އަންނަ އަހަރު އެންމެ އިސްކަމެއް ދީގެން ކުރާނެ އެއް މަސައްކަތަކީ އެކްސްޕީރިއަންޝަލް ޓޫރިޒަމް ޕްރޮމޯޓް ކުރުން ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްކުރާ ކުންފުނި، އެމްއެމްޕީއާރުސިގެ އެމްޑީ ތޮއްޔިބު ވިދާޅުވީ އަންނަ އަހަރަށް ކުރާ އެންމެ ބޮޑު އުއްމީދަކީ ފަތުރުވެރިކަމުގެ ޓްރެންޑަށް އަންނަ ބަދަލުތަކާ ފައިހަމަކުރާ ބަޔަކު ކަމުގައި ދިވެހިން ވުން ކަމަށެވެ.

"ރާއްޖެ އަންނަ ފަތުރުވެރިން އާ ތަޖުރިބާ ބޭނުންވޭ. ފަތުރުވެރިން އެންމެ ގިނައިން ބޭނުންކުރާ އެއް ވެބްސައިޓު ކަމަށްވާ ބުކިން ޑޮޓްކޮމް ގައި ލިޔެފައިވާ ގިނަ ރިވިއުތަކަށް ބަލާއިރު ފަތުރުވެރިންނަށް މާއްދީ ފައިދާތަކަށްވުރެ މައުނަވީ ފައިދާ މުހިއްމު ކަމަށް ބުނޭ. މައުނަވީ ގޮތުން ހިތްހަމަޖެހޭ ޗުއްޓީއަކަށް ވެއްޖެނަމަ، ޒަމާނީ ފަތުރުވެރިޔާ އަށް ފަސޭހައިން ވިކޭ،" ތޮއްޔިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަގާފަތާ ގުޅުންހުރި ކަންތައްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ފަރުތުވެރިން ބޭނުންވާ ކަމަށެވެ. އެގޮތުން އަންނަ އަހަރު ފަތުރުވެރިންނަށް ހާއްސަ އެކްސްޕީރިއަންސްތައް ތައާރަފު ކުރުމުގެ މުބާރާތެއް ރާއްޖޭގެ ރަށްތަކުގެ މެދުގައި ކުރިއަށް ގެންދަން ރާވާފައިވާކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ސަގާފީ ތަރިކަ އާއި ގުދުރަތީ ރީތިކަން އެބަހުރި ކަމަށާއި ރާއްޖޭގެ ރަށްރަށުގައި އެކްސްޕީރިއަންސްތައް ތައާރަފުކުރާވަރަކަށް އެކުންފުނިން އެކަންތައް ދުނިޔެއަށް އިޝްތިހާރު ކޮށްދޭނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ މަސައްކަތްތަކާ ގުޅޭގޮތުން ތޮއްޔިބު ވިދާޅުވީ އެކުންފުނީގެ މަސައްކަތްތައް ބައްޓަންކުރަނީ މުޅިއަހަރަށް ރާވައިގެން ކަމަށެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި އަންނަ ބަދަލުތަކާ ގުޅުވައިގެން އެކުންފުނީގެ މާކެޓިން ސްޓްރެޓެޖީސް ބަދަލުކުރާކަން ތޮއްޔިބު ހާމަކުރެއްވި އެވެ.

އެގޮތުން ދުނިޔޭގެ އެންމެބޮޑު ޓްރެވަލް ކުންފުނި ތޯމަސް ކުކް ބަނގުރޫޓުވުމާއެކު، އިނގިރޭސިވިލާތުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ވިޒިބިލިޓީ ކެމްޕެއިން ތޮއްޔިބު ފާހަގަ ކުރެއްވި އެވެ.

އަންނަ އަހަރު އެންމެ އިސްކަމެއް ދޭނީ މައިސް ޓޫރިޒަމް އާއި ކަލްޗްރަލް އަދި ސްޕޯޓްސް ޓޫރިޒަމް ކުރިއެރުވުމަށް ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

މިއަހަރު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު އިތުރު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ އަސަރު ފެނުނު ކަމަށާއި އަންނަ އަހަރުވެސް މާކެޓިންގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަވާނެ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.