27 Nov 2011, 16:50
ތެހެރާން (ނޮވެމްބަރ 27) : އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އެމެރިކާ ނޫނީ އިސްރާއީލުގެ ޙަމަލާތަކެއް އަމާޒުވެއްޖެނަމަ އިސްރާއީލުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމުގެ އިތުރުން ތުރުކީގައި ބިނާކުރާ ނޭޓޯގެ މިސައިލް އައްޑަނައިގެ ރަޑަރުތަކަށްވެސް ޙަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
އީރާނުގެ އިންޤިލާބީ ލަޝްކަރުތަކުގެ ވައިގެ ބާރުތަކުގެ ވެރިޔާ ޖެނެރަލް އަމީރު ޙާޖީ ޒާދާ ވިދާޅުވިގޮތުގައި އީރާނަށް ޙަމަލާދީފައި އިސްރާއީލަށްވެސް އަދި ނޭޓޯގެ ޤައުމުތަކަށްވެސް އަމާންކަމުގައެއް ނޫޅެވޭނެއެވެ. އޭނާ ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ދޭ ކޮންމެ ޙަމަލާއަކަށް ދެ ޙަމަލާ އިސްރާއީލުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ދޭނެކަމުގައެވެ. އަދި އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދީފިނަމަ އިސްރާއީލުގެ ނިއުކްލިޔަރ މަރުކަޒުތައް ބިމާހަމަކުރާނެ ކަމަށްވެސް ޖެނެރަލް ޒާދާ ވިދާޅުވިއެވެ.
އީރާނުން މިދިޔަ ހަފްތާގައިވެސް އިސްރާއީލަށް ހަރުކަށި އިންޒާރެއް ދީފައިވެއެވެ. މިއިންޒާރުގައި އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ ޢަލީ ޚަމަނާއި ގެ ޢަސްކަރީ މުސްތަޝާރު ޖެނެރަލް ރަޙީމް ސަފަވީ ވަނީ އީރާނަށް ޙަމަލާދީފިނަމަ ފަލަސްތީނަށް ވެރިވެ ގަނެގެންއުޅޭ ޔަހޫދީ "ޒަޔނިސްޓް ނިޒާމު" ވުޖޫދުން ފުހެލައި ތާރީޚުގެ ވަށިގަނޑަށް އިސްރާއީލެވެކިޔާ ޤައުމު އެއްލާލާނެ ކަމަށް ވިދާޅުވެފައެވެ.
އިސްރާއީލުން ގެންދަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭނެކަމުގެ ހަރުކަށި އިންޒާރުތައް ދެމުންނެވެ. އިސްރާއީލުގެ އިތުރުން އެމެރިކާވެސް ގެންދަނީ އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ހުއްޓުވުމަށްޓަކައި އެޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭންޖެހިއްޖެ ޙާލަތެއްގައި އެކަންކުރާނެ ކަމުގެ އިންޒާރުތައް ދެމުންނެވެ. މީގެއިތުރުން އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކުން ގެންދަނީ އީރާނާ ދެކޮޅަށް އދ. އާއި އދ. ގެ ބޭރުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އީރާން ޙިސާރުކުރުމަށް މަސައްކަތްކުރަމުންނެވެ.
އީރާނުންވަނީ އެޤައުމުގެ ނިއުކްލިޔަރ ސައެންޓިސްޓުންނަށް އަމާޒުކޮށް ޓެރަރިސްޓް ޙަމަލާތައް ދިނުމަށް މަސައްކަތްކުރާކަމުގެ ތުހުމަތު އެމެރިކާއާއި އިސްރާއީލުގެ މައްޗަށް ކޮށްފައެވެ. އީރާނުގެ ޙައްސާސީ މަރުކަޒުތަކަށް ޖާސޫސުކުރަން އުޅުނު އެމެރިކާގެ 12 ޖާސޫސަކު މިދިޔަ ހަފްތާގައި ހައްޔަރުކުރިކަން އީރާނުންވަނީ ހާމަކޮށްފައެވެ. (އަލްޖަޒީރާ+ނުސްއެޖެންސީތައް)