މި އަހަރު ރާއްޖޭގައި ލެޕްރަސީ ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު 12 އަށް އަރާފައިވާ ކަމަށް ހެލްތު މިނިސްޓްރީގެ ކޮމިއުނިކެބަލް ޑިސީޒް ޔުނިޓުން ބުނެފި އެވެ.

އެ ޔުނިޓްގެ އޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ މި އަހަރު ލެޕްރަސީ ޖެހުނު އެންމެން ވެސް ފަރުވާ ހޯދަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މީހުންގެ ޖިންސެއް އަދި އުމުރުފުރައެއް، ފަރުވާދީ ދޫކޮށްލީ ކިތައް މީހުންކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އޭނާ ވިދާޅުވީ އެ މީހުންގެ ތެރެއިން ގިނައީ ދިވެހިން ކަމަށާއި ނަމަވެސް ބިދޭސީން ވެސް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ ފަރުވާހޯދަމުން އަންނަ މީހުން އުޅޭނީ މުޖުތަމައުގައި ކަމަށާއި ނަމަވެސް ބޭސް ކާން ފެއްޓުމަށް ފަހު ގައިންގަޔަށް އެ ބަލި ނާރާނެ ކަމަށެވެ.

އެ މީހުން ބޭސް ކާނީ އަމިއްލަ އަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ލެޕްރަސީ ފަރުވާ ދެނީ އެއް ބަޔަކަށް ހަ މަސް ދުވަހު ކަމަށާއި އަނެއް ބަޔަކަށް ފަރުވާ ދެނީ އަހަރު ދުވަސް ވަންދެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރިން ބިދޭސީންނަށް ފަރުވާ ނުދީ، މެޑިކަލީ ފިޓްނޫ ކަމަށް ބަލާފައި ފޮނުވާލަނީ. އެކަމަކު މިހާރު ދިވެހިންނެކޭ އެއްގޮތަށް ބިދޭސީން ވެސް ރާއްޖޭގައި ތިބެގެން ފަރުވާ ހޯދަމުން އަންނަނީ،" ހިލޭ ދޫކުރާ ބޭހާ ބެހޭ ގޮތުން ކޮމިއުނިކެބަލް ޑިސީޒް ޔުނިޓުގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލެޕްރަސީގެ ފަރުވާ ހޯދާ މީހަކަށް ދެ ވަނަ ފަހަރަށް އެ ބަލި އަލުން ޖެހުމުގެ ފުރުސަތު ކުޑަކަމަށެވެ.

ލެޕްރަސީގެ 12 ކޭހެއް މި އަހަރު ފެންމަތިވި އިރު، މިދިޔަ އަހަރު ވަނީ ހަތް މީހެއްގެ ހަށިގަނޑުން ލެޕްރަސީ ފެނިފަ އެވެ. އަދި 2009 ވަނަ އަހަރު 11 މީހެއްގެ ހަށިގަނޑުން ލެޕްރަސީ ފެނިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިއުނިކެބަލް ޑިސީޒް ޔުނިޓުން ބުނީ، ގައިންގަޔަށް އަރާ ބަލިތަކުގެ ތެރެއިން އެންމެ މަދުން ގައިންގަޔަށް އަރާ ލެޕްރަސީ ޖެހި، އެކަން ފާޅުނުވެ، 10 އަހަރާއި 15 އަހަރު ދުވަސް ވެދާނެ ކަމަށެވެ.

އެ ޔުނިޓްގެ އޮފިޝަލް ވިދާޅުވީ ލެޕްރަސީގެ އަލާމަތްތަކުގެ ތެރޭގައި ފިއްގަނޑު ފެތުރި ދަދު ފަދަ ތަންތަން ނޫނީ ޕެޗެއް ފަދަ ތަންތަން ގައިގައި ހުރެދާނެ ކަމަށާއި ނަމަވެސް އެތަންތަނުގައި އިހުސާސް ނުހުންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ލެޕްރަސީ އަކީ އެއްވެސް އިރެއްގައި ރާއްޖެ އިން އެއްކޮށް ނައްތާލެވިފައިވާ ބައްޔެއް ނޫން ކަމަށާއި ނަމަވެސް އެ ބަލި 1997 ވަނަ އަހަރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު މި ފެތުރޭ ވަރަކީ އެލާމިން ވަރެއްތޯ ދެންނެވުމުން އެ އޮފިޝަލް ވިދާޅުވީ "ގިނަ ކަމަށް ބުނެވިދާނެ" ކަމަށާއި ނަމަވެސް ކޮންޓްރޯލްގައި އޮތް ކަމަށެވެ.

ބަލިފެތުރެނީ ތޮއްޖެހިފައިވާ މާހައުލެއްގައި އުޅެން ޖެހުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅުމަކީ ވެސް ބަލިފެތުރޭ ސަބަބަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.