19:00


މަސްތުވާތަކެތި ގެންގުޅެ އޭގެ ބޭނުންކުރަމުން ދިޔަ ފަސް މީހަކު އައްޑު އަތޮޅުން ރޭ ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ހައްޔަރުކުރި ފަސްމީހުންގެ ތެރޭއިން ހަތަރު މީހަކު ހައްޔަރުކޮށްފައި ވަނީ ހިތަދޫ މާމެންދޫ ސަރަހައްދުގެ ވަލުތެރޭގައި ރޭ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ބޭނުން ކުރަން ތިއްބާ ކަމަށެވެ. އަދި އެ ސަރަހައްދުން އެމީހުން މަސްތުވާތަކެތި ބޭނުން ކުރުމަށް ބޭނުންކޮށްފައި ހުރި ބައެއް އާލާތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުންނަކީ ވައްކަމާއި ފޭރުމުގެ ކުށުގެ ރިކޯޑް ފުލުސް އޮފީހުގައި އޮތް ދެ މީހުން ކަމަށެވެ. އަދި އެ ސަރަހައްދުން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 20 އަހަރާއި 24 އަހަރުގެ މީހުން ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


ފުލުހުންގެ އޮފިޝަލު އިތުރަށް ވިދާޅުވީ ރޭ ހަތަރު ވަނަ މީހާ ހައްޔަރު ކޮށްފައިވަނީ އެއަތޮޅު ހުޅުދޫން ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ކުށްމަދުކުރުމަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން ރޭ ދަންވަރު ރަށުތެރެ ބަލަމުންދިޔައިރު އޭނާ މަސްތުވާތަކެތި ބޭނުން ކޮށްގެން ހުރި ކަމަށް ތުހުމަތު ކުރެވިގެން އޭނާގެ ހަށިގަނޑާ އޭނާ ދިރިއުޅޭ ކޮޓަރި ބަލާ ފާސް ކުރި ކުރުމުން މަސްތުވާތަކެތި ފެނިގެން ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.