18 Dec 2019, 17:07
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްއާ އެކު ހޭދަކުރަމުން ދަނީ އުފާވެރި ދުވަސްތަކެއް ކަމަށާއި، އޭނާ އެ ކުލަބުގައި ފުޓުބޯޅަ ހަޔާތް ނިންމާލުމާ ގާތް ކަމަށް ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް ބުނެފި އެވެ.
ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މީގެ ކުރިން ފަސްފަހަރު ހޯދާފައިވާ ރޮނާލްޑޯ ސްޕެއިންގެ ރެއާލް މެޑްރިޑާ އެކު ގިނަ ތަށިތަކެއް ހޯދާ ރެކޯޑްތަކެއް ހެދުމަށްފަހު ޔުވެންޓަސްއަށް ބަދަލުވީ މިދިޔަ އަހަރުގެ ވޯލްޑް ކަޕަށްފަހު އެވެ. އެއަށްފަހު މިދިޔަ ސީޒަނުގައި ޔުވެންޓަސްއާ އެކު މޮޅު ކުޅުމެއް ދައްކާ އިޓަލީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިރު ރޮނާލްޑޯ ވަނީ ގިނަ ގޯލުތަކެއް ވެސް ޖަހައިފަ އެވެ.
ރޮނާލްޑޯ މިވަގުތު ޔުވެންޓަސްއާ އެކު 2022 ގެ ނިޔަލަށް ވަނީ ކޮންޓްރެކްޓެއް ހަދާފަ އެވެ. މިއީ އަދި ރޮނާލްޑޯގެ ފަހު ކޮންޓްރެކްޓް ކަމެއް އޭނާ ބުނެފައެއް ނުވެ އެވެ. ނަމަވެސް އެ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަކީ އޭނާގެ ފަހު ވޯލްޑް ކަޕު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
"ޔުވެންޓަސްއާ އެކު ރޮނާލްޑޯ ހޭދަކުރަމުން ދަނީ އުފާވެރި ދުވަސްތަކެއް. އެ ޓީމުގެ ކޯޗު [މޯރީޒިއޯ ސަރީ] އަކީ މޮޅެތި އިރުޝާދުތަކެއްގެ ވެރި ކޯޗެއް،" ރޮނާލްޑޯގެ އެޖެންޓް މެންޑޭސް ބުންޏެވެ.
އޭނާ ބުނީ ރޮނާލްޑޯ ޔުވެންޓަސްއާ އެކު ރިޓަޔާ ކުރުމަކީ މިވަގުތު އޮތް ހާލަތަށް ބަލާފައި ވެދާނެ ކަމެއް ކަމަށެވެ. އަދި ރޮނާލްޑޯގެ ކޮންޓްރެކްޓް ހަމަވަންދެން ޔުވެންޓަސްގައި ހުންނާނެ ކަމަށް ވެސް އެޖެންޓް ބުންޏެވެ.
ރޮނާލްޑޯ އަންނަނީ މި ސީޒަނުގައި ވެސް ޔުވެންޓަސްއާ އެކު ތަފާތު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގައި ކުޅުނު 19 މެޗުން އޭނާ ވަނީ 11 ގޯލު ޖަހައިފަ އެވެ. އަދި ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ރޮނާލްޑޯ ގޯލު ޖެހި އިރު ޔުވެންޓަސްގައި މިވީ ދޮޅު އަހަރުގެ ތެރޭގައި އޭނާ ވަނީ ޖުމުލަ 39 ގޯލު ޖަހައިފަ އެވެ.