މަސްތުވާތަކެއްޗާ ގުޅިފައި ހުރި ނުރައްކާތެރި ބަދު އަހުލާގީ ކަންތައްތަކެއް ރާއްޖޭގައި ހިނގާ ކަމަށް ޝައްކުކުރެވޭ ކަމަށާއި، އެއީ ހަގީގަތަކަށް ވާނަމަ ރާއްޖޭގައި އެއިޑްސް ފެތުރުމުގެ ނުރައްކާ ވަރަށް ބޮޑުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްވައިފި އެވެ.

ޑރ. ވަހީދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޯ ވިމެންސް އެގެއިންސްޓް ޑްރަގްސް (ސްވަޑް)ގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވެވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސްވަޑުން ފާހަގަ ކުރީ އެ ޖަމާއަތުގެ ފަސް ވަނަ އަހަރީ ދުވަހެވެ.

ޑރ. ވަހީދު ރޭ ވިދާޅުވީ މިހާރު ކުރަމުން އަންނަ ސަވޭގެ ނަތީޖާ ލިބުމުން، އެ ޝައްކުތަކާ ގުޅޭ އިތުރު މަޢްލޫމާތު ލިބޭނެ ކަމަށެވެ.

މަސްތުވާތަކެތީގެ ވަބާއާ ބެހޭ ގޮތުން ޑރ. ވަހީދު ވިދާޅުވީ އެ ވަބާއާ ދެކޮޅަށް ކުރާ މަސައްކަތަކީ ސަރުކާރުން އެކަނި ކުރާ މަސައްކަތަކަށްވެގެން ނުވާނެ ކަމަށާއި، އެ ވަބާއިން ރާއްޖެ ސަލާމަތް ކުރެވޭނީ، ސަރުކާރާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން، ވަރަށް ގާތުން މަސައްކަތްކޮށްގެން ކަމަށެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކުދިންނަށް ދޭންޖެހޭ ޞިއްޙީ ފަރުވާ ދީ، އަނބުރާ މުޖްތަމަޢަށް ނެރެން ކުރެވޭ ބުރަ މަސައްކަތުގެ ބޮޑު ބައެއް މިހާރު އަދާކުރަމުން ގެންދަނީ އަމިއްލަ ޖަމާޢަތްތަކުން ކަމަށް ނައިބު ވިދާޅުވި އެވެ.