އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހެލްތު މިނިސްޓަރުންގެ އަށް ވަނަ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި އެވެ.

މި ނިންމުން ނިންމާފައި ވަނީ އަބޫދާބީގައި މިމަހުގެ 15 އިން 17 އަށް ކުރިއަށް ދިޔަ އޯއައިސީގެ ހަތް ވަނަ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގެންނެވި އެވެ.

އެންޓިވެކްސިން ކެމްޕެއިންއާ ގުޅިގެން މެމްބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި މެމްބަރު ގައުމުތަކުގެ ސަމާލުކަމަށް މިކަން ގެނެސް މިކަމަށް ހައްލުހޯދުމަށް ހުރިހާ ގައުމުތަކުން އެއްބާރުލައިގެން މަސައްކަތް ކުރުމަށް އެދި ރާއްޖެއިން ތައްޔާރުކޮށްފައިވާ ރިސޮލިއުޝަން މިނިސްޓަރު ހުށަހަޅުއްވައިދެއްވި އެވެ.

މި ބައްދަލުވުމުގައި އޯއައިސީ މެމްބަރު ގައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެ އެވެ.

އެ ބައްދަލުވުމުގެ މަގުސަދަކީ "ކުއަލިޓީ އޮފް ލައިފް" މި ޝިޢާރުގެ ދަށުން އޯއައިސީގެ މެމްބަރު ގައުމުތަކުގެ ސިއްހީ ހާލަތު ވަޒަންކޮށް، އޯއައިސީ ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަން (OIC-SHPA 2014-2023) ތަންފީޒް ކުރާ މިންވަރު ބެލުމެވެ. އަދި މި ކޮންފަރެންސް މެދުވެރިކޮށް މެންބަރު ގައުމުތަކުގެ ސިއްހީ ހާރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އެޅުމެވެ.

އޯއައިސީގެ ހެލްތު މިނިސްޓަރުންގެ އަށް ވަނަ ބައްދަލުވުން އޮންނާނީ 2021 ވަނަ އަހަރު އެވެ.