ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ދެބައިކޮށްފައި އެއްބަޔަށް ވުރެ ގިނައީ ބިދޭސީން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

"ބުރަބި"ގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވިދާޅުވީ މި އަހަރުގެ ތެރޭގައި ފުލުހުންނާއި ސިފައިންނާއި މިނިސްޓްރީގެ މުވައްޒަފުން ހިމެނޭ ޓީމެއް، ފަތުރުވެރިކަމުގެ ދާއިރާގެ 1060 ތަން އިންސްޕެކްޓު ކޮށްފައިވާނެ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ ބިދޭސީ މީހުންކަން މިނިސްޓަރު އަލީ ފާހަގަ ކުރެއްވި އެވެ.

"މީގެ ކުރިން އިއުލާނު ނުކޮށް އޮތް ތަފާސްހިސާބެއް އިއުލާނު ކޮށްލާނަން. ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ]އަޅުގަނޑުމެންގެ މި އިންސްޕެކްޝަން ނިމުނުއިރު[ ޖުމްލަ 37،138 މުވައްޒަފުން އެބަތިބި. އޭގެ ތެރެއިން ދިވެހި މުވައްޒަފުންގެ ގޮތުގައި 17،609 މުވައްޒަފުން އެބަތިބި. ބިދޭސީ މުވައްޒަފުންގެ ގޮތުގައި 19،529 މުވައްޒަފުން އެބަތިބި." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަ ކުރެއްވި އަދަދުތަކުން އެނގޭ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ޖުމްލަ މީހުންގެ ތެރެއިން ނިސްބަތުން ބަލާ އިރު ބިދޭސީންގެ 52.5 ޕަސެންޓް މީހުންނެވެ.

"އުފަލާ އެކު ފާހަގަކުރަން ރާއްޖޭގައި މިވަގުތު ތިބި ގިނަ ރިސޯޓުތަކުން [86 ރިސޯޓުން] ގާނޫނާ ގަވައިދުގައި ނުވަތަ ހެދިފައި ހުރި އުސޫލުތަކުގައި އޮތް ދިވެހިން ވަޒީފާގައި ތިބެން ޖެހޭ އެޕެޓިޓިވްސް ވަނީ ހިފަހައްޓާފައި." މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ޓުއަރިޒަމް މިނިސްޓްރީން މި އަހަރު ކުރިއަށް ގެންދިޔަ ސޭފްޓީ އެންޑް ސެކިއުރިޓީ އޮޑިޓްގައި އިންސްޕެކްޓު ކުރި 1060 ތަނުގެ ތެރެއިން ރިސޯޓުތަކުގެ އަދަދަކީ 143 އެވެ.

އެ މަސައްކަތުގެ ތެރެއިން 194 ޑައިވް ސެންޓަރު، 711 ގެސްޓްހައުސް، 10 ޓޫރިސްޓު ހޮޓެލް އަދި ދެ ޔޮޓް މެރީނާ ވަނީ އިންސްޕެކްޓުކޮށްފަ އެވެ.