ދިއްލީ (ޑިސެމްބަރު 17): އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ތެރެއިން، ފުލުހުންގެ އަނިޔާ ލިބުނު އެކުވެރިޔެއްގެ ދިފާއުގައި ތެދުވި އަންހެނުންނަށް ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ ތައުރީފު ލިބިއްޖެ އެވެ.

އެ އަންހެނުންނަކީ އިންޑިއާގައި މުސްލިމުންނާ މެދު ތަފާތު ކުރުމަށް ހިތްވަރުދޭ އިސްލާހެއް އެގައުމުގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައުމާ ގުޅިގެން ދިއްލީގައި ކުރާ މުޒާހަރާތަކުގައި ބައިވެރިވި، ޖާމިޔާ މިލިއާ އިސްލާމިއްޔާ (ޖޭއެމްއައި)ގެ ދަރިވަރުންތަކެކެވެ.

އާދިއްތަ ދުވަހު ކުރިއަށްގެންދިޔަ އެ މުޒާހަރާތައް ރޫޅާލުމަށް މުގުރު ބުރި އާއި ބަޑި ހިފައިގެން ތިބި ރަޔަޓް ގިޔަރު ފުލުހުން ވަނީ ނުކުމެފަ އެވެ. އަދި މުޒާހަރާ ރޫޅާލުމުގެ ތެރެއިން ހިނގި ހާދިސާއެއްގެ ވީޑިއޯއަކުން ފެންނަ ގޮތުގައި ފަސް އަންހެނުންނާ އެކު ހުރި ފިރިހެން ދަރިވަރެއް ފުލުހުން ގެޔެއްގެ ތެރެއިން ދަމާ ގެންދާތަން ފެނެ އެވެ.

އެ ފުލުހުން ތިބެނީ ހެލްމެޓު އަޅާ، މޫނު ފޮރުވައިގެންނެވެ. އަދި އޭގެ ތެރޭގައި އާދައިގެ ހެދުމުގައި ހުރި، ފުލުހެއް ނޫން ކަމަށް ބެލެވޭ މީހެއްވެސް ހުއްޓެވެ.

އެވީޑިއޯއިން ފެންނަ ގޮތުގައި، ފިރިހެން ދަރިވަރު ދަމާ ޕޭވްމެންޓު މައްޗަށް ނެރުމަށް ފަހު ފުލުހުން އޭނާއަށް ދަނޑިބުރިން ހަމަލާ ދޭން ފަށަ އެވެ. ނަމަވެސް އެވަގުތު އެ ފަސް އަންހެން ދަރިވަރުން ގޮސް އޭނާ ވަށާލާ، ފުލުހުންގެ ހަމަލާއިން ސަލާމަތް ކުރުމަށް "ޝީލްޑަކަށް"ވެ އެވެ.

"އެތާ އަންހެން ފުލުހެއް ނެތް، އެހެންވެ އަހަރެމެން ހިތަށް އެރީ ފުލުހުން އަހަރެމެން ގައިގައެއް އަތެއް ނުލާނެއޭ އަދި ނުޖަހާނެއޭ. އަދި އަހަރެމެންގެ އެކުވެރިޔާ ސަލާމަތް ކުރެވޭނެޔޭ،" ވީޑިއޯއިން ފެނިގެންދާ 22 އަހަރުގެ ދަރިވަރު ލަދީދާ ފަރުޒާނާ ބުންޏެވެ.

ނަމަވެސް ފުލުހުން އެމުޒާހަރާ ތެރެއިން އަންހެނުންގެ ގައިގައިވެސް ޖަހާ، ހުތުރު ބަހުން މުއާމަލާތް ކުރި ކަމަށް ފަރުޒާނާ ބުންޏެވެ. އަދި ވީޑިއޯއިން ދެން ފެނިގެންދަނީ ފިރިހެން ދަރިވަރު ކައިރިން އަންހެން ދަރިވަރުން ދުރަށް ނުދިޔުމުން، ފުލުހުން ބަލި ގަބޫލުކޮށް އެތަން ދޫކޮށްދާ މަންޒަރެވެ.

"އެވަގުތު ހަމައެކަނި ވިސްނީ އެކުވެރިޔާ ސަލާމަތް ކުރަން. އެފަދަ ހާލަތެއް ދިމާވެދާނެ މީގެ ކުރިން ހިއެއްވެސް ނުކުރަން. ނަމަވެސް އޭރު ފަހަތަށް ޖެހެވޭކަށް ނެތް،" ވީޑިއޯއިން ފެނިގެންދާ އެހެން ދަރިވަރެއް ކަމަށްވާ 22 އަހަރުގެ އައިޝާ ރެނާ ބުންޏެވެ.

އެ ވީޑިއޯ ފޭސްބުކާއި ޓުވިޓާ މެދުވެރިކޮށް އެތައް ހާސް މީހުން ވަނީ ބަލާ، އަންހެން ދަރިވަރުންގެ ހިތްވަރަށް ސާބަސްދީފަ އެވެ.

"[ދަރިވަރުންގެ] ހިތްވަރަށް ސެލިއުޓު ކުރަން،" ފޭސްބުކުން ވީޑިއޯ ޝެއާ ކުރި އަޒްހަރު އަޖޫ ބުންޏެވެ.

"މިއީ ހިތްވަރުގަދަ އަންހެނުން. މިއީ އެކަކު އަނެކެއްގެ ރައްކާތެރިކަމަށްޓަކައި އެއް އާއިލާއެއްގެ މެމްބަރުން އަމަލު ކުރާ ގޮތް،" ސޯޝަލް މީޑިއާގައި އިތުރު މީހަކު ބުންޏެވެ.

ޖޭއެމްއައިގެ ދަރިވަރުން ދިފާއުކޮށް، ދިއްލީގެ ފުލުހުންނަށް ގިނަ މީހުން ވަނީ ފާޑު ކިޔާފަ -- ފޮޓޯ: ރޮއިޓާސް

އެ ވީޑިއޯއިން ފެނިގެންދާ ފިރިހެން ދަރިވަރު ކަމަށްވާ ޝަހީން އަބްދުﷲ ވަނީ އާދިއްތަ ދުވަހު ހިނގި އެހާދިސާއަށް ފަހު، އޭނާއަށް ލިބުނު ޒަހަމްތައް ރަނގަޅު ނުވަނީސް އިއްޔެވެސް މުޒާހަރާއަށް ނުކުމެފަ އެވެ.

"މި މުޒާހަރާ ކުރަނީ އަހަރެމެންނާ ނުވަތަ އެވީޑިއޯއާ ބެހޭ ގޮތުންނެއް ނޫން. ނަމަވެސް އެބިލާ ބެހޭ ގޮތުން. އެފަދަ ކަންތައް ވާނީ ހަމައެކަނީ އަހަންނާ އެ އަންހެން ކުދިންނަކަށް ނޫން. އެފަދަ ކަންތައް މިގައުމުގެ ހުރިހާ މުސްލިމުންނަށްވެސް ވާނެ،" އަބްދުﷲ ބުންޏެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނުގައި ކުރިން އޮތް ގޮތުން އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެވާ މީހުންނަށް އިންޑިއާގެ ރަށްވެހިކަމެއް ނުލިބޭނެ އެވެ. އަދި ބޭރު މީހަކަށް އެގައުމުގެ ރަށްވެހިކަމަށް އެދެވޭނީ އިންޑިއާގައި ދިރިއުޅޭތާ ނުވަތަ ފެޑެރަލް ސަރުކާރުގައި މަސައްކަތް ކުރާތާ މަދުވެގެން 11 އަހަރުވުމުންނެވެ.

ނަމަވެސް މިހާރު ޕާލިމެންޓުން ވަނީ އެ މާއްދާތަކަށް އިސްލާހު ގެންނަން ފާސްކޮށްފަ އެވެ. އަދި އެގައުމުން ރަށްވެހިކަން ހޯދަން ބޭނުންވާ ހިންދޫންނާއި ސިކުންނާއި ބުޑިސްޓުންނާއި ޖައިނުންނާއި ނަސާރާއިންނާއި މަޖޫސީންނަށް ހާއްސަ އިމްތިޔާޒުތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން އެމީހުންނަކީ ޕާކިސްތާން، އަފްޣާނިސްތާން ނުވަތަ ބަންގުލަދޭޝްއަށް ނިސްބަތްވާ މީހުންކަން ސާބިތު ކުރެވިއްޖެ ނަމަ، އެމީހުން އިންޑިއާގައި ދިރިއުޅޭތާ ނުވަތަ މަސައްކަތް ކުރާތާ ހަ އަހަރު ފަހުން ރަށްވެހިކަމަށް އެދެން ފުރުސަތު ލިބޭނެ އެވެ.

އެ ބިލު ދިފާއު ކުރާ މީހުން ވަނީ އިންޑިއާ އިން އެގޮތަށް ރަށްވެހިކަން ދެނީ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުގައި، އެހެން ދީނަކަށް ތަބާވުމުގެ ސަބަބުން ފުރައްސާރަ އާއި އަނިޔާއާ ކުރިމަތިލާން ޖެހޭ މީހުންނަށް ކަމަށް ބުނެފަ އެވެ.

ނަމަވެސް އެބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ މުސްލިމުންނާ މެދު ތަފާތުކުރާ އަދި އެގައުމުގައި ހަމަހަމަކަމާ އެކު އަމަލު ކުރުމަށް އަންގާފައިވާ ގާނޫނު އަސާސީއާ ވެސް ފުށުއަރާ އިސްލާހެއް ކަމަށް ބުނެފަ އެވެ.

އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެބިލު ތަސްދީގު ކުރައްވާފަ އެވެ. އަދި އެގާނޫނާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި މިހާތަނަށް ހަ މީހަކު ވަނީ މަރުވެފަ އެވެ.

ނަމަވެސް އެގައުމުގެ ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާ ކަމަށް ބުނާ ތުހުމަތުތައް ދޮގުކޮށްފަ އެވެ.