18 Dec 2019, 10:30
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ހައިކޯޓަށް ބަލައިގެންފި އެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފަށް ހުށަހެޅީ މިދިޔަ ނިވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.
އަމިއްލަފުޅު އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަން މައްސަލަ ސާބިތުވެ، ކްރިމިނަލް ކޯޓުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ.
ފަސް އަހަރުގެ ޖަލު ހުކުމަކާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ދެއްކުމަށް ވެސް ފަނޑިޔާރުން އެންގެވި އެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވީ، ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރުމަކީ މަނީލޯންޑްރީ ކަމަށް ބަލައިގެންނެވެ. ނަމަވެސް ރައީސް ޔާމީން އެކަމަށް އިންކާރު ކުރައްވަ އެވެ. އަދި ވިދާޅުވަމުން ގެންދެވީ އެއީ ކެމްޕޭން ފައިސާގެ ގޮތުގައި އެކިއެކި ފަރާތްތަކުން އެމަނިކުފާނަށް ދިން ފައިސާ ކަމަށާއި އެ ފައިސާ ބެލެހެއްޓީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށެވެ.