18 Dec 2019, 17:04
ފުޓުބޯޅައަށް ލޯބި ކުރާ އެންމެ ގިނަ ބަޔަކު އެ މެޗަކަށް ބޮޑު އިންތިޒާރުކުރާ އެއް މެޗަކީ ސްޕެއިންގެ ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލު ކުރާ އެލްކުލެސިކޯ މެޗެވެ. އެކަމަކު ރާއްޖޭގައި ތިބި ފުޓުބޯޅައަށް މަރުދޭ ގިނަ ސަޕޯޓަރުންނަށް މެޗު ބެލޭނެ ރަނގަޅު އިންތިޒާމެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރާއްޖޭގެ ގިނަ ބަޔަކު އެންމެ ފޯރީގައި އަބަދު ވެސް ސަޕޯޓް ކުރާ ދެ ކުލަބަކީ ބާސާއާއި ރެއާލް އެވެ. ނަމަވެސް ފަހަކަށް އައިސް ރާއްޖޭގެ ހުރިހާ ގެއެއްގައި ކަހަލަ ގޮތަކަށް ބޭނުންކުރާ މީޑިއާ ނެޓުން ސްޕެނިޝް ލީގުގެ އެއްވެސް މެޗެއް ނުދައްކަ އެވެ. އެހެން ކަމުން މެޗުތައް ބަލަން ޖެހެނީ އެކި އެކި ޗެނެލްތަކުން ސްޓްރީމް ކޮށްގެންނެވެ. ނޫނީ ފޭސްބުކް ލައިވް އިންނެވެ.
އެއީ ދެކުނު އޭޝިޔާ ރީޖަންއަށް ސްޕެނިޝް ލީގުން އެއްވެސް ޗެނަލަކަށް ހުއްދަ ދީފައި ނުވާތީ އެވެ. މީގެ ކުރިން ސްޕެނިޝް ލީގާ އެކު މި ސަރަހައްދުން ވެފައިވާ އެއްބަސްވުން އޮތީ "ސޮނީ" އާ އެކު އެވެ. ނަމަވެސް މި އަހަރު ފެށުމުގެ ކުރިން ސޮނީއާއި ސްޕެނިޝް ލީގާއި ދެމެދު ވެފައިވާ އެއްބަސްވުން ވަނީ އުވާލައިފަ އެވެ. އެއާ އެކު މި ސަރަހައްދަށް މެޗުތައް ބެލުމަށް ފޭސްބުކް މެދުވެރިކޮށް ވަނީ ހަމަޖައްސާފަ އެވެ.
"ވަރަށް އުނދަގޫ ކަމެއް ދެއްތޯ މިހާ އިންޓަނެޓް ސްލޯ އިރު މެޗުތައް ސްޓްރީމް ކޮށްގެން ބެލުމަކީ. އެވަރަށް ޑާޓާ ވެސް ދޭ. މި ނޫން ގޮތެއް މިކަމަށް ހޯދަން ޖެހޭ،" ސްޕެނިޝް ލީގުގެ މެޗުތައް ޓީވީން ބަލާލުމުގެ ފުރުސަތު ނުލިބޭތީ މީހަކު ބުންޏެވެ.
މީޑިއާ ނެޓުން ބުނީ އެ ފަރާތަށް އެ ލީގުގެ އެއްވެސް މެޗެއް ދެއްކުމަށް ރައިޓްސް ލިބިފައި ނުވާ ކަމަށެވެ. އެހެން ކަމުން މިރޭ އޮންނަ އެލްކުލެސިކޯގެ މެޗު ވެސް ނުދައްކާނެ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމެއް އެއީ ސްޕެނިޝް ލީގު މީޑިއާ ނެޓުގެ ޗެނަލަކުން ދެއްކުމަކީ. އަދި މިހާތަނަށް ރައިޓްސެއް ނުލިބޭ." މީޑިއާ ނެޓުގެ ކޮންޓެންޓް އެންޑް މާކެޓިންގް މެނޭޖަރު ޝިއުނާ ހަމީދް ވިދާޅުވި އެވެ.
މިރޭގެ އެލްކުލެސިކޯއާ ދިމާކޮށް ސްޓްރީމްކޮށްގެން މެޗު ބެލުމަށް ގިނަ ބަޔަކު ތައްޔާރުވަމުން އަންނަ އިރު މުޅި ސޯޝަލް މީޑިއާގައި ވެސް އަންނަނީ މެޗުގެ ފޯރި ހިއްޕާލަމުންނެވެ.