ބާޒާރުގައި ފިޔާގެ އަގު މާބޮޑަށް އުފުލުމާ ގުޅިގެން ފިޔާގެ އަގު ކޮންޓްރޯލު ކުރުމަށް އެސްޓީއޯ އިން ފިޔަވަޅު އަޅައިފިއެވެ.

އެސްޓީއޯ އިން ވަނީ ވައިގެ މަގުން ފިޔާ ޝިޕްމެންޓެއް އެތެރެކޮށް ވިއްކަން ފަށައިފައެވެ. އެކުންފުނިން ބުނީ މި ޝިޕްމެންޓުގެ ފިޔާ މިހާރު އެސްޓީއޯ ސުޕަމާޓުން ވިއްކަން ފަށާފައިވާ ކަމަށެވެ.

އެސްޓީއޯ އިން ފިޔާ ކިލޯއެއް ވިއްކަނީ 40 ރުފިޔާ އަށެވެ.

ބާޒާރުގައި ފިޔާގެ އަގު އުފުލި ފިޔާ ކިލޯއެއްގެ އަގު ވަނީ 65 ރުފިޔާ އާއި 75 ރުފިޔާ އާއި ދެމެދުގެ އަގަކަށް އުފުލިފައެވެ.

ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 1000 ރުފިޔާ އާއި 1600 ރުފިޔާ އާއި ދެމެދުގެ އަގެއްގައެވެ. ވިޔަފާރިވެރިން ބުނަނީ ފިޔާގެ އަގު އުފުލުނީ ދުނިޔޭގެ ބާޒާރުގައި ވެސް ފިޔާ ލިބުން ދަތިވެފައިވާތީ ކަމަށެވެ. ހާއްސަކޮށް ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރާ އިންޑިއާ އިން ފިޔާ އެކްސްޕޯޓުކުރުން މަޑުޖައްސާލުމުން ފިޔާގެ ތާށިކަން އުޅޭ ކަމަށް ބާޒާރުމަތީ ފިހާރަތަށް ހިންގާާ ވިޔަފާރިވެރިން ބުނެއެވެ.

ފިޔާގެ އަގު އުފުލިފައިވާތާ ތިން ވަރަކަށް މަސް ވެފައިވާއިރު އަންނަ ޖެނުއަރީ ތެރޭ ފިޔާގެ އަގު ހަމައަކަށް އެޅޭނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުންޏެވެ.