް ނުވެފަ އެވެ.

ހަސަން ސިޔާދަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުންގެ ތެރޭގައި އިސް މީހެއްގެ ގޮތުން ހަރަކާތްތެރިވާ މީހެއްކަން ވަނީ އެނގިފަ އެވެ. އަދި އޭނާގެ އެއްބަޑު އެހެން ކުއްޖަކު މީގެ ކުރިން ވަނީ ސީރިއާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވެ މަރުވެފަ އެވެ.

ހަސަން ރާޒީ އަކީވެސް ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުންގެ ތެރޭގައި ދިރިއުޅޭ އެ ފިކުރުގެ މީހެއްކަން ވަނީ އެނގިފަ އެވެ. އޭނާގެ އަންހެން ދަރިފުޅު ސުކޫލަށް ނުފޮނުވާ މައްސަލައެއް މީގެ ކުރިން މަޑުއްވަރީ ސުކޫލުން ޖެންޑަ މިނިސްޓްރީއަށް ހުށަހެޅި ކަމުގައ މައުލޫމާތު ލިބިފައިވެ އެވެ.

ފުލުހުން މަޑުއްވަރީގައި ހިންގަމުންދާ އޮޕަރޭޝަނުގައި ޖުމްލަ ފަސް ގެއެއް ބަލާ ފާސްކޮށްފައިވާއިރު އޭގެ ތެރެއިން މަޑުއްވަރީ ބީޗް ހައުސްއިން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން ވަނީ އެނގިފަ އެވެ. އެއީ ބަޔަކަށް ހަމަލާދޭން ބޭނުން ކުރާ ޒާތުގެ ތަކެތި ކަމަށް ބެލެވޭ ކަމަށް މަޑުއްވަރީއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުން ބަލާ ފާސްކުރި ބީޗް ހައުސް ގެއަކީ، ދާދި ފަހުން ކަނޑުމަތީގައި ހުއިފިލަނޑާ ނަގާ ދޯންޏެއްގައި އިސްމާއިލް ހައްމާދަށް ހަމަލާދިން އިސްމާއިލް އާސިފްގެ ގެ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް ތަކެތި ގެންގޮސްފައިވަނީވެސް އެގެއިން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ހައްމާދަށް ހަމަލާދިން މައްސަލާގައި ފުލުހުން އާސިފް ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދު މުއްދަތު ޖަހާފަ އެވެ. އޭނާ ވަނީ ބަންދު މުއްދަތު މަޖިލީހުގައި ހައްމާދަށް ހަމަލާދިން ކަމަށް އެއްބަސްވެފަ އެވެ.

މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އޮޕަރޭޝަނަކީ ހަރުކަށި ފިކުރުތަކަށް ތަބާވެ، ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކުންނާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދު ފަހަނަ އަޅައިދިޔުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި، ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމުތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު އުޅޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި އެމީހުންނަކީ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުން މަހުރޫމުކޮށް އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.