19 Dec 2019, 09:08
ތެހެރާން (ޑިސެމްބަރު 18) : މެދުތެރޭ އޭޝިއާގެ ގައުމުތަކުގެ ގައުމީ ސަލާމަތާ ބެހޭ އިސްވެރިންގެ ފަންނީ ބައްދަލުވުމެއް އީރާނުގެ ވެރިރަށް ތެހެރާންގައި ފަށައިފި އެވެ.
އީރާނުގެ އިތުރުން އެގައުމުގެ އަވަށްޓެރި ބައެއް ގައުމުތައް ކަމަށްވާ ތަޖަކިސްތާން، އުޒްބަކިސްތާން، އަފްޣާނިސްތާން، އިންޑިއާ، ޗައިނާ އަދި ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ އިދާރާތަކުގެ މުސްތަޝާރުންނާއި އަމީން އާންމުންގެ އިތުރުން އަމަނާ ބެހޭ ފަންނީ ތަޖްރިބާކާރުން މިބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ. މިބައްދަލުވުން އިފްތިތާހް ކޮށްދެއްވީ އީރާނުގެ ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އަމީންއާންމު ރިޓަޔަޑް ޖެނެރަލް އަލީ ޝަމްޚާނީ އެވެ.
އިފްތިތާހް ކުރުމުގެ ގޮތުން ޝަމްޚާނީ ދެއްކެވި ވާހަކަފުޅުގައި މެދުތެރޭ އޭޝިއާގެ ސަރަހައްދަށާއި ގަލްފުގެ ސަރަހައްދަށް ދެބާވަތެއްގެ ނުރައްކާތައް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ. އެއީ އައިއެސް އާއި އަލްގާއިދާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ނުރައްކަލާ އަދި އެސަރަހައްދުގެ ގައުމުތަކަށް ބާރާއި ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާ ހުޅަނގުގެ ބާރުތަކުގެ ނުރައްކާކަމަށް ވިދާޅުވި އެވެ. މިއީ ޝަމްޚާނީ އެމެރިކާއަށް ކުރެއްވި އިޝާރާތެއްކަމަށް ވަނީ ބެލެވިފަ އެވެ.
ޝަމްޚާނީގެ ވާހަކަފުޅުގައި އަފްޣާނިސްތާނުގެ މައްސަލަ ގޯސްވެގެންދިޔައީ ވެސް ހުޅަނގުގެ ބާރުތައް އަސްކަރީ ގޮތުން އެގައުމަށް ވަދެގަތުމުގެ ސަބަބުންކަމަށް ވިދާޅުވި އެވެ. އަދި ގަލްފުގެ ސަރަހައްދުގެ ގައުމުތަކުގެ ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ވެސް އެސަރަހައްދުގެ ތެލާއި ގުދްރަތީ ވަސީލަތްތަކަށް ދަހިވެތިވެފައިވާ ހުޅަނގުގެ ބާރުތައް ކަމަށްވިދާޅުވި އެވެ. މިއީ އެމެރިކާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތަށް ކުރެއްވި އިޝާރާތެއްކަމަށްވަނީ ބެލެވިފަ އެވެ.
ތެހެރާންގައި މި ބައްދަލުވުން މިބާއްވަނީ އަފްޣާނިސްތާނަށް އަރައިތިބި އެމެރިކާ ސިފައިންގެ ބޮޑުބައެއް އެގައުމުން ބާލަން އެމެރިކާ މަސައްކަތްކުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ. އެމެރިކާއިން ވަނީ އަފްޣާނިސްތާނުގައިވާ އެމެރިކާ ސިފައިންނާ ކުރިމަތިލުމަށް ޓަކައި ތާލިބާން ޖަމާއަތަށް ހަތިޔާރު ފޯރުކޮށްދޭކަމުގެ ތުހުމަތު ރަޝިޔާއާއި އީރާނުގެ މައްޗަށް ކޮށްފަ އެވެ.
މީގެއިތުރުން މިއީ ތުރުކީގެ އޭޝިއާ ފަޅީގައިވާ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ އެންޗެރްލިކް ވައިގެ ބޭސް ބޭނުންކުރުމުގެ ފުރްސަތު އެމެރިކާއަށް ނުދޭނެކަމުގެ ކަމުގެ އިންޒާރު ތުރުކީން ދެމުން ގެންދާ ދަނޑިވަޅެކެވެ. އެންޗެރްލިކް ވައިގެ ބޭހަކީ ގަލްފާއި މެދުތެރޭ އޭޝިޔާގެ ސަރަހައްދުގައި އެމެރިކާ ހިންގާ އަސްކަރީ ހަރަކާތްތަކުގެ ހަބެއްގެ ގޮތުގައި އެމެރިކާ ބޭނުންކުރާ އަސްކަރީ ބޭހެކެވެ. އެތަނުގައި އެމެރިކާ އިން 50 އަށް ވުރެ ގިނަ ނިއުކްލިޔާ މިސައިލް ރައްކާކޮށްފައިވެ އެވެ.
މެދުތެރޭ އޭޝިއާއާއި ގަލްފަށް ބާރާއި ނުފުޒު ހިންގުމަށް އެމެރިކާ މަސައްކަތް ކުރަނީ ޗައިނާ އިގްތިސާދީ ގޮތުން ބާރުގަދަވަމުންދާ ދިޔުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށާ އެމެރިކާ އެންމެ ކަންބޮޑުވަނީ އޭޝިއާ އެފްރިކާ އަދި ޔޫރަޕް ވިޔަފާރީގެ ގޮތުން ގުޅާލުމަށް ޗައިނާ ބިނާކުރަމުން ގެންދާ ބެލްޓް އެންޑް ރޯޑް މަޝްރޫއާމެދުގައި ކަމަށް ސްޓްރެޓީޖިކް ތަޖްރިބާކާރުން ދެކެ އެވެ.
މިއީ ދުނިޔޭގެ އިގްތިސާދީ އެއްވަނަ ބާރުގެ މަގާމުން އެމެރިކާ އެއްފަރާތް ކުރުމުގެ އިތުރުން އެމެރިކާގެ އިގްތިސާދަށް ހީނުކުރާވަރުގެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރުވާނެ ކާމިޔާބު މަޝްރޫޢަކަށް ވެގެންދާނެކަމުގެ ބިރު އެމެރިކާ އިހްސާސް ކުރެ އެވެ. ނަމަވެސް އިގްތިސާދީ ފައިދާ ހާސިލް ކުރުމަށްޓަކައި ޔޫރަޕްގެ ގައުމުތައް ވެސް ގެންދަނީ އެމެރިކާގެ ނުރުހުމުގައި ބެލްޓް އެންޑް ރޯޑް މަޝްރޫއުގައި ބައިވެރިވެ ޗައިނާއާ އިގްތިސާދީ ގޮތުން ގުޅުންތައް ބަދަހި ކުރަމުންނެވެ. (ނޫސްއެޖެންސީތައް)