ފިލްމީ ދާއިރާއިން ލިބޭ އެންމެ ޝަރަފުވެރި އަދި އެންމެ އަގުބޮޑު އެވޯޑު ކަމަށްވާ އޮސްކާސްގެ ނޯމިނޭޝަން އަންނަ ޖެނުއަރީ މަހުގެ 13ގައި އާންމުކުރުމަށް ނިންމައިފި އެވެ.

ކުރިއަށް އޮތް 92 ވަނަ އޮސްކާސް އެވޯޑު ހަފްލާ ކައިރިވަމުން ދާއިރު އަންނަ އަހަރުގެ އެވޯޑުގައި ވާދަކުރާނެ ގަދަ ފިލްމުތަކާ ގުޅޭގޮތުން ދަނީ ބަހުސްތަކެއް ކުރަމުންނެވެ.

އެއާއެކު އޮސްކާސް އިން މިއަދު ވަނީ އެ އެވޯޑުގެ ނުވަ ދާއިރާއެއްގައި ވާދަކުރާނެ ފިލްމުތަކުގެ ޝޯޓްލިސްޓެއް ހަދައި އެކަން އާންމުކޮށްފައެވެ.

ޝޯޓްލިސްޓުގައި ހިމެނޭ ގިނަ ދާއިރާތަކަކީ މިއުޒިކާއި އޮރިޖިނަލް ސްކޯ އާ ގުޅޭ ދާއިރާތަކުގެ އެވޯޑުތަކެވެ. އެގޮތުން އެންމެ މޮޅު އޮރިޖިނަލް ސްކޯ އާއި އޮރިޖިނަލް ލަވަ ހިމެނެއެވެ. އޭގެއިތުރުން މޭކަޕް އާއި ލައިވްއެކްޝަން ފިލްމުގެ އިތުރުން ވިޜުއަލް އިފެކްޓްގެ ދާއިރާ ހިމެނެއެވެ.

އެ ނުވަ ދާއިރާގައި އެންމެ ގިނަ އެވޯޑުތަކުގެ ޝޯޓްލިސްޓުގައި ހިމެނޭ ފިލްމުތަކުގެ ތެރޭގައި "ޖޯކަރ" އާއި "ފްރޯޒެން 2" އަދި "ބޮމްބްޝެލް" ހިމެނެއެވެ.

މިއަހަރުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަކުރާ ފަންނާނުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭނެ ކަމަށް ބެލެވެނީ ޖޯކަރުގެ ރޯލުން ފެނިގެން ގޮސްފައިވާ ވާކީން ފީނިކްސް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އޮސްކާސް އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ އަށެއްގައެވެ.