އިނގިރޭސި ލީގު ކަޕު (އީއެފްއެލް)ގެ ކުއާރޓާ ފައިނަލުގައި ރޭ އެސްޓޮން ވިލާއާ ވާދަކޮށް ލިވަޕޫލުގެ ޒުވާން ޓީމު ބޮޑު ތަފާތަކުން ބަލިވެއްޖެ އެވެ.

އެސްޓޮން ވިލާގެ ވިލާ ޕާކް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ލިވަޕޫލްގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-5ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ކުއާޓާގައި ބާކީ ހުރި މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިފައިވާ އިރު މެންޗެސްޓާ ސިޓީއާއި ލެސްޓާ ސިޓީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް ވެސް މިރޭ ކުޅޭނެ އެވެ.

ރޭގެ މެޗަށް ލިވަޕޫލުން ނުކުތީ ތާރީހުގައި ވެސް އެންމެ ޒުވާން ސްކޮޑާ އެކު އެވެ. ސީނިއާ ޓީމުގެ އެއްވެސް ކުޅުންތެރިޔަކާ ނުލައި އެ މެޗުގައި އެ ޓީމުން ކުޅުނީ މިރޭ ގަތަރުގައި އޮންނަ ކްލަބް ވޯލްޑް ކަޕުގެ ސެމީގައި މޮންޓެރޭއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުންނެވެ. ލިވަޕޫލްގެ ކޯޗު ޔާގޮން ކްލޮޕް ބުނީ ރޭ ކުޅުނު މެޗަށް ޒުވާން ޓީމެއް ލައިގެން ކުޅުމުން ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް މިވަގުތު އެންމެ ބޮޑު އަމާޒަކީ ކްލަބް ވޯލްޑް ކަޕުގެ ތަށި ދިފާއު ކުރުން ކަމަށެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެސްޓޮން ވިލާއިން ލިވަޕޫލް ކޮޅަށް ހަތަރު ގޯލު ވަނީ ޖަހައިފަ އެވެ. ފުރަތަމަ ގޯލު މެޗުގެ 14 ވަނަ މިނަޓުގައި ކޯނޯ ހުރިހޭން ޖެހި އިރު ދެވަނަ ގޯލަކީ ލިވަޕޫލުގެ ކުޅުންތެރިޔެއްގެ ގައިގައި ޖެހި ބައިކޮޅަށް ވަން ގޯލެކެވެ. ތިންވަނަ ގޯލާއި ހަތަރު ވަނަ ގޯލު ޖޮނަތަން ކޮޖިއާ ޖެހި އިރު ފަސްވަނަ ގޯލު ޖަހައިދިނީ ވެސްލީ އެވެ.

ކްލޮޕް ބުނީ ޔޫރޮޕު ފުޓުބޯޅައިގެ މެދުތެރޭގައި ކްލަބް ވޯލްޑް ކަޕު ބޭއްވުމަކީ ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ. އެހެން ނަމަވެސް ރޭންކިންގަށް ބަލާ އިރު އެ މުބާރާތަކީ މުހިއްމު މުބާރާތެއް ކަމުން މުޅި ޓީމުގެ ވިސްނުން ވެސް އޮތީ އެ މުބާރާތް ކާމިޔާބު ކުރުން ކަމަށެވެ.

"މިކަހަލަ ބޮޑެތި މުބާރާތްތައް ރާވާ އިރު އެބަ ޖެހޭ އެހެން މުބާރާތްތަކަށް ވެސް އަސަރު ނުކުރާނެ ފަދަ ގޮތަކަށް ރާވަން. ލީގުގެ މެދު ތެރެއަށް ކުއްލިޔަކަށް ބޮޑު އެހެން މުބާރާތެއް އައިމަ ވަރަށް އުނދަގޫވާނެ ތައްޔާރުވާން." ކްލޮޕް ބުންޏެވެ.

މިރޭ ލިވަޕޫލާއި މޮންޓެރޭ ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 10:30 ގަ އެވެ. ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލު މެޗުގައި ފްލެމެންގޯ އާއި އަލް ހިލާލް ބައްދަލު ކުރި މެޗު 1-3 އިން ކާމިޔާބުކޮށް ފްލެމެންގޯ ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ވޭތުވެ ދިޔަ ތިން އަހަރުގެ އެ މުބާރާތް ވެސް ކާމިޔާބު ކުރީ ސްޕެއިންގެ ރެއާލް މެޑްރިޑެވެ.