18 Dec 2019, 12:25
ކުއަލަލަމްޕޫރު (ޑިސެމްބަރު 18): މީގެ 13 އަހަރު ކުރިން މެލޭޝިއާގައި މޮންގޯލިއާގެ އަންހެނަކު މަރާލަން އަމުރު ކުރެއްވީ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ކަމަށް، އެ މައްސަލާގައި ޖަލަށްލާފައިވާ ފުލުސް މީހާ ބުނެފި އެވެ.
މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރު ކައިރީ އޮންނަ ޖަންގައްޔެއްގައި 2006 ވަނަ އަހަރު 28 އަހަރުގެ ޝަރީބޫ އަލްޓަންޓުޔާ މަރާލީ ބަޑި ޖަހައިގެންނެވެ. އެއަށް ފަހު އޭނާގެ ހަށިގަނޑުގައި ބޮން ހަރުކުރުމަށް ފަހު، އޭނާގެ ހަށިގަނޑު ވަނީ ގޮއްވާލައިފަ އެވެ.
އެ މައްސަލާގައި ޝަރީބޫ މަރާލި ކަމުގެ ކުށް ސާބިތުވެ މަރަން ހުކުމް ކުރީ، އެ ހާދިސާ ހިނގި އިރު ބޮޑުވަޒީރުގެ ނައިބުގެ ގޮތުގައި ހުންނެވި ނަޖީބު ރައްޒާގުގެ ދެ ބޮޑީގާޑުން ކަމަށްވާ އިންސްޕެކްޓާ އަޒިލާ ހަޑްރީ އާއި ކޯޕޮރަލް ސިރުލް އަޒުހަރު އުމަރުގެ މައްޗަށެވެ. އޭގެ ތެރެއިން ސިރުލް އަޒުހަރު ވަނީ އޮސްޓްރޭލިއާއަށް ފިލައިފަ އެވެ. ނަމަވެސް އަޒިލާ ހުރީ ޖަލުގަ އެވެ.
މެލޭޝިއާގެ ނޫސްތަކުގައިވާ ގޮތުން މިހާރު އަޒިލާ ވަނީ ޝަރީބޫ މަރާލަން އެންގެވީ ނަޖީބު ކަމަށް ބުނެ އެމައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ. އެގޮތުން އެ އަންހެން މީހާ އަކީ ޖާސޫސެއް ކަމަށާއި އޭނާ "ބަޑި ޖަހައިގެން މަރަން" ނަޖީބު އެންގެވި ކަމަށް އަޒިލާ ތުހުމަތު ކުރެ އެވެ.
މިދިޔަ އަހަރުގެ އާއްމު އިންތިހާބުން ނާކާމިޔާބުވުމުން ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި ނަޖީބު ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. އަދި އެއީ ބޮޑުވަޒީރު މަހާތިރު މުހައްމަދުގެ ސަރުކާރުން ރާވައިގެން އޭނާއަށް ދޭ ސިޔާސީ ހަމަލާއެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
"އެނގިފައިވާ ގޮތުގައި މި އާ ވާހަކައިގެ ސަބަބުން ސަރުކާރަށް އަޅުގަނޑު ހައްޔަރުކޮށް، ކަފާލާތުގެ ދަށުން ދޫނުކުރެވޭ ގޮތަށް ހެދޭނެ،" ފޭސްބުކް މެދުވެރިކޮށް ނަޖީބު ވިދާޅުވި އެވެ.
ޝަރީބޫގެ މަރާ ނަޖީބާ ގުޅުމެއްވާ ކަމަށް މީގެ ކުރިން ވެސް ވަނީ ހަބަރު ފެތުރިފަ އެވެ. އެގޮތުން ޝަރީބޫ ވަނީ 2002 ވަނަ އަހަރު މެލޭޝިއާ އިން ފްރާންސުގެ ކުންފުންޏަކުން ދެ ސަބްމެރިން ގަތް އިރު، މެލޭޝިއާގެ ސަރުކާރުގެ އޮފިޝަލުންނަށް ތަރުޖަމާ ކޮށްދޭ މީހެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. އެ އެއްބަސްވުން ހެދުމުގައި ނަޖީބާއި އޭނާގެ އަރިސް މުޝީރެއް ކަމަށްވާ އަބްދުލް ރައްޒާގު ބަގިންދާއާ އިސް ދައުރެއް އަދާ ކުރެއްވި އެވެ. އަދި އޭރު ޝަރީބޫއާ އަބްދުލްރައްޒާގާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް އަބްދުލް ރައްޒާގު ވަނީ ފަހުން އެއްބަސްވެފަ އެވެ.
މެލޭޝިއާއިން އެ ސަބްމެރިންތައް ގަތް ފަހުން، އެ އެއްބަސްވުން ހެދުމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގި ކަމަށް ފަހުން ވަނީ ތުހުމަތު ކުރެވިފަ އެވެ. އަދި ޝަރީބޫ މަރުވުމުގެ ކުރިން އޭނާ ދިޔައީ އަބްދުލް ރައްޒާގުގެ އަތުން ފައިސާތަކެއް ހޯދަން އޭނާ ބްލެކްމެއިލް ކުރަމުން ކަމަށް މެލޭޝިއާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
އެމައްސަލާގައި އަބްދުލް ރައްޒާގުގެ މައްޗަށް ޝަރީބޫ މެރުމުގައި އެހީތެރިވި ކަމަށް ދައުވާ ކުރި ނަމަވެސް އޭނާގެ މައްޗަށް އެދައުވާ ސާބިތެއް ނުވެ އެވެ.
ޝަރީބޫގެ އާއިލާއިން ވަނީ އަޒިލާގެ ތުހުމަތުތަކާ ގުޅިގެން، ޝަރީބޫގެ މަރު އަލުން ތަހުގީގު ކުރުމަށް ގޮވާލާފަ އެވެ.
މެލޭޝިއާގައި 2009އަކުން މިދިޔަ އަހަރާ ހަމަޔަށް ބޮޑުވަޒީރުކަން ކުރެއްވި ނަޖީބުގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ 42 ދައުވާއެއްކޮށްފަ އެވެ.