16 Dec 2019, 20:52
ރާއްޖޭގައި މަތީ ފަންތީގެ ރިސޯޓެއް ތަރައްގީކުރުމަށް ސްރީލަންކާގެ ނޭޝަނަލް ޓްރަސްޓް ބޭންކާއި ޑީއެފްސީސީ ބޭންކު ގުޅިގެން 33.5 މިލިއަން ޑޮލަރުގެ ލޯނު ދީފިއެވެ.
ލަންކާގެ ޑެއިލީ މިރާ ގައި ބުނީ އެ ލޯނު ދޫކޮށްފައިވަނީ ބޭސް ވޯޓާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ކަމަށެވެ. އެ ކުންފުންޏަކީ ސަންކެން އޯވަސީސް ޕްރައިވެޓް ލިމިޓެޑާއި ހިމާ ހޯލްޑިވްސް ލިމިޓެޑްގެ އިތުރުން، ސިންގަޕޫރުގެ ސިންގަޕޯ ހޮސްޕިޓަލިޓީ ހޯލްޑިންސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏެކެވެ.
އެ ލޯނުގެ ފެސިލިޓީ އެޖެންޓެއްގެ ގޮތުގައްޔާއި ސެކިޔުރިޓީ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާނީ ނޭޝަނަލް ޓްރަސްޓް ބޭންކުންނެވެ.
އެއީ ސަންކެން އޯވާ ސީސް އިން ރާއްޖޭގައި ޓޫރިސްޓު ޕްރޮޕަޓީ އެއް ތަރައްގީ ކުރުމަށް ކުރާ ހަތަރު ވަނަ އިންވެސްޓުމެންޓެވެ.
ނޭޝަނަލް ޓްރަސްޓް ބޭންކްގެ ސީއީއޯ ރޭނުކާ ފެނާންޑޯ އާ ހަވާލާދީ ޑެއިލީ މިރާގައި ބުނީ އެ މުއާމަލާތަކީ އެ ބޭންކުގެ މުހިއްމު ކްލަޔަންޓަކާއެކު ކުރެވުނު މުއާމަލާތެއް ކަމަށާއި އެ މުއާމަލާތަކީ ޕްރޮޖެކްޓް ފައިނޭންސިންއަށް އެ ބެންކުގެ ގާބިލްކަން ހުރި މިންވަރު އަންގައިދޭ މުއާމަލާތެއް ކަމަށެވެ.
އެ ލޯނުގެ ދަށުން ބޭސްވޯޓާ ކުންފުނިން މާލެ އަތޮޅުގައި 80 ކޮޓަރީގެ މަތީފަންތީގެ ރިސޯޓެއް ތަރައްގީ ކުރާނެއެވެ. އެ މަސައްކަތްކުރާނީ ސަންކެން އޯވާ ސީސް އިންނެވެ.