18 Dec 2019, 11:52
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އުމުރުން ދުވަސްވީ މީހުންނާ ރައީސް ބައްދަލުކުރައްވަން ރައީސް އޮފީހުން ރަސްފަންނުގައި ބޭއްވި ހަފްލާއެއްގައި، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެމްބަރު ފާތުމަތު ޒޭނާ ގޮނޑިޖަހަން އުޅުއްވާ މަންޒަރު މީޑިއާއެއްގެ ކެމެރާތަކަށް އެރި އެވެ.
އެހިސާބުން އޭރު އިދިކޮޅުގައި ތިބި މިއަދުގެ ސަރުކާރުގެ ފަރާތްތައް ކެކިގަތެވެ. ބްރޯޑްކޮމް އަކީ މިނިވަން މުއައްސަސާއަކަށް ވާއިރު، އެ މުއައްސަސާގެ މެމްބަރަކު ސިޔާސީ ޕާޓީއެއްގެ ނުވަތަ ސަރުކާރުގެ ހަރަކާތެއްގައި އުޅުމަކީ އޭނާގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެ އެމްޑީޕީން ވަނީ ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. އެންމެ ފަހުން އިދިކޮޅު ފަރާތްތަކަށް ބާރު ލިބުމާ އެކު އެ ތުހުމަތައް ވެސް އަޅުވައި ކޮމިޝަންގެ ނައިބަކަށް ހުރި ޒައިނާ ވަނީ މަޖިލީހުގެ ވޯޓެއް ނަގައި މަގާމުން ދުރުކޮށްފަ އެވެ.
އެ ހުރިހާ ވާހަކައެއް ދެއްކުމަށްފަހު މިއަދު މޭޒު މިއޮތީ އަނެއްކޮޅަށް އެނބުރިފަ އެވެ. މިހާރު އެމްޑީޕީ އޮތީ ވެރިކަމުގަ އެވެ. ޕީޕީއެމް އޮތީ އިދިކޮޅު ޕާޓީގެ ގޮތުގަ އެވެ. ނަމަވެސް ރޭ ފެނިގެން މިދިޔައީ ހަމަ ދާދި އެއް މަންޒަރެކެވެ.
ޓުއަރިޒަމް މިނިސްޓްރީން އަލަށް ހުޅުވާލާ ރަށްތަކާއި ރޭ ބޭއްވި "ބުރަބި" ހަފްލާ ހުށަހަޅައިދިނުމަށް ހުންނެވީ ބްރޯޑްކޮމްގެ ރައީސް ކަމަށް ދާދިފަހުން އިންތިހާބުކުރެއްވި ތަޖުރިބާކާރު ޕްރެޒެންޓަރު މަރްޔަމް ވަހީދާ އެވެ.
ހަފްލާގެ ސްޓޭޖް ފަޅުފިލުވައިދިނުމަށް މަރީ ވަނީ ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްދެއްވައިފަ އެވެ. ޓުއަރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާއި އެ ދާއިރާގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ތައުރީފު ބަންޑުންކޮށްލެއްވީ ވަރަށް ސާދާ ޖުމްލަތަކަކުންނެވެ.
އެ ތައުރީފުތަކުގެ ތެރެއިން "އަޅުގަނޑުމެން އަބަދުވެސް މި ދައްކަނީ ޓްރާންސްޕޭރެންސީގެ ވާހަކަ، ގުޑް ގަވަނެންސްގެ ވާހަކަ" ކަމަށް ވެސް މަރީ ވިދާޅުވި އެވެ.
މަރީ އަކީ ކުޅަދާނަ، ތަޖުރިބާކާރު ޕްރެޒެންޓަރެއް ކަމާމެދު ޝައްކު އުފައްދާނެ މީހަކު ގައިމުވެސް ނުހުންނާނެ އެވެ. ނަމަވެސް މިއަދު މަރީ ހުންނެނީ މިނިވަން މުއައްސަސާއެއްގެ ރައީސްގެ މަގާމުގަ އެވެ.
އެހެންކަމުން މިއަދު ސަރުކާރުގެ ބޮޑު ވުޒާރާއެއްގެ ހަފްލާއެއް ހުށަހަޅައިދެއްވަން މަރީ ހުންނެވުމަކީ މަރީގެ މިނިވަންކަމާއި ބްރޯޑްކޮމްގެ މުސްތަގިއްލު ކަމާމެދު ސުވާލު އުފެއްދޭނެ ކަމެކެވެ. އަދި މިހާރުވެސް އިދިކޮޅުން އަންނަނީ އެ ސުވާލު އުފައްދަމުންނެވެ. އަދި ކުރިން އެމްޑީޕީން ކުރަމުން ދިޔަ ސުވާލުތައް މިހާރު ޕީޕީއެމް އިން ވަނީ ތަކުރާރު ކުރަން ފަށައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމް ވެރިކަމުގައި އޮތް އިރު، އޭރުގެ ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމަށް އެމްޑީޕީން ތުހުމަތު ކުރިއެވެ.
"މިހާރު ބްރޯޑްކޮމް ހިނގަނީ މިނިވަންކޮށްތޯ؟ ބްރޯޑްކޮމް މިއޮތީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ނޫންތޯ؟" ޝަރީފް ސުވާލުއުފެއްދެވި އެވެ.
މިކަމާ ގުޅިގެން މަރީގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް، އަދި މަރީގެ ފަރާތުން ޖަވާބެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ބްރޯޑްކޮމްގެ ރައީސް ސަރުކާރުގެ ހަފްލާއެއް ހުށަހަޅައިދެއްވާފައި ވާއިރު، އެ ކޮމިޝަނަށް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު ގައިސް އައްޔަން ކުރި މައްސަލަ ވެސް އޮތީ ވަރަށް ހޫނުވެފަ އެވެ.
ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ގައިސް އަކީ މީގެ ކުރިން އެމްޑީޕީގެ ފަރާތުން ގދ. އަތޮޅު ކައުންސިލަރުކަން ކުރައްވާފައިވާ އަދި އެމްޑީޕީގެ ތިނަދޫ ގޮފީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައިވެސް ވާދަކުރެއްވި ގައިސް އަކީ މިހާރު ބްރޯޑްކޮމްގެ ނައިބު ރައީސް އެވެ. އެހެން ވީމާ، މި ތަފާތުވީ މީހުންނެވެ. ހިނގަނީ އެއްކަމެކެވެ.