އިމިގްރޭޝަން ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމު ކުރަން މެލޭޝިޔާގެ ނެކްސްބިޒާއި އިމިގްރޭޝަނައި ދެމެދު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފިނަމަ 200 މިލިއަން ޑޮލަރުގެ ގެއްލުމެއް ނެކްސްބިޒަށް ލިބޭ ކަމަށާއި އެ ގެއްލުމުގެ ބަދަލު ދިވެހި ސަރުކާރުން ދޭންޖެހޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސިވިލް ކޯޓުގައި ކުރިޔަށްދާ މައްސަލައިގެ ތެރެއަށް ތަދައްހުލް ވެފައިވާ ނެކްސް ބިޒްގެ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އަދި ކުރިން ސިވިލް ކޯޓުގެ އިސް ގާޒީންކަން ވެސް ކުރެއްވެވި ހުސްނުއް ސުއޫދު ވިދާޅުވީ ނެކްސްބިޒާއި އިމިގްރޭޝަނާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލު ވެގެން ނެކްސްބިޒަށް ލިބޭ ކޮންމެ ގެއްލުމަކަށް ދިވެހި ސަރުކާރުން ޒިންމާވާންޖެހޭނެ ކަމަށް އެއްބަސްވުން ބުނާ ކަމަށެވެ.

"އެހެންކަމުން އެ އެއްބަސްވުމަށް ނިމުމެއް އައިސްފިނަމަ ނެކްސްބިޒަށް ލިބޭ 200 މިލިއަން ޑޮލަރުގެ ގެއްލުމުގެ ބަދަލު ސަރުކާރުން ދޭންޖެހޭނެ،" ސުއޫދު ވިދާޅުވި އެވެ.

ނެކްސް ބިޒްގެ ވާހަކަތަކަށް ޝަރީއަތުގައި ރައްދު ދެއްވައި އޭސީސީގެ ވަކީލު އަލީ އާޒިމް ވިދާޅުވީ ނެކްބިޒާއި ސަރުކާރާ ދެމެދު ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ނެތްކަމަށާއި، އެހެންކަމުން ނެކްސް ބިޒަށް ލިބޭ ގެއްލުމުގެ ބަދަލެއް ނޯންނާނެ ކަމަށެވެ.

ޝަރީއަތުގައި އޭސީސީން މިއަދު ބުނެފައި ވަނީ އިމިގުރޭޝަންގެ ރިކްއެސްޓް ފޯ ޕްރޮޕޯސަލް (އާރުއެފްޕީ) އާއި ގުޅިގެން ނެކްސްބިޒުން ހުށަހެޅި ހުށަހެޅުމަކީ ކޮންސޯޓިއަމް އެއްގެ ނަމުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލެއް ކަމަށެވެ.

އޭސީސީގެ ވަކީލު އާޒިމް ވިދާޅުވީ އިމިގްރޭޝަންގެ އާރުއެފްޕީ އާއި ގުޅިގެން ނެކްސްބިޒުން ހުށަހެޅި ހުށަހެޅުމަކީ ކޮންސޯޓިއަމްއެއްގެ ނަމުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލެއް ކަމަށާއި އެ ކޮންސޯޓިއަމްގައި ހިމެނެނީ ޖަރުމަނުގެ ކުންފުންޏަކާއި ހަންގޭރީގެ ކުންފުންޏެއްކަން ނެކްސް ބިޒްގެ ޕްރޮޕޯސަލުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

"އިމްގުރޭޝަންގެ އާރުއެފްޕީ އާއި ގުޅިގެން ނެކްސްބިޒުން ހުށަހެޅި ހުށަހެޅުމަކީ ކޮންސޯޓިއަމްއެއްގެ ނަމުގައި ހުށަހަޅާފައިވާ ޕްރޮޕޯސަލްއެއް. އެ ކޮންސޯޓިއަމްގައި ހިމެނެނީ ޖަރުމަނުގެ ކުންފުންޏަކާއި ހަންގޭރީގެ ކުންފުންޏެއްކަން ނެކްސްބިޒްގެ ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވޭ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ހަންގޭރީގެ ކުންފުންޏާއި ޖަރުމަނުގެ ކުންފުންޏާއި ނެކްސް ބިޒާއި ދެމެދުގައި ވަނީ ގާނޫނީ ގޮތުން ކޮން ގުޅުމެއްކަން ނެކްސްބިޒުން ހުށަހެޅި ޕްރޮޕޯސަލްގައި ބަޔާންކޮށްފައި ނުވާ ކަމަށާއި ނަމަވެސް ކޮންސޯޓިއަމަކުން ޕްރޮޕޯސަލް ހުށަހަޅާނަމަ ކޮންސޯޓިއަމްގައި ހިމެނޭ މެންބަރުން، ބިޑް ހުށަހަޅާ މެންބަރަށް ދީފައިވާ ޕަވާ އޮފް އެޓާނީއެއް އޮންނަން ޖެހޭނެކަމަށް އާރުއެފްޕީގައި ބަޔާންކޮށްފައި ވާކަމަށެވެ.

ކޮންސޯލްޓިއަމްގެ އެހެން މެންބަރުންގެ ބަހެއްނެތި ކޮންސޯލްޓިއަމްގެ ނަމުގައި ނެކްސްބިޒްގެ ފަރާތުން ހުށަހެޅި ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ގާނޫނީ ގޮތުން އަގުދެއް ވުޖޫދަށް އަންނަނީ ކޮން ހަމަޔަކުންކަމަށް ވިދާޅުވެ އާޒިމް ވަނީ ޝަރީއަތުގައި ސުވާލު ވެސް އުފައްދާފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޭސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ވެސް ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވަނީ އިޖުރާއީގޮތުން އެ ކޮމިޝަނުން ފުރިހަމަކޮށްފައި ނުވަނީ ކޮންކަންތައްތަކެއްތޯ ސުވާލުކުރައްވާފަ އެވެ. އޭގެ ޖަވާބުގައި އޭޖީގެ ވަކީލު މަރިޔަމް ސުނާނާ ވިދާޅުވީ އެ ސުވާލުގެ ޖަވާބު ދިނުމުގެ ކުރިން ކޮމިޝަނުން އިމިގްރޭޝަނަށް އަންގާފައިވާ އެންގުމަކީ ކޮން ގާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުން އަންގާފައިވާ އެންގުމެއްކަން ސާފުކުރަން ބޭނުންވާ ކަމަށެވެ. އެއަށް ޖަވާބު ދެއްވައި އޭސީސީން ބުނީ އެ އެންގުމަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނާއި އެންޓިކޮރަޕްޝަން ކޮމިޝަންގެ ގާނޫނުން ބާރު ލިބިގެން އަންގާފައިވާ އެންގުމެއް ކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ގާޒީ ރޫޅައިލެއްވެވީ މައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވެވިކަން އިއުލާން ކުރެއްވަމުންނެވެ. ދެން މައްސަލައިގައި އޮންނާނީ ހުކުމެވެ.