ދިއްލީ (ޑިސެމްބަރު 18): އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް އެ ގައުމުގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޕެޓިޝަންތަކުގެ އަޑު އެހުން ބާއްވާނީ އަންނަ މަހު ކަމަށް އެކޯޓުން އަންގައިފި އެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް މިދިޔަ ހަފްތާގައި ގެނައި އިސްލާހުތަކާ ގާނޫނު އަސާސީއާ ފުށޫ އަރާ ކަމަށް ބުނެ ހުށަހަޅާފައިވާ ޕެޓިޝަންތަކަށް ރައްދު ދިނުމަށް ސަރުކާރަށް ފުރުސަތު ދޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ. އަދި އޭގެ ފުރަތަމަ އަޑު އެހުން ބާއްވާނީ އަންނަ މަހުގެ 22ގައި ކަންވެސް ކޯޓުން ވަނީ ހާމަކޮށްފަ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު އިންޑިއާގެ ޕާލިމެންޓުން ފާސްކުރި ރަށްވެހިކަމުގެ ބިލުގައި ވަނީ އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެވާ އަފްގާނިސްތާން، ޕާކިސްތާން އަދި ބަންގުލަދޭޝްގެ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ލިބޭނެ ގޮތް ހަދައިފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ރައީސް ރާމް ނާތު ކޯވިންދު ވަނީ އެ ބިލު ތަސްދީގު ކުރައްވައިފަ އެވެ.

އިންޑިއާގެ ސަރުކާރުން ވަނީ އެ އިސްލާހު ފާސް ކުރީ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުގައި އެހެން ދީނަކަށް ތަބާވުމުގެ ސަބަބުން އަނިޔާއާ ފުރައްސާރައާ ކުރިމަތިލާން ޖެހޭ މީހުންނަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ކަމަށް ބުނެފަ އެވެ.

ނަމަވެސް އެބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ މުސްލިމުންނާ މެދު ތަފާތުކުރާ އަދި އެގައުމުގައި ހަމަހަމަކަމާ އެކު އަމަލު ކުރުމަށް އަންގާފައިވާ ގާނޫނު އަސާސީއާ ފުށުއަރާ އިސްލާހެއް ކަމަށް ބުނެފަ އެވެ. އަދި އައްސާމްގައި އެގާނޫނާ ދެކޮޅަށް މުޒާހަރާ ކުރާ މީހުން ވަނީ އޭގެ ސަބަބުން އަވަށްޓެރި ބަންގުލަދޭޝްގެ ގިނަ އަދަދެއްގެ މީހުން އިންޑިއާއަށް ގަވާއިދާ ހިލާފަށް އެތެރެވާން ފަށާނެ ކަމަށް ބުނެފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެ ގާނޫނުގެ ސަބަބުން އެގައުމުގެ އެއްވެސް ރައްޔިތަކަށް އަސަރެއް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ގާނޫނާ ދެކޮޅަށް މުޒާހަރާތައް ބާއްވަނީ އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ، ދޮގު ވާހަކަތައް ފަތުރައިގެން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތަކުގައި ހަ މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރެއިން ތިން މީހަކު މަރުވީ ފުލުހުން ބަޑި ޖެހުމުން ކަމަށްވީ ނަމަވެސް، ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ނުކުރާ ކަމަށް ބުނެފަ އެވެ.