18 Dec 2019, 13:12
އަންނަ އަހަރު ނިމޭ އިރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފައި، އިތުރު 13 ރިސޯޓު އަންނަ އަހަރު ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ރޭ ބޭއްވި "ބުރަބި" ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަނީ ޓޫރިޒަމް ދާއިރާގައި މި އަހަރު ކުރި މަސައްކަތްތަކާއި އަންނަ އަހަރަށް ތާވަލުކޮށްފައި ހުރި މަސައްކަތްތަކުގެ ތަފްސީލު ދެއްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރު އައި އިރު މިނިސްޓްރީގައި 143 ރިސޯޓު ރަޖިސްޓްރީ ކޮށްފައި އޮތް އިރު، މި އަހަރުގެ ތެރޭގައި 21 ރިސޯޓު ހުޅުވައި، އެ އަދަދު 164 އަށް ވަނީ އިތުރުވެފަ އެވެ.
ހަމައެއާ އެކު މިއަންނަ އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމުގެ އަމާޒާ އެކު ޖުމްލަ 4127 އެނދުގެ ޖާގައެއް ހިމެނޭ އިތުރު 13 ރިސޯޓު ހުޅުވާނެ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ.
މިއަހަރަށް ކަނޑައެޅި 1.5 މިލިއަން ފަތުރުވެރިން ގެނައުމުގެ ލަނޑުދަނޑި ހާސިލުވެ، ޑިސެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށް 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ.
މި އަހަރުގެ ތެރޭގައި 21 ރިސޯޓު ހުޅުވާފައިވާ އިރު، މިނިސްޓަރު ވިދާޅުވީ 101 ގެސްޓްހައުސް ވެސް ރަޖިސްޓްރީކޮށްދީފައިވާނެ ކަމަށާއި މުޅި ޖުމްލަ 130 ފެސިލިޓީ ޓޫރިޒަމް ދާއިރާއަށް މި އަހަރުގެ ތެރޭގައި އިތުރު ކޮށްދީފައިވާނެ ކަމަށެވެ.
ދެހާސް އަށާރަ ވަނަ އަހަރާ އަޅާބަލާ އިރު މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދާއި ހިދުމަތް ދޭ ތަންތަނުގެ އަދަދު އިތުރުވި އިރު، އޮކިއުޕެންސީ ރޭޓް ވެސް ވަނީ 62 ޕަސެންޓަށް އަރައި، 0.1 ޕަސެންޓް އިތުރުވެފަ އެވެ.