ރައްޔިތުންގެ މަޖިލީހަށް 85 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގައި މޯލްޑިވިއަން ޑިޕޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 85 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބުވެގެން ދިޔުމަކީ އެޕާޓީއާއި ރައްޔިތުންވެސް ހައިރާންކޮށްލި ބޮޑު ކާމިޔާބީ އެކެވެ. އެއީ މި އަހަރުތެރޭގައިވެސް އަދި މިފަހުން އެމްޑީޕީގެ ތާރީހުގައިވެސް ލިބުނު ބޮޑު ކާމީޔާބީއެއްގެ ގޮތުގައި އެޕާޓީއިން ފާހަގަކުރެ އެވެ.

މިއަހަރުގެ އެޕްރީލް ހަވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބަށް އެމްޑީޕީއިން ކުރިމަތިލީ ޕްލޭންތަކަކާއެކު އެވެ. ރައްޔިތުންނަށް ފުއްދައިދޭނެ ވައުދުތަކެއް ވެގެންނެވެ. އިންތިހާބުގެ ކެމްޕެއިނުގައި އެއް އަޑަކުން ދެއްކި ވާހަކައަކީ "އެޖެންޑާ 19" އިގެ ވާހަކަ އެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވާދަ ކުރެއްވި އެ އިންތިހާބުގެ ވައުދުތައް ތައްޔާރު ކުރީ ދޮރުން ދޮރަށް ހިނގައި ރައްޔިތުންގެ ހާލަތު ބެލުމަށް ފަހު ކަމަށް ރައީސް ނަޝީދު ވެސް ވިދާޅުވި އެވެ.

ކޯލިޝަނަކުން އައިސް މިހާރުގެ ވެރިކަމުގައި އޮތް އެމްޑީޕީ، ކޯލިޝަނާއި ވަކިން މަޖިލިސް އިންތިހާބުގައި ވާދަކުރީ "ޕާޓީއަށް ހައްގު މިންވަރު ހޯދުމަށް" ކަމަށް ބުނެ އެވެ. ޕާޓީތަކުގެ މެދުގައި ގޮނޑިތައް ބަހައިގެން 25 ދާއިރާއަށް ވާދަކުރުމަކީ އެ ޕާޓީއަށް ހައްގު މިންވަރު ނޫން ކަމަށް ޕާޓީގެ އާންމު މެމްބަރުންނާއި ޕާޓީގެ ރައީސްވެސް ދިޔައީ ވިދާޅުވަމުންނެވެ.

ގިނަ ބަހުސް ތަކަކަށް ފަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ވޯޓުން ނިންމީ އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރާށެވެ. އިންތިހާބު ނިންމައި ސުޕް މެޖޯރިޓީއާ އެކު 19 ވަނަ މަޖިލީހަށް އެމްޑީޕީއިން ވަނީ ހައްގު މިންވަރު ހޯދައިގެން ކަމަށް އެޕާޓީއިން ބުންޏެވެ.

ރޭވިގެން އިންތިޒާމުވެގެން ހިންގާ ސިޔާސީ ހަރަކާތް

އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ރައީސް ނަޝީދު އަދި ރައީސް ސޯލިހު --- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ޖަލްސާތަކުގައާއި އެއްވުންތަކުގައި އެމްޑީޕީގެ ރައީސް ނަޝީދު އަބަދުވެސް ވިދާޅުވާ ވާހަކަފުޅެއް އޮވެ އެވެ. އެއީ އެޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގާނީ ރޭވިގެން އިންތިޒާމުވެގެން ކަމެވެ. އެއީ ތެދެއްކަން އެމްޑީޕީއިން ވަނީ ސާބިތުކޮށްދީފަ އެވެ. އިންތިހާބުތަކަށް ނުކުންނަނީ ތައްޔާރުވެގެންނެވެ. އިންތިހާބުގެ ކުރިން ޕްރައިމެރީއެއް ބާއްވައި ކެންޑިޑޭޓުން ފައިނަލް ކުރުމުގެ ބާރު އާންމު މެމްބަރުންނަށް ދެ އެވެ.

ރައީސް ނަޝީދު އަބަދުވެސް ވިދާޅުވާ ވާހަކަފުޅެއް އޮވެ އެވެ. ސިޔާސީ ޕާޓީތަކުގެ ތެރެއިން އެއްގޮތެއްގައި ހިފަހައްޓާލެވޭނެ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އެހެން ޕާޓީތައް ދެތިން ފަހަރަށް އުވާލައި އަލުން އާ ޕާޓީތައް އުފަން ކުރުވާ ކަމުގެ ވާހަކަ އެވެ. އެއީ މަންޒަރު ދައްކާ ހަގީގަތްވެސް މެ އެވެ. މިހާރު އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ ޕީޕީއެމްވެސް އެންމެ ފުރަތަމަ އުފެދުނީ ޑީއާރުޕީގެ ގޮތުގަ އެވެ. މިހާރު އެ ޕާޓީއިން ވަނީ ތިންވަަނަ ޕާޓީއެއްގެ ގޮތުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެދިފަ އެވެ.

މަޖިލިސް އިންތިހާބުގެ އިތުރުން އެމްޑީޕީއިން މިއަހަރު ވަނީ ވާދަވެރި ލީޑަޝިޕު އިންތިހާބެއް ބާއްވާފަ އެވެ. އެހެން އަހަރުތަކެކޭ އެއްގޮތަށް މިފަހަރުވެސް ޕާޓީގެ ރައީސް ކަމަށް ވާދަކުރީ ރައީސް މުހައްމަދު ނަޝީދު އެވެ. އެހެންކަމުން ރައީސަކު ހޮވަން ނެގީ ފެންނަ ނުފެންނަ ވޯޓެކެވެ. ނައިބު ރައީސް ކަމަށް ކުރިވެސް ނައިބު ރައީސްކަން ކުރެއްވި މުހައްމަދު ޝިފާޒު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާދަކޮށް ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރީ ޝިފާޒު އެވެ.

މިހާރު އެމްޑީޕީއިން ތައްޔާރުވަމުން ދަނީ އެޕްރީލް 2020 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް އެޕާޓީއިން ނެރޭނެ ކެންޑިޑޭޓުން ފައިނަލް ކުރުމަށް ޕްރައިމެރީއެއް ބޭއްވުމަށެވެ. ބެލެވޭ ގޮތުން އެ ޕްރައިމެރީ ފެށޭ އަހަރުގެ ޖެނުއަރީ މަހު ބާއްވާނެ އެވެ.