ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި، "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަން"ގެ ބޮޑު ދެ ރިޕޯޓަކުން ފެންމަތިކުރީ ނުރައްކާތެރި އަނދިރި ދައުލަތެއް އުފެދި ރޭވުންތެރިކަމާ އެކު ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ގޮތުގެ ބޮޑު މަންޒަރެވެ. އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އިލްމުވެރިޔާ، ޑރ. އަފްރާޝީމް އަލީ އާއި ބްލޮގަރު ޔާމީން ރަޝީދު ގަތުލުކޮށްލުމާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގެ ބޮޑު ޖަރީމާ އަނދިރި ދައުލަތުގެ ވެރިން ރާވައި ހިންގި ގޮތުގެ ބިތުފަންގި ނަގައި، މަންޒަރު ސާފުކޮށްދިނެވެ. ރިޔާސީ ކޮމިޝަނުން ހިންގި ތަހުގީގުގެ ނަތީޖާއަކަށްވީ، ފަރުވާލެއް ނެތި ތިއްބައި ބޮޑުވެ ފުޅާވެގެން ދިޔަ ހަރުކަށި ފިކުރުމުގެ މޫތަށް ލުހެލަން ވަރުގަދަ މަސައްކަތްތަކެއް ފަށަން މަޖުބޫރުވުމެވެ. ނުދައްކާ ވާހަކައެއްގެ ގޮތުގައި އޮތް، "ހަރުކަށި ފިކުރު"ގެ ވާހަކަ އެންމެން ދައްކަން މަޖުބޫރު ކުރުވި އެވެ. އެ ފިކުރާ ދެކޮޅަށް މަސައްކަތް ކުރުން ނޫން ގޮތެއް ދެން ނެތްކަމުގެ މެސެޖް އެ ރިޕޯޓްތަކުން ދިނެވެ.

އައިއެސް އާއި އަލް-ގައިދާގެ ސެލްތަކެއް

މީގެ ހަތަރު އަހަރު ކުރިން، ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާންއަށް ވީގޮތް ހޯދުމަށް ކޮމިޝަނުން ހިންގި ތަހުގީގަށް ފަހު ހޯދުނު މުހިންމު ކަންކަން ސެޕްޓެމްބަރު، 1، 2019 ވަނަ ދުވަހު އާންމުކުރި އެވެ.

އެ ހޯދުންތަކުން ހާމަވީ، ދިވެހިންގެ ތެރޭގައި ތިބި ދީނީ ހަރުކަށި ހިޔާލުތަކުގެ ބަޔަކު އެންމެ ނުރައްކާތެރި ދެ ޓެރަރިސްޓް ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް) އަދި އަލްގައިދާ ޖަމާއަތާ ބައިއަތު ހިފައި ރޭވުންތެރިކަމާ އެކު ސެލްތަކެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުން ދިޔުމެވެ.

ކޮމިޝަނަށް ލިބުނު ހެއްކާއި ގަރީނާގެ މައްޗަށް ބުރަވެ، ކޮމިޝަނުން ބުނެފައި ވަނީ، މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތައް ހިންގަމުން ދިޔައީ، އަލް-ގައިދާއަށް ބައިއަތު ހިފައިގެން ތިބި، ދަފްތަރު ނަންބަރު 471، މުހައްމަދު މަޒީދާއި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު އިސްވެ އޮޕަރޭޓް ކުރަމުން ދިޔަ ޖިހާދީ ފިކުރުގެ ޖަމާއަތުން ކަމަށެވެ. އެގޮތުން ޑރ. އަފްރާޝީމް އަލީގެ ގަތުލުކޮށްލައި، ރިލްވާން ރަހީނުކޮށް ބޯބުރިކޮށް މަރާލުމަށް ފަހު ކަނޑު ފެއްތުމާއި އޭނާގެ އެކުވެރިޔާ ބްލޮގަރު ޔާމީން ރަޝީދު މަރާލީ މި ޖަމާއަތުން ކަމަށް ކޮމިޝަންގެ ތަހުގީގަށް ސާބިތުވި އެވެ.

ކޮމިޝަންގެ ހޯދުންތަކުން އެނގޭ ގޮތުގައި، ރާއްޖޭގައި ތިބި ހަރުކަށި ފިކުރުގެ ޖިހާދީ ޖަމާއަތަށް ނިސްބަތްވާ މީހުން 2008 އަދި 2009 ހިސާބުގައި އަލްގައިދާއާ ރަސްމީކޮށް ގުޅި، އެ ފަރާތްތަކުގެ ލަފައާއި އިރުޝާދުގެ ދަށުން ޖަމައާތެއްގެ ސިފައިގައި ހަރަކާތްތައް ފެށި އެވެ.

މިއީ، ރާއްޖޭގައި ޖިހާދީ ޖަމާއަތްތަކުގެ ސެލްތައް ހަރަކާތްތެރިވުމުގެ ފެށުމެވެ.

ނަމަވެސް އޭގެ ފަހުން ޖޫން، 2014ގައި އަލްގައިދާގެ ވެރިޔާ، އަބޫބަކުރު އަލް ބަގުދާދީ، އިސްލާމިކް ސްޓޭޓް އުފެއްދުމާ ގުޅިގެން ރާއްޖޭގެ އަލްގައިދާގެ ލީޑާޝީޕް ދެ ބަޔަކަށް ބައިވެ، ބަގުދާދީއަށް އެއްބަޔަކު ބައިއަތު ހިފައި، އިސްލާމިކް ސްޓޭޓް (އައެސް)ގެ ގުރޫޕަކަށް ބަދަލުވި އެވެ. އެ ސެލްގެ ބޮޑަކަށްވީ، ފުވައްމުލަކު/ ކަރީއާވިލާ، މުހައްމަދު އަމީން، އެވެ. މަޒީދާއި ސާމިތު ބަޣުދާދީއަށް ބައިއަތު ނުހިފައި އަލްގައިދާ ޖަމާއަތުގައި މަޑުކުރި އެވެ.

މި ދެ ގްރޫޕުވެސް އޮޕަރޭޓް ކުރަމުން ދިޔައީ ވަރަށް ބޮޑަށް ރޭވިގެން ކަމަށް ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކުރި އެވެ. އެގޮތުން ކޮންމެ ޓާސްކަކަށް ކުދިކުދި ސެލްތަކެއް ހަދާފައިވާ އިރު، ކޮންމެ ސެލްއަކަށް ކޮމާންޑް ކުރަން "އަމީރަކު" ހަމަޖައްސާފައި ހުރެ އެވެ. އަދި އިސް ލީޑަރުގެ ލަފާގެ މަތިން އަމީރު ސެލްތަކުގެ މަސައްކަތްތައް ތަރުތީބު ކުރާއިރު ހާއްސަ މިޝަންތަކަށް، އެކި ސެލްތައް އެއްބައިވެ ހަރަކާތްތައް ހިންގަ އެވެ. އެކަމަކު އެއް ސެލް އަނެއް ސެލްއަށް ހަގީގީ މިޝަންއެެއް ނޭނގެ އެވެ.

ދީނުގެ ނަމުގައި ލޭއޮހޮރުވުމާއި ވައްކަމާއި ފޭރުން!

ކޮމިޝަންގެ ތަހުގީގަށް އެނގުނު ގޮތުގައި، އައިއެސްގެ ގޮފިން އާންމުކޮށް ހިންގަނީ ބޮޑެތި ވައްކަމާއި ފޭރުމެވެ. ވެސްޓާން ޔޫނިއަންގެ ބޮޑު ވައްކަމާއި، ބީއެޗްއެމްގެ ފައިސާތައް ފޭރިގަތުން ފަދަ ބޮޑެތި ވައްކަންތައް ހިންގީ އައިއެސްގެ ރާއްޖޭގެ ޖަމާއަތުންނެވެ. އެ މީހުންގެ ފިކުރަކީ، ރާއްޖޭގައި އޮޕަރޭޝަންތައް ހިންގުމުގެ ބަދަލުގައި ފައިސާ ހޯދައި، އެ ފައިސާ ޖިހާދަށް މީހުން ފޮނުވުމަށް އަދި މައި ޖަމާްއަތަށް ފައިސާ އެހީ ދިނުމުގައި ބޭނުން ކުރާނީ އެވެ.

އަލްގައިދާ ގޮފި ހާއްސަ ވަނީ، މީހުން މެރުމާއި، ލޭ އޮހޮރުވުމުގެ ކަންކަމާ ގުޅޭ ޖަރީމާތައް ހިންގުމަށެވެ. ކޮމިޝަންގެ ރިޕޯޓްގައި ބުނާ ގޮތުގައި، އެ މީހުން ގަބޫލު ކުރަނީ ދީނާ ދެކޮޅަށް ހަރަކާތްތެރިވާ ކޮންމެ މީހަކު ތައުބާ ނުވެއްޖެ ނަމަ، މަރާލަން ޖެހޭ މީހެއް ކަމަށެވެ. އެ ޖަމާއަތުގެ މި ހަރަކާތްތަކަށް ފަންޑު ހޯދަން، ތަރުކާރީ ފިހާރަތަކާއި ހޮޓާ ވިޔަފާރީގެ އިތުރުން ކަންނެލި ދޯނި ފަހަރުވެސް ގެންގުޅޭ ކަމަށް ރިޕޯޓްގައި ބުންޏެވެ.

ހައްދުފަހަނައެޅުން ހުއްޓުވަން އިތުރު ބާރުތަކެއް!

މި ޖަމާއަތްތަކުގެ ހަރަކާތްތައް އިތުރަށް ކުރިއަށް ނުގޮސް ހުއްޓުވުމަށް، އިތުރަށް ގާނޫނީ ބާރުތަކެއް ސަލާމަތީ ހިދުމަތްތަކަށް ލިބެން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރެއްވި އެވެ. އަދި އެއާ އެކު ޓެރަރިޒަމްގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖިލީހަށް ބިލެއް ވެއްދި އެވެ. އެ ބިލްގައި ޓެރަރިޒަމް މާނަކުރުން ފުޅާކޮށް، ޓެރަރިޒަމްގެ ތުހުމަތުވާ މީހުން ހައްޔަރުކޮށް ތަންތަނަށް ވަދެ ބަލައި ފާސްކުރުމަށް ސަލާމަތީ ބާރުތަކަށް އިތުރު އިމްތިޔާޒުތައް ދިނެވެ.

އެމްޑީޕީއިން އެދިގެން ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން އެ ބިލް ފާސްކުރީ، ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ. އަދި ރައީސް ބިލް ތަސްދީގު ކުރެއްވީ، އޮކްޓޯބަރު 10 ވަނަ ދުވަހު އެވެ.

އެއާ ބަދަލުތަކުން ލިބުނު ބާރުތަކުން، އައިއެސްގެ އިސް ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާ "ޓެރަރިސްޓުން"ގެ ލިސްޓުގައި އެމެރިކާއިން ހިމަނާފައިވާ އަމީން ފުލުހުން ހައްޔަރުކުރި އެވެ. އަދި އޭނާގެ މައްޗަށް ދައުވާކުރަން ވަނީ ފޮނުވައިފަ އެވެ. އަދި ރިލްވާން، އަފްރާޝިމް، ޔާމީންގެ ގަތުލާ ގުޅިގެން ރާއްޖޭގައި ތިބި އަލްގައިދާގެ އިސް ދެ މީހުން ކަމަށްވާ، މަޒީދާއި ސާމިތުގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.

ހައްދުފަހަނަ އެޅި ފިކުރުގެ އާ ވާހަކަތަކެއް!

ރ. މަޑުއްވަރީއަށް ނިސްބަތްވާ ލަނޑާނަގާ ދޯންޏެއްގައި ނޮވެމްބަރު 22 ވަނަ ދުވަހުގެ ރޭ މާރާމާރީއެއް ހިންގައި އެ ރަށު، މުހައްމަދު ހައްމާދު، 24 ގަޔަށް ވަޅި ހަރައި ކަނޑަށް އެއްލައި ހާދިސާވެސް ގުޅުނީ ހައްދުފަހަނަ އެޅި ފިކުރާ އެވެ. ހާދިސާގެ ފުނަށް ދިޔައިރު، އެ ދޯންޏަކީ، ދީނުގެ ނަމުގައި "ވައްކަން" ކުރަން ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ބައެއް ތިބި ދޯންޏެކެވެ. އެ މީހުންގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުމެއްގައި ހައްމާދަށް މަރުގެ ހުކުމް އިއްވައި، އޭނާ މަރާލަން ވަޅި ޖަހައި ކަނޑައަށް ހޫރާލީ އެވެ. އަދި ޒަހަމްވި ހައްމާދު ކޯޓުން ބޭރުން ގާނޫނާ ހިލާފަށް 13 އަހަރުގެ އަންހެން ކުއްޖަކާ ކައިވެންޏެއް ކޮށް، އެ ކުއްޖާ ބަލިވެ އިނދެ އޭރު ވަނީ ވިހެއުމާ ގާތްވެފައިކަން ވެސް ފަޅާއެރި އެވެ.

އެ ހާދިސާއިން ޔަގީންވީ ހައްދުފަހަނަ އެޅި ފިކުރުގައި ޖެހި ކުޑަ އަންހެން ކުދިންނާ "ކައިވެނީ"ގެ ނަމުގައި ޖިންސީ ގުޅުން ހިންގުމާއި ވެކްސިން ނުދިނުމާއި މަދަރުސާއަށް ނުފޮނުވުން ފަދަ އެތައް ކަމެއް ހިނގަމުންދާ ކަމެވެ. އަދި އެކަންކަމާ މެދު މަޖިލީހުގައި ބަހުސްތައް ހިނގައިގަތެވެ. އެންމެން ސަރުކާރަށް ގޮވާލީ އެކަންކަމާ ގުޅިގެން ސަރުކާރުން ފިޔަވަޅުތައް އެޅުމަށެވެ.

އެއާ އެކު ސަރުކާރުން ބުނީ، ހައްދު ފަހަނައެޅި ފިކުރަށް މި ސަރުކާރުން އޮތީ ޒީރޯ ޓޮލިރަންސް ކަމަށެވެ. އަދި އެ ފިކުރު ހުއްޓުވުމަށް ޓާސްކް ފޯހެއް އެކުލަވާލައި މަސައްކަތް ފެށި އެވެ.

ޒަމާނުއްސުރެ ފޮރުވިފައި އޮތް އަނދިރި ދައުލަތުގެ ބިތުފަންގި ނެގި އެ ދައުލަތާ ދެކޮޅު މަސައްކަތްތައް ރަސްމީކޮށް ފަށައިގަނެވުނެވެ. ރ. މަޑުއްވަރީއަށް ފުލުހުން އަރައި، ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކުރި އެވެ.