ބަދު އަހުލާގީ އަމަލު ހިންގުމަށް ދެ އަންހެން ކުދިން ހޯދައިދީފި ނަމަ މައްސަލަ ތަހުގީގު ނުކޮށް ދޫކޮށްލާނެ ކަމަށް ބުނެ މީހެއްގެ ކިބައިން ރިޝްވަތު ހޯދަން އެދުނު ކަމަށް ބުނާ ފުލުހަކު އެއް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލުކޮށްފި އެވެ.

މއ. ހިންނަވަރު އަހުމަދު އިސްމާއީލް އެއް އަހަރަށް ޖަލަށްލާން ހުކުމް ކުރީ މާޗް 10، 2011ގަ އެވެ. އެ ހުކުމް ހައިކޯޓުން ބާތިލު ކުރީ މިއަދު އެވެ.

ކްރިމިނަލް ކޯޓްގެ ހުކުމާމެދު ހިތްހަމަ ނުޖެހިގެން އަހުމަދު އިސްމާއީލް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލައި ޝަރީއަތް ހިންގުމަށް ފަހު ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި އައްބާސް ޝަރީފު އިއްތިފާގުވެ ވަޑައިގެން އިއްވެވި ނިޔާގައި ބުނަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) ގެ ދަށުން ރިޝްވަތު ލިބިގަތުމުގެ ކުށުން އަހުމަދު އިސްމާއީލް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.

އެ ހުކުމުގައި ބުނަނީ މުޅި ހާދިސާއަށް ބަލާއިރު އަހުމަދު އިސްމާއީލް ރިޝްވަތު ލިބިގަތުމަށް އެދުނުކަން ޔަގީނާ ގާތްކުރާ މިންވަރަށް ސާބިތުވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި ރިޝްވަތު ނެގުމަށް އޭނާ އެދުނުކަން އިތުރު ހެއްކާއި ގަރީނާއާ ނުލައި، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ގޮތުގެ މަތީން އެކަށީގެންވާ މިންވަރެއްގެ ޝައްކެތްނެތި ޝަރީއަތަށް ސާބިތުވާން އޮތް ކަމަށް ފަނޑިޔާރުންނަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި ބުނެފައި ވަނީ އަހުމަދު އިސްމާއީލް ރިޝްވަތު ލިބިގަތުމަށް އެދި، ދިން ކަމަށް ބުނާ ލިޔުމަށް ނަޒަރު ކުރާއިރު އެ ލިޔުމުގައިވާ ކަންކަމަކީ ގަނޑެއްގައި ލިޔެ މީހަކަށް ދީފާނެ ފަދަ ލިޔުމެއް ކަމަށް ގަބޫލުކުރަން ދަތި ކަމަކަށާއި ތަހުގީގަށް އެ ގަނޑު ލިބުމުން އެއީ އަހުމަދު އިސްމާއީލް ދީފައިވާ ގަނޑެއްތޯ ކަށަވަރު ކުރުމުގެ ގޮތުން އެގަނޑުން ފިންގާ ޕްރިންޓް ނެގުންފަދަ އެއްވެސް ސައިންޓިފިކް ތަހުލީލެއް ކުރިކަން އެނގެން ނެތުމުން ޝައްކު އުފެދޭ ކަމަށެވެ.

އަހުމަދު އިސްމާއީލަކީ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑްރަގް އެންފޯސްމަންޓް ޔުނިޓްގެ ކޮންސްޓަބަލެއްގެ މަގާމުގައި ހުރި މީހެކެވެ. އޭނާގެ މައްޗަށް ކުރިން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މ. ޖެއިނާ، މަބާހް ވަހީދުގެ ފަރާތުން ރިޝްވަތު ލިބިގަތުމަށް އެދިފައިވާ ކަމަށް ބުނެ އެވެ.


އޭރު އިއްވި ހުކުމުގައި ބުނެފައި ވަނީ މަބާހްގެ މައްސަލަ ތަހުގީގުކުރަމުން ދިޔައީ އަހްމަދު އިސްމާއިލްކަން އޭނާގެ ބަހުން އެނގޭ ކަމަށެވެ. އެ ތަހުގީގުގެ ތެރޭގައި އަހްމަދު އިސްމާއިލް ބަދުއަހުލާގީ އަމަލު ހިންގުމަށް 16 އަހަރާއި 25 އަހަރާ ދެމެދުގެ ދެ އަންހެން ކުދިން ހޯދައިދިނުމަށް މަބާހުގެ ކިބައިން އެދިފައި ކަމަށެވެ.

އަދި އެ ކުދިން ތިން ރޭ މަތިން ކޮންމެ ރެއެއްގެ 8:00 އިން ދަންވަރު 1:00 އަށް އޭނާ ބުނާ ގޮތަކަށް ޖިންސީ ގުޅުން ހިންގައިދީފި ނަމަ، މަބާހްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލާގައި ފިޔަވަޅެއް ނާޅައި ދޫކޮށްލާނެ ކަމަށް މަބާހްގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާ ކަމަށެވެ.