ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮޕަރޭޝަންް ފުޅާވެގެންދާއިރު އެންމެ އިސްކަން ދޭންޖެހޭ ކަމަކީ ޓެކްނިކަލް މުވައްޒަފުން ތަމްރީނު ކުރުން ކަމަށް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މޫސާ ސޯލިހު ވިދާޅުވީ އެމްއޭސީއެލް އިން އެންމެ އިސްކަމެއް ދެނީ ދިވެހިންނަށް ވަޒީފާ ދޭން ކަމަށާއި ކުންފުނީގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ ދިވެހިން ކަމަށެވެ.

"އެންމެ މުހިއްމު ދާއިރާއަކަށް ވާނީ މުވައްޒަފުން ތަމްރީނު ކުރުން. ކޮންސްޓްރަކްޝަން މަސައްކަތްކުރާނެ ވަސީލަތްތައް އަޅުގަނޑުމެންނަށް ލިބިދާނެ ޗައިނާ އާއި އެހެން ގައުމުތަކުން. އެންމެ އުނދަގޫވާނީ މުވައްޒަފުން ތަމްރީނު ކުރުން. ވަރަށް ވަގުތުވެސް ނަގާކަމެއް،" މޫސާ ސޯލިހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު އެއާޕޯޓު އަޕްގްރޭޑިންގެ މަސައްކަތްތަކަށް ބަލާއިރު ކުރިއަށް އޮތްތަނުގައި 1000 އެއްހައި އާ މުވައްޒަފުން އެތަނަށް ބޭނުންވާނެ ކަމަށެވެ. އަދި އެ އަދަދަކީ އާ ޓާމިނަލް ހުޅުވުމާއެކު ބޭނުންވާނެ އަދަދު ނުހިމަނާ ބޭނުންވާ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ސީޒަނާ ދިމާކޮށްވެސް 400 އެއްހައި މުވައްޒަފުން ނަގައިފިން. އޭގެ އިތުރަށް އަންނަ އަހަރުގެ ތެރޭ އިތުރު މުވައްޒަފުން ބޭނުންވާނެ،"

މޫސާ ސޯލިހު ވިދާޅުވީ އޭވިއޭޝަން ދާއިރާއިން މީހުން ތަމްރީނު ކުރާނެ އިންސްްޓިޓިއުޓެއް ހިންގުމުގެ ހުއްދަ ލިބި އެތަން މިހާރު ރެޖިސްޓްރީކޮށްފައިވާކަމަށެވެ. އިންސްޓިޓިއުޓު ހިންގުމަށް ބޭނުންވާ ބިން ހުޅުމާލެ އިން ހަމަޖެހިފައިވާއިރު އަންނަ އަހަރު އެތަނުގެ މަސައްކަތް ފަށައި މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މޫސާ ސޯލިހު ވިދާޅުވިއެވެ.