28 Nov 2011, 00:23
އަގީދާ ވަރުގަދަކޮށް ގައުމީ ޖޯޝާއި ހިތްވަރު އާލާކުރުމަށް ހިތަށް އަންނަ ވާހަކައެއް ދައްކާ އެ ވާހަކަތަކުގައި ހުރި ހެޔޮ ނުބައި ވަކިކުރުމަށް އެންމެންގެ މެދުގައި މަޝްވަރާކުރެވި ބަހުސްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ގައުމީ އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ގައުމާ މުހާތަބުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ގައުމިއްޔަތެއް ބިނާކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އަގީދާ ވަރުގަދަ ކުރުން ކަމަށާއި މީހުން ފާޅުކުރާ ހިޔާލުތައް ހަޖަމްކޮށް އެ ހިޔާލުތަކާ މެދު މަޝްވަރާކެރެވި އެ ހިޔާލުތަކުގެ ހެވާ ނުބައި ވަކިކޮށް އެގޮތަށް އަމަލުކުރަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ގާތުގައި ދައްކާ ވާހަކަތައް އަޅުގަނޑުމެންނަށް އިވޭ ވާހަކަތައް އަޅުގަނޑުމެންނަށް ފެންނަ މަންޒަރުތައް އެއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭ ނުވަތަ ހަޖަމްކުރެވޭ އަޑުއެހުމުގެ ހިތްވަރު ހުރި ވާހަކަތަކަކަށް ވާންޖެހޭ. އަޅުގަނޑުމެންނަކީ މީހަކު ބުނާހާ ގޮތަށް ބަޔަކު ދައްކާ ވާހަކައަކަށް އެނބުރޭ ބަޔަކަށް ވެގެނެއް ނުވާނެ. އެކަން ނުވުމަށް އަޅުގަނޑުމެން މިޖެހެނީ ވަކި ބާވަތެއްގެ ގައުމީ ރޫހެއް ގައުމީ ޖޯޝެއްއް، [އުފައްދަން]" ހައްދު ޖެހުމާ މެދު ގައުމީ ބަހުސަކަށް ދިޔުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ނަވަނެތެމް ޕިލޭ މިދިޔަ ހަފުތާގައި ސަރުކާރަށް ގޮވާލާފައިވާ ދަނޑިވަޅެއްގައި ރައީސް ވިދާޅުވި އެވެ. "މި ދެންނެވި ގައުމީ ޖޯޝާއި ރޫހު އުފެދިގެން އަންނަނީ ކަންކަން ފޮރުވުމާއި ވާހަކަތައް ނުދެއްކުމަކުންނެއް ނޫން. ކަންކަން ފޮރުވުމަކުންނެއް ނޫން. ސާފު ސާދާ ގޮތުގައި ދެފުށް ފެންނަ ގޮތުގައި އަޅުގަނޑުމެންގެ ހިތަށް އަރާ ވާހަކަތަށް އަޅުގަނޑުމެންގެ ދުލުން ބުނެވި އެ ވާހަކަތަކުގައި ހުރި ހެޔޮ ނުބައި އަޅުގަނޑުމެން އެންމެންގެ މެދުގައި ބަހުސްކޮށް މަޝްވަރާކުރެވި އެޔަށް ބުރަވެ އަޅުގަނޑުމެންގެ ކަންކަން ނިންމުން،"
ރައީސް ވިދާޅުވީ ގައުމީ އިނާމު އަދި ހިތްވަރުދިނުމުގެ އިނާމު ހާސިލްކުރެއްވި ފަރާތްތަކަށް އެ އިނާމު ހައްގުވުމުގެ އަސްލަކީ ވެސް ނުގުޑާފަދަ ވަރުގަދަ އަގީދާއެއްގެ މަތީގައި އެބޭފުޅުން ތިބެއްވުން ކަމަށާއި ގައުމެއްގެ ތަރައްގީކޮށް ބިނާކުރުމަށް އެފަދަ ބޭފުޅުންގެ ކިބައިން ނަމޫނާ ލިބިގަންނެ އަމިއްލަ ނަފްޒު ތަރައްގީ ކުރަންޖެހޭ ކަމަށެވެ.
"ތަރައްގީވާންޖެހެނީ ތިމާ މީހާ. ތަރައްގީއަކީ ތިމާއަށް ވާންޖެހޭ ގޮތެއް. އަމިއްލަ ދިވެހި މީހާޔަށް އަންނަ ބަދަލެއް. އެބަދަލު ގެނައުމަށްޓަކައި ގައުމުން ސަރުކާރުން ދައުލަތުން ކުރަންޖެހޭ ހައްގުތަކުގެ ތެރޭގައި ގައުމަށާއި ރައްޔިތުންނަށް ހިދުމަތްކޮށްދޭ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކަށް ހައްގު އިނާމާއި ހައްގު ޝުކުރުގެ ބަސް ރައްދުކުރުމަކީ ގައުމިއްޔަތަށްޓަކައި ކޮނެމެހެން ވެސް ކުރަންޖެހޭ [ކަމެއް]،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ތޭރަ ބޭފުޅަކާއި ކުންފުންޏަކަށް ހިތްވަރުދިނުމުގެ އިނާމާއި ދެ ބޭފުޅަކަށް ޝަރަފުވެރި ކަމުގެ އިނާމު ސަރުކާރުން ދެއްވި އިރު ރައީސްގެ ވާހަކަފުޅުގައި ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގަތް ދެ ބޭފުޅެއްގެ މަސައްކަތް ހާއްސަ ގޮތެއްގައި ފާހަގަކުރައްވާ އެބޭފުޅުން ގައުމަށްޓަކައި ކޮށްދެއްވާފައިވާ އަދި ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަ ކުރެއްވާ ވިދާޅުވީ އެބޭފުޅުން "ގައުމަށް ކޮއްދެއްވާފައިވަނީ އަގު ނުކުރެވޭ ހިދުމަތްތަކެއް" ކަމަށެވެ.
އެބޭފުޅުންނަކީ އުފެއްދުންތެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ދެއްވި ސ. ހިތަދޫ ވެސްޓް ބްރީޒް، ޕްރޮފެސަރު ހަސަން އުގެއިލާއި ގާނޫނީ ދާއިރާއިން އިނާމު ދެއްވި ސ. މީދޫ ހަސަންކާރިގޭ ހުސްނުއް ސޫއޫދެވެ.