މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ޝަރުތުކޮށް ދޫކޮށްލާފައިވާ މީހަކު މަސްތުވާތަކެއްތި ހުރި ޓެކްސީއެއްގެ ތެރެއިން ހައްޔަރުކޮށްފި އެވެ. އޭނާ މިހާރު ދޫކޮށްލާފައިވާއިރު ކަރެކްޝަންސް އާ އޭނާ ހަވާލުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ އާސަހަރާ ކައިރިން ޓެކްސީ އެއް ހުއްޓުވާ ބަލާ ފާސްކުރި އިރު ޓެކްސީގެ ކުރީ ސީޓުގެ ދޭތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި އަށް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެ މައްސަލައާއި ގުޅިގެން ކާރުގެ ޑްރައިވަރު 26އ، އާއި ކާރުގައި އިން ޕަސެންޖަރު 28އ. ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް 24 ގަޑިއިރު ބޭތިއްބުމަށްފަހު އެ ދެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހިމެނޭ 28 އަހަރުގެ މީހާ އަކީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ޝަރުތުތަކެއް ކޮށް ދޫކޮށްލާފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށެވެ.

އަދި ކަރެކްޝަންސް އިން ފާހަގަކޮށްފައިވާ މުއްދަތުގެ ތެރޭގައި ކުށެއްގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައިވާތީ އެކަން ކަރެކްޝަންސް އާ ހިއްސާކޮށް އޭނާ އާއި މެދު ގޮތެއް ނިންމުމަށް ކަރެކްޝަނާ ހަވާލުކުރުމަށް އެދި ސިޓީ އެއް ފޮނުވާފައިވާ ކަމަށާއި އެހެންކަމުން ރޭ ހިފެހެއްޓި ކާރުގެ ޕަސެންޖާ ސީޓުގައި އިން 28 އަހަރުގެ މީހާ ކަރެކްޝަންސް އާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.