16 Dec 2019, 20:30
ނިއުދިއްލީ، އިންޑިއާ (ޑިސެމްބަރު 16): ފުރާވަރު އަންހެން ކުއްޖަކު ރޭޕް ކުރުމުގެ ކުށް އިންޑިއާގައި ވެރިކަންކުރާ ބަރާތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ކުރީގެ އިސް ބޭފުޅެއްކަމަށްވާ ކުލްދިޕް ސިންގް ގެ މައްޗަށް ސާބިތުވެއްޖެއެވެ.
ނިއުދިއްލީގެ ކޯޓަކުން ބުނީ ފުރާވަރު އުމުރުގެ އަންހެން ކުއްޖަކު އެއްފަހަރަށްވުރެ ގިނަ ފަހަރު ރޭޕްކުރިކަން ކުލްދިޕް ސިންގް ގެ މައްޗަށް ސާބިތުވެފައިވާ ކަމަށާ އޭނާގެ މައްޗަށް އަންނަ ހަފްތާގައި ހުކުމް އިއްވާނެ ކަމުގައެވެ.
ކުލްދިޕް ސިންގް އަކީ އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތުރާ ޕްރަދޭޝްގެ ލޯކަލް ޕާލަމެންޓްގައި ކުރިން "ބީޖޭޕީ" ތަމްޘީލް ކުރެއްވި މެންބަރެކެވެ. ކުލްދިޕް އަކީ އެ ސްޓޭޓްގައިވާ "ބީޖޭޕީ" ގެ ގޮފީގެ އިސް މީހެއްގެ ގޮތުގައި އަހަރުތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ މީހެކެވެ.
ފުރާވަރުގެ އަންހެން ކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތު ކުލްދިޕްގެ މައްޗަށް ކުރެވިފައިވަނީ 2017 ވަނަ އަހަރުއެވެ. ކުލްދިޕްގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއެކުވެސް ތަހްގީގްތަކުން ސަލާމަތްވެގެން ގިނަ ދުވަސްތަކެއް އޭނާ "ބީޖޭޕީ" ގައި ސިޔާސީ އިސް އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ގެންދިޔައެވެ. އެއާއެކު މި މައްސަލާގައި އިހްމާލުވުމާއި އަޅާނުލުމުގެ އިތުރުން "ބީޖޭޕީ" ގެ އިސްފަރާތްތަކުގެ ނުފޫޒަށް ބޯލެނބި ކަމުގެ ތުހުމަތު އުއްތުރާ ޕްރަދޭޝްގެ ފުލުހުންގެ މައްޗަށް ކުރެވުނެއެވެ.
ނަމަވެސް އެ މައްސަލާގައި "ބީޖޭޕީ" އާ ދެކޮޅަށް އުއްތުރާ ޕްރަދޭޝްގައާއި އިންޑިއާގެ އެހެން ކަންކޮޅުތަކުގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އަޑުއުފުލައި ފާޑުކިޔައި ކުރި ކެމްޕެއިންތަކުގެ ނަތީޖާއެއްގެ ގޮތުން ކުލްދިޕްގެ މައްސަލަ ބަލައި ތަހްގީގް ކުރުމުގެ ކަންތައް 2018 ވަނަ އަހަރު އުއްތުރާ ޕްރަދޭޝްގެ ފުލުހުން ފެށިއެވެ.
އަދި ކުލްދިޕްގެ މައްސަލަ ކޯޓަށް ހުށަހެޅި ދައުވާ ސާބިތުވާވަރަށް ހެކި ހުރިކަން ހާމަވުމުން މިއަހަރުގެ އޮގަސްޓްމަހު "ބީޖޭޕީ" ން ވަނީ އެޕާޓީގެ މެންބަރުކަމުން ކުލްދިޕް ވަކި ކޮށްފައެވެ.
ކުލްދިޕްގެ ދިފާއީ ވަކީލު ތާންފީރު އަހްމަދު މީރު ބުނީ އޭނާގެ މުވައްކިލު ކުލްދިޕްގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ދައުވާ ކަމަށާ އެދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ނިއުދިއްލީގެ ކޯޓުން ނިންމީ ކުލްދިޕް އެކަމަށް އިންކާރު ކުރަމުން ގެންދަނިކޮށް ކަމުގައެވެ. ކުލްދިޕް އިންކާރު ކުރަމުން ގެންދިޔަނަމަވެސް ދައުވާ ސާބިތުވާ ކަމަށް ނިންމީ ކުލްދިޕްއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުރުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މިމައްސަލާގައި އުމުރަށް ޖަލަށް ލުމުގެ ހުކުމެއް ކުލްދިޕްގެ މައްޗަށް ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.
2017 ވަނަ އަހަރު ކުލްދިޕްގެ ޖިންސީ ޝިކާއަކަށްވި ފުރާވަރުގެ އަންހެން ކުއްޖާ ވަނީ އަމިއްލައަށް މަރުވަން އެތަށް ފަހަރަކު މަސައްކަތްކޮށްފައި ކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ. އޭނާ އަމިއްލައަށް މަރުވަން މަސައްކަތް ކުރާކަން އެނގުމުން ފުލުހުންވަނީ އެކަން ހުއްޓުވުމަށްޓަކައި އޭނާއަށް ހިމާޔަތް ދީފައެވެ.
އިންޑިއާއަކީ ދުނިޔޭގައި އަންހެނުންނަށާ އަދި އަންހެން ކުދިންނަށް އެންމެ ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައިވާ ގައުމެކެވެ. އިންޑިއާގައި އަހަރަކު ދެ ލައްކައަކަށްވުރެ ގިނަ އަންހެނުންނާއި އަންހެން ކުދިން ރޭޕް ކުރާކަމަށް އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނެއެވެ. އިންޑިއާގައި ރޭޕް ކުރެވޭ އަންހެނުންނާއި އަންހެން ކުދިންގެ ތެރެއިން ރިޕޯޓް ކުރެވެނީ އެކެއް އިންސައްތައަށްވުރެވެސް މަދު ހާލަތްތަކެއް ކަމަށް އެފަރާތްތަކުން ބުނެއެވެ. (ނޫސްއެޖެންސީތައް)