18 Dec 2019, 12:36
ނެޓްފްލިކްސްގެ އެންމެ ގިނަ ބަޔަކު ބަލާ ފަސް ޝޯގެ ތެރޭގައި ހިމެނޭ އޮރިޖިނަލް "ޔޫ"ގެ ދެވަނަ ސީޒަން ރިލީޒުކުރުމަށް ތައްޔާރުވެއްޖެ އެވެ.
ކާމިޔާބު ފުރަތަމަ ސީޒަނަކަށް ފަހު ޔޫގެ ފޭނުން ތިބީ ޖަވާބު ނުލިބި ހުރި އެތައް ސުވާލެއްގެ ޖަވާބުތައް ހޯދުމަށް ކެތްމަދުވެފަ އެވެ.
ނެޓްފްލިކްސްގެ ތްރިލާ ޝޯއެއް ކަމަށްވާ ޔޫގެ ދެވަނަ ސީޒަން މި މަހުގެ 26ގައި ރިލީޒުކުރުމަށް ހަމަޖެހިފައިވާ އިރު އެ ޝޯގެ ޓްރެއިލަރެއް ވަނީ ދާދި ފަހުން އާންމުކޮށްފަ އެވެ. ޓްރެއިލަރާ އެކު ފޭނުންގެ ކެތްތެރިކަން ވަނީ ކޮޅުންލައިފަ އެވެ.
ސޯޝަލް މީޑިއާގައި ފޭނުން ދަނީ ޔޫގެ ފުރަތަމަ ސީޒަން އަށް ވުރެ ދެވަނަ ސީޒަން މާބޮޑަށް ވެސް ވަރުގަދަވާނެ ކަމަށް ބުނަމުންނެވެ.
ޓްރެއިލާއިން ފެނިގެން ދާގޮތުގައި ޔޫގެ ލީޑް ކެރެކްޓަރު ޖޯ އެހެން ސަރަހައްދަށް ބަދަލުވެގެން އާފެށުމަކުން އުޅެން ފަށާ ކަމަށް ފެނިގެންދެ އެވެ. ނަމަވެސް އޭނާގެ ކުރީގެ ގޮތްތަކަށް ބަދަލެއް ނާންނަކަން ޓްރެއިލަރުން ވެސް ދައްކުވައިދެ އެވެ.
މިފަހަރު ފެނިގެން ދަނީ އެހެން އަންހެން ކުއްޖަކަށް ފާރަލާ ފަހަތުން އުޅޭ މަންޒަރެވެ. ނަމަވެސް ޖޯގެ ކުރީގެ ހަޔާތުން ކެންޑެސް ނަމަކަށް ކިޔާ ކެރެކްޓަރެއް އެނބުރި އައުމުން ޖޯއަށް އުނދަގޫތަކެއް ވެގެންދާ ކަން ޓްރެއިލަރުން ފެނިގެން ދެ އެވެ.
ޔޫ އަކީ ސީރިއަލް ކިލާއެއްގެ ނަޒަރުން ދައްކުވައިދޭ ޝޯއެކެެވެ. އެ ޝޯގެ ދެވަނަ ސީޒަންގެ ލީޑް ރޯލުން ފެނިގެން ދާނީ ޕެން ބެޖްލީ އާއި އެމްބާރ ޗިލްޑާސް އަދި ވިކްޓޯރިއާ ޕެޑްރޭޓީ އެވެ.