18 Dec 2019, 13:32
ރާއްޖެ ދުނިޔެއަށް މަޝްހޫރުވެފައި އޮންނަނީ އަގު ބޮޑު މަންޒިލެއްގެ ގޮތުގަ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު މިލިޔަނަކަށްވުރެ ގިނަ މީހުން ބޮޑު ހަރަދެއްކޮށްފައި އަންނަނީ ރާއްޖޭގެ ރީތި ދޮންވެލި ތުނޑިތަކާއި ކަނޑުއަޑީގެ ރީތިކަން ދެކިލައި، ދިވެހިންގެ ފުރިހަމަ މެހުމާންދާރީ ތަޖުރިބާ ކޮށްލުމަށެވެ. "ސަނީ ސައިޑް އޮފް ލައިފް" ގެ އަޖުމަ ބަލައިލުމަށެވެ.
މިއަހަރު މެލޭޝިއާގައި ބޭއްވި ޓޫރިޒަމް ކޮންފަރެންސްގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔަކާއެކު ބޭއްވި ސެޝަންއެއްގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެތަނުގައި ތިބި ފަރާތްތަކަށް ވަރަށް ފަސޭހަ ސުވާލެއް އަމާޒު ކުރެއްވި އެވެ. ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދަންނަ މީހަކަށްވިއްޔާ އެ ސުވާލުގެ ޖަވާބު ފަސޭހަ ކަމާއެކު އެނގޭނެ އެވެ.

"މެލޭޝިއާ އިން ޓޫރިޒަމް އިޝްތިހާރު ކުރަނީ މެެލޭޝިއާ ޓްރޫލީ އޭޝިއާ' މި ޓެގްލައިން އާއެކު، ސުވާލަކީ، ރާއްޖެ ފަތުރުވެރިކަން އިޝްތިހާރު ކުރަން ބޭނުންކުރާ ޓެގްލައިން އަކީ ކޮބާހޭ؟" މިނިސްޓަރުގެ މި ސުވާލަށް ޖަވާބުދިނީ މެލޭޝިއާގައި ޓޫރިޒަމްގެ މަސައްކަތުގައި ހަރަކާތްތެރިވާ ޒަރީނާ އެވެ
ސަބާ ޓޫރިޒަމް ބޯޑުގައި މަސައްކަތް ކުރާ ޒަރީނާއަށް، މި ސުވާލުގެ ޖަވާބު ދިން އިރު އޭނާ އަށް ލިބެން އުޅެނީ ކިހާ ވަރެއްގެ ހަދިޔާއެއް ކަމެއް ނޭނގެ އެވެ. އޯޑިއަންސް އާ ކުރިމަތިވާގޮތަށް މިނިސްޓަރު އަލީ ވަހީދުގެ އަރިހަށް ޒަރީނާ ގެންގޮސް ވިދާޅުވީ "ރާއްޖޭގައި ހަ ދުވަސް ހޭދަކުރުމުގެ ފުރުސަތު ޒަރީނާ އަށް ލިބިއްޖެ" ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ޒަރީނާ އަށް ދިން ފުރުސަތުގައި އޭނާ ވަނީ ރާއްޖޭގެ ހަތްތަރީގެ ރިސޯޓެއްގެ އިތުރުން ސަފާރީ، ގެސްޓުހައުސް އަދި މީހުން އުޅޭ ރަށެއްގައި ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށްފަ އެވެ.
ދިވެހި ކެއުންތަކުގެ ރަހަ ބަލާލާ ދޮންވެލި ތުނޑިތަކާއި ކަނޑުއަޑީގެ މަންޒަރުތައް ބަލައިލަން ޒަރީނާ ރާއްޖެ އައީ އޭނާގެ ރައްޓެއްސަކާ އެކު އެވެ. ޒަރީނާގެ ތަޖުރިބާ ދުނިޔެއާ ހިއްސާކުރުމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ޑޮކިޔުމެންޓްރީ އެއްވެސް ތައްޔާރުކޮށްފަ އެވެ.
ބޮޑު ހައިރާންކަމަކާއެކު ރާއްޖެގައި ޗުއްޓީ ހޭދަކުރި ޒަރީނާ އެންމެ ފުރަތަމަވެސް ބުނީ އޭނާ ހުރީ "ޝޮކެއްގައި" ކަމަށެވެ.

"ޒަރީނާ: އަ މެލޭޝިއަން އިން މޯލްޑިވްސް" ގެ ނަމުގައި ތައްޔާރުކޮށްފައިވާ އެ ޑޮކިޔުމެންޓްރީ ރޭ ވަނީ އާންމުކޮށްފަ އެވެ. ރާއްޖެ އައިސް ޒަރީނާ އާއި އޭނާގެ ރަހުމަތްތެރިޔާ ކުރި ތަޖުރިބާ ދައްކައިދޭ އެ ވީޑިއޯ އިން ރާއްޖޭގެ ރީތިކަމާއި މެހުމާންދާރީގެ ފުރިހަމަކަން ފެނިގެންދެ އެވެ.
ޒަރީނާމެން ރާއްޖެ އައިސް އެންމެ ފުރަތަމަ ދުވަސް ހޭދަކުރީ މާލޭގަ އެވެ. މާލޭގެ ހޮޓަލެއްގައި ހޭދަކުރި އެ ދުވަހު އެމީހުން ވަނީ މާލޭގައި ހުރި ދުވަސްވީ ތަންތަނާއި މުހިއްމު ތަންތަން ބަލާފަ އެވެ. ޒަރީނާމެންގެ ދެވަނަ މަންޒިލަކީ ބ. އަތޮޅުގައި ހިންގާ މަތީފަންތީގެ ރިސޯޓު، އަނަންތަރާ ކިހަވައް ރިސޯޓެވެ. ލަގްޒަރީ ޓޫރިޒަމްގެ އެކްސްޕީރިއަންސް އާއެކު ބ. އަތޮޅުގައި އޮންނަ ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް ބަލައިލުމުގެ ފުރުސަތުވެސް ޒަރީނާ އަށް ލިބުނެވެ.
އެމީހުންގެ ތިންވަނަ މަންޒިލަކީ ބ. ތުޅާދޫ އެވެ. ލިޔެލާޖެހުމުގެ މަސައްކަތުގައި އެންމެ މަޝްހޫރު ތުޅާދޫގައި ކަލްޗްރަލް ޓޫރިޒަމްގެ ތަޖުރިބާ ކުރުމުގެ ފުރުސަތު ޒަރީނާ އަށާއި އޭނާގެ އެކުވެރިޔާ އަށް ލިބުނެވެ.
ގެސްޓުހައުސްގެ ތަޖުރިބާކޮށްލަން ޒަރީނާމެން ދިޔައީ ނ. ފޮއްދޫ އަށެވެ. އޭގެ ކުރިން ސަފާރީއެއްގައި އެއް ރޭ ހޭދަކުރި އެވެ. ފޮއްދޫގައި ހޭދަކުރި ދުވަހަކީ ދިވެހިވަންތަ ކަންތައް ތަޖުރިބާ ކުރުމަށް އެމީހުންނަށް ލިބުނު ފުރުސަތެކެވެ. އެގޮތުން ނައިޓް ފިޝިން އަށް ގޮސް ބާނާ މަސް ވަގުތުން ފިހެގެން ކެއުމާއި ފަޅުރަށަށް ޕިކްނިކް ދިޔުން ފަދަ ތަޖުރިބާ ކުރުމުގެ ފުރުސަތު ޒަރީނާ އަށާއި އޭނާގެ އެކުވެރިޔާ އަށް ދިނެވެ. މި ދަތުރުގައި ބޮޑުބެރުގެ ފޯރިވެސް ޒަރީނާމެން ތަޖުރިބާ ކުރިއެވެ.

ފޮއްދޫ އިން ފުރުމުގެ ކުރިން ޒަރީނާ އާއި އޭނާގެ އެކުވެރިޔާ ވަނީ މަސްހުނި މޮޑޭނެ ގޮތްވެސް ދަސްކޮށްފަ އެވެ.
ރާއްޖޭގައި ހަ ދުވަސް ހޭދަކުރުމަށްފަހު އެނބުރި މެލޭޝިއާ އަށް ފުރި އިރުވެސް ޒަރީނާ އަށް ހުރީ އޭނާގެ ނަސީބު ގަބޫލު ނުކުރެވިފަ އެވެ. ކުޑަކުޑަ ސުވާލަކަށް ޖަވާބު ދީގެން ދުނިޔޭގެ އެންމެ އަގުބޮޑު އެއް މަންޒިލުގައި ޗުއްޓީ އެއް ހޭދަކޮށްލުމަށްފަހު ޒަރީނާ ފުރީ އޭނާގެ ތަޖުރިބާ މުޅި ދުނިޔެއަށް ކިޔައިދިނުމަށެވެ.
"ރާއްޖޭގައި އޮތީ ހަމައެކަނި ކަނޑެއް ނޫން. ރާއްޖެ އައިސް ރަޖުރިބާކޮށްލާނެ އެތައް ކަމެއް އެބައޮތް. ކުރިން ހިކުރީ ރާއްޖެއަކީ ހަމައެކަނި މުއްސަނދިންނަށް އޮތް ތަނެކޭ. ލަގްޒަރީ ހަނީމޫނާސް އަށް އޮތް މަންޒިލެކޭ. އެކަމަކު މި ތަޖުރިބާ އިން އެނގުނީ މިއީ އެފޯޑަބަލް މަންޒިލެއްކަން،" ޒަރީނާ އާއި އެނާގެ އެކުވެރިޔާ ބުނެފައިވެ އެވެ.