މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ތަގުރީރު ކުރެއްވި އދ. އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ނަވެނަތަމް ޕިއްލޭ ދެއްކެވި ވާހަކަ އަކީ ދިވެހިންނަށް އެއްވެސް އިހުތިރާމް ކުރުމެއް ނެތި ދެއްކެވި ވާހަކައެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

ޒިނޭ ކުރާ މީހުން ހައްދު ޖެހުމަކީ އެ ކަނބަލުންގެ ޝަރަފަށް އަރައި ގަތުން ކަމަށާއި އަދި އެ މައްސަލަ ބޮޑު ބަހުސަކަށް ހުޅުވާލުމަށް ޕިއްލޭ ގޮވައިލިތާ ތިން ދުވަސް ފަހުން އެމްޑީޕީން މިއަދު ނެރުނު ދެ ސަފުހާގެ ބަޔާނުގައި ބުނަނީ "އިސްލާމްދީނާ ދެކޮޅަށް އަދި ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާ ދިވެހި ދައުލަތުގެ ގާނޫނު އަސާސީ އާ މުޅިން ހިލާފު ވާހަކައެއް" ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ދެކިވަޑައިގަންނަވާ ގޮތް ހާމަ ކުރެއްވި ނަމަވެސް އެކަމަކީ "އަޅުގަނޑުމެން މުސްލިމުން އެކަމަށް ތަބާވެ، އެ ވާހަކަ ގަބޫލުކުރަން ޖެހޭ ކަމެއް ނޫން" ކަމަށެވެ.