ކޮލަމްބޯ (ޑިސެމްބަރު 17): ސްރީލަންކާގައި ހުންނަ ސުވިޒަލޭންޑުގެ އެމްބަސީގެ މުވައްޒަފަކު ކޮލަމްބޯގެ މަގުމަތިން ރަހީނު ކުރި ކަމަށް ބުނާ މައްސަލައިގައި އެގައުމުގެ ފުލުހުން އެ މުވައްޒަފު ހައްޔަރުކޮށްފި އެވެ.

ސްވިސް އޮފިޝަލުން ބުނި ގޮތުގައި އެގައުމުގެ އެމްބަސީގައި މަސައްކަތް ކުރަމުން ދިޔަ ލަންކާގެ އަންހެނަކު ބަޔަކު ގާތްގަނޑަކަށް ދެ ގަޑި އިރުވަންދެން ރަހީނު ކުރީ މިދިޔަ މަހުގެ 25ގަ އެވެ. އަދި އެމީހުން ވަނީ އެމްބަސީއާ ގުޅުން ހުރި މައުލޫމާތު ހިއްސާ ކުރަން އޭނާއަށް މަޖޫބުރުކޮށްފަ އެވެ.

ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން އެ އަންހެން މީހާ ގަދަކަމުން ކާރަކަށް އެރުވި މީހުން ވަނީ އޭނާގެ ފޯނު ހުޅުވަން މަޖުބޫރުކޮށްފަ އެވެ. އަދި އެ ފޯނުގައި ސްވިޒަލޭންޑުން ހިމާޔަތް ހޯދި ލަންކާ މީހުންގެ މައުލޫމާތާއި އެމީހުންނަށް އެހީވި މީހުންގެ މައުލޫމާތުވެސް ހުއްޓެވެ.

އެހާދިސާ ހިނގީ މިދިޔަ މަހު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ ރާޖަޕަކްސައާ ގުޅުން ހުރި މައްސަލަތަކެއް ތަހުގީގު ކުރި ފުލުހަކު ސްވިޒަލޭންޑުން ހިމާޔަތް ހޯދި ކަމަށް ރިޕޯޓު ކުރި ދުވަހުގެ ފަހުންނެވެ.

ލަންކާގެ އޮފިޝަލުން ވަނީ އެހާދިސާ ތަހުގީގު ކުރުމަށް ފަހު، އެމުވައްޒަފު ރަހީނު ކުރި ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި އޭނާ ހައްޔަރު ކުރީ އެއީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެ އެވެ.

ރައީސް ގޯޓާބަޔަ ވެސް ވަނީ އެއީ މުޅިންވެސް ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.

"އޫބާ ރިޕޯޓުތަކާއި ފޯނުން ދައްކާފައިވާ ވާހަކަ އައި ސީސީޓީވީ ފުޓެޖު ފަދަ ދޮގު ނުކުރެވޭނެ ހެކިން އެބަ އެނގޭ [އެއީ ތެދެއް ނޫންކަން]. އަޅުގަނޑާއި މި ސަރުކާރުގެ އަގު ވައްޓާލަން ބޭނުންވާ ބަޔަކު އެމްބަސީއަށް ނުފޫޒު ފޯރުވި ކަމަށް ބެލެވޭ،" ގޯޓާބަޔަ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސްވިސް ފޮރިން މިނިސްޓްރީން ވަނީ އެގައުމުގެ އެމްބަސީގެ މުވައްޒަފާ މެދު ލަންކާގެ އޮފިޝަލުން އަމަލު ކުރީ ޑިއު ޕްރޮސެސްއާ އެއްގޮތަށް ނޫން ކަމަށް ބުނެފަ އެވެ. އަދި ސްވިސް އެމްބަސީ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި ގައުމީ އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް ތަބާވުމަށް ލަންކާގެ ޖުޑިޝަރީއަށް ގޮވާލާފަ އެވެ.