18 Dec 2019, 19:47
އައްޑޫ ސިޓީ، ހިތަދޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހެއްގެ ފައި ބިނދި، އެކިވަރުގެ އަނިޔާވެއްޖެއެވެ.
އެކްސިޑެންޓްގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، މިއަދު ހަވީރު 4:08 ހާއިރުއެވެ.
ފުލުހުން ބުނީ، އެކްސިޑެންޓުގައި އަނިޔާވީ 64 އަހަރުގެ ފިރިހެނަކަށް ކަމަށާއި އެ މީހާގެ ކަނާތުފައި ބިނދި، ނިތްކުރި މަށައިގެން ގޮސްފައިވާ ކަމަށެވެ.
އެކްސިޑެންޓް ހިނގާފައި ވަނީ ހިތަދޫ، ގާޒީ މަގުން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއް އައި ކޮޅަށް އަނބުރާލަން އުޅުމުގެ ތެރޭގައި އުތުރުން ދެކުނަށް ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެކްސިޑެންޓްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާގެ އަތުގައި ލައިސެންސް އޮތް ކަމަށާއި ނަމަވެސް އަނެއް ސައިކަލުގައި އިން 25 އަހަރުގެ މީހާގެ އަތުގައި ލައިސެންސެއް ނެތް ކަމަށެވެ. ދެ ސައިކަލަށްވެސް އެކި ވަރުގެ ގެއްލުން ލިބުނު ނަމަވެސް، 25 އަހަރުގެ މީހާއަށް އަނިޔާ ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިއަހަރު މިހާތަނަށް 2،257 އެކްސިޑެންޓެއް ފުލުހުންގެ މުއައްސަސާއަށް ވަނީ ރިޕޯޓު ކުރެވިފައެވެ. އޭގެ ތެރޭގައި މިމަހު ހިނގި 91 އެކްސިޑެންޓެއް ހިމެނެއެވެ.