ހައްދުފަހަނަ އެޅި ފިކުރާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ހާއްސަ އޮޕަރޭޝަނެއް ރ. މަޑުއްވަރީގައި ސިފައިންނާއި ފުލުހުން ގުޅިގެން މިއަދު ފަށައިފި އެވެ.

ހޯމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ސިފައިންނާއި ފުލުހުން މިއަދު މަޑުއްވަރީއަށް ގޮސް، ކޯޓް އަމުރެއްގެ ދަށުން އެ ރަށުގެ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް މިހާރު ފަށާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނަކީ ހައްދުފަހަނަ އެޅި ފިކުރުމުގެ ސަބަބުން، މަޑުއްވަރީގެ ކުޑަކުދިންނާއި އަންހެނުން އެކަމުގެ ޝިކާރައަކަށްވެ، އެ މީހުންނަށް އަނިޔާތައް ލިބެމުން ދާތީ އެކަން ހުއްޓުވަން ކުރާ މަސައްކަތުގެ ބައެއްް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"އޮޕަރޭޝަން މުޅިން ނިނުމުން އަޅުގަނޑުމެން އެކަމުގެ ފުރިހަމަ މައުލޫމާތު ހާމަކުރާނަން،" އޮފިޝަލް ވިދާޅުވި އެވެ.

މަޑުއްވަރީގެ ކައުންސިލްގެ މެންބަރަކުވެސް "ސަން"އަށް މިއަދު ވިދާޅުވީ ގާތްގަނޑަކަށް 30 ހަކަށް ފުލުހުން މިއަދު ހެނދުނުގެ ވަގުތެއްގައި އެ ރަށަށް އައިސްފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ކައުންސިލަށް މައުލޫމާތެއް އެނގިފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނެއްގައި މަޑުއްވަރީގެ ބައެއް ގެތައް ބަލައި ފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ތަފްސީލް މައުލޫމާތު ފަހުން ނެރޭ ނޫސް ބަޔާނަކުން ހާމަކުރައްވާނެ ކަމަށް ވެސް އިޒްމިއާ ވިދާޅުވި އެވެ.

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މިސްކިތަށް ޖަމާއަތަށް ނާރާ، ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި ދަރިން ސްކޫލަށް ނުފޮނުވުމާއި ކޯޓުން ބޭރުގައި، "ކައިވެނިކޮށްދިނުން" އަދި ވެކްސިން ނުޖެހުން ފަދަ ކަންކަން އެ ރަށުގައި ވަނީ އާންމުވެފަ އެވެ.

އެ ރަށަށް ނިސްބަތްވާ ލަނޑާނެގުމުގެ މަސްވެރިކަން ކުރާ ދޯންޏެއްގައި ޒަހަމްކޮށް، އެއްލައިލި އެ ދޯނީގެ ފަޅުވެރިއެއް ކަމަށްވާ، އެ ރަށު 26އ. އިސްމާއިލް ހައްމާދަށް އެ ދޯނީގެ ފަޅުވެރިއަކު ހަމަލާދިނީ ވެސް ހަރުކަށި ވިސްނުމުގެ އެ މީހުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުމެއްގައި މަރުގެ ހުކުމް އިއްވުމަށް ފަހުކަން ހާމަވެފައިވެ އެވެ. މީގެ އިތުރުން، އެ ދޯންޏަކީ ލަނޑާނެގުމުގެ ނަމުގައި ރިސޯޓްތަކަށް އަރައި ވައްކަން ކުރުމުގެ ކަންކަން ހިންގާ ބައެއްކަން ވެސް އެނގިފައިވެ އެވެ.

ޒަހަމްކޮށް އެއްލައިލި، ހައްމާދުވެސް "ކައިވެނީ"ގެ ނަމުގައި 13 އަހަރުގެ އަންހެން ކުއްޖަކާ ގުޅި، އެ ކުއްޖާ ބަލިވެއިދެ މިފަހުން ވަނީ ވިހައިފަ އެވެ. ފުލުހުން ބުނެފައި ވަނީ ހައްމާދު "ކައިވެނިކުރި" ކަމަށް ބުނާ ކުއްޖާއަކީ ހަރުކަށި ފިކުރުމުގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް ކަމަށާއި އެ ކުދިން ތައުލީމާއި ސިއްހީ ފަރުވާގެ ހައްގުން މަހުރޫމްކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް މިހާރު ވަނީ ނަގައިފަ އެވެ. އަދި ހައްމާދު އާއި އަންހެން ކުއްޖާގެ މައިންބަފައިން ވެސް ފުލުހުން ވަނީ މިފަހުން ހައްޔަރުވެސް ކޮށްފަ އެވެ.

ހަރުކަށި ފިކުރާ ކުރިމަތިލައި ހައްލު ހޯދުމަށް ރައީސް ވައުދުވެވަޑައިގެން އިރު، ހަރުކަށި ފިކުރު ފަތުރާ ތިން އިލްމުވެރިއެއްގެ ދަރުސް ދިނުމުގެ ލައިސަންސް އިސްލާމިކް މިނިސްޓްރީ އިން ވަނީ އިއްޔެ ހިފަހައްޓައިފަ އެވެ.

ހަރުކަށިފިކުރަށް ތާއީދުކުރާ 100 އަށް ވުރެ ގިނަ ދިވެހިން ހިޖުރަކޮށް ޖިހާދަށް ދިޔުމުގެ ނަމުގައި ސީރިއާޔަަށް ވަނީ ގޮސްފަ އެވެ. އަދި ފުލުސް ކޮމިޝަނަރު މިފަހުން ވިދާޅުވެފައި ވަނީ، މީހުން މަރަން ފަސް ނުޖެހޭ ހަރުކަށި ފިކުރުގެ 1،400 މީހަކު ރާއްޖޭގައި އެބަ ތިބި ކަމަށެވެ.