ކޮލަންބޯ (ނޮވެމްބަރ 28) : ސްރީލަންކާއަށް ކުރަމުންދާ ވިއްސާރާގައި އެތައްބަޔަކު މަރުވެ ޢިމާރާތްތަކަށާއި ގޯތި ގެދޮރަށް ގެއްލުންތަކެއް ލިބިއްޖެވެ. މި ވިއްސާރައިގާ އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ މިދިޔަ ހުކުރުދުވަހު އައި ކޮޅިގަނޑެއްގައެވެ.

މިކޮޅިގަނޑުގައި 14 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވިއެވެ. ސްރީލަންކާގެ އޮފިޝަލުން ވިދާޅުވިގޮތުގައި ގަދަ ވަޔާއި ބޯ ވާރެއާއެކު އައި މިކޮޅިގަނޑުގައި ގިނަ ޢަދަދެއްގެ ގެދޮރު ހަލާކުވެ ގަސްތައް ވެއްޓި އެތައްބަޔަކު ގެއްލިފައިވާ ކަމުގައެވެ. ގެއްލިފައިވާ މީހުންގެ ތެރޭގައި 30 އަށް ވުރެ ގިނަ މަސްވެރިން ވެސް ހިމެނެއެވެ.

ސްރީލަންކާގެ ރައީސް މަހިންދާ ރާޖަޕަކްސާ ވިދާޅުވީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައެވެ. ސްރީލަންކާގެ މޫސުމާބެހޭ އިދާރާ ބުނާގޮތުން އަދިވެސް ކުރިޔަށް އޮތީ ގަދަ ވިއްސާރައެވެ.

މިއީ ހުޅަނގު މުސުމާއި އިރުވައި މޫސުން ބެދޭތާނގައިކުރާ ވިއްސާރައެއް ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގަދައަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހި ވައިވެސް ގަދަވާނެ ކަމަށް އެއިދާރާއިން ލަފާކުރެއެވެ. ވިއްސާރައިގެ ސަބަބުން ސްރީލަންކާގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވަމުންދާ ކަމަށްވެސް ޚަބަރުލިބެއެވެ. -- އަލްޖަޒީރާ