ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ހަރުކަށި ފިކުރާ ކުރިމަތިލައި، މައްސަލައަށް ހައްލު ހޯދުން ކަމަށާއި، ހަރުކަށި ފިކުރުގެ ސަބަބުން ގައުމަށް ކުރިމަތިވެފައިވާ ދަތި އުނދަގުލުން ގައުމު ސަލާމަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

ކްރޮސްރޯޑްސްގައި ދެ ދުވަހަށް ކުރިއަށްދިޔަ "ވިއަވަތި ރާއްޖެ" މަހާސިންތާ ނިންމާލުމުގެ ކުރިން މަހާސިންތާގެ ބައިވެރިންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިއީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ހަރުކަށި ފިކުރުގެ ވާހަކަ ދެކެވުނު ފުރަތަމަ ފަހަރު ކަމަށެވެ.

ރައީސް ވިދާޅުވީ ހަރުކަށި ފިކުރުގެ ވާހަކަތައް ސިއްރުކޮށްގެން، ހިފަހައްޓައިގެން ތިބެގެން ގައުމަށް ލިބޭނެ ފައިދާއެއް ނެތް ކަމަށެވެ.

އެގޮތުން ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަން ސަރުކާރުން ގަބޫލުކޮށްފައިވާ ކަމަށާއި ޖިހާދުގެ ނަމުގައި ސީރިއާ އަށާއި އިރާގަށް އަދި އަފްޣާނިސްތާނަށް ދިވެހިން ދާކަން ގަބޫލުކުރާ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރުން މިތިބީ އެކަން އެހެން ހިނގާކަން ގަބޫލުކޮށްގެން. އަޅުގަނޑުމެން މި ނަގަނީ އުނދަގޫ ޗެލެންޖެއް. އެހެން ނަމަވެސް ސަރުކާރުގެ ސިޔާސަތަކީ މިކަމާ ކުރިމަތިލާ މިއަށް ހައްލު ހޯދުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ސަލާމަތީ ހިދުމަތްތަކުގެ އެހީތެރިކަމާއެކު އެ ފަރާތްތަކުގެ ވިސްނުމާ ފިކުރާ އެކީގައި ރާއްޖެއަށް ކުރިމަތިވެފައި އޮތް، ދަތި އުނދަގުލުން ގައުމު ސަލާމަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު ދެ ދުވަހުގެ މުއްދަތަކަށް ކުރިޔަށްގެންދިޔަ މަޝްވަރާ ބައްދަލުވުން މިހާރު ވަނީ ނިންމާލައިފައެވެ.

"ވިއަވަތި ރާއްޖެ" މަހާސިންތާއަކީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކަށް ކައުންސިލަރުން އަހުލުވެރިކުރުވައި، ލާމަރުކަޒީ ގޮތަކަށް ރާއްޖެ ހިންގައި ތަރައްގީކުރުމާ ބެހޭގޮތުން ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމުގެ މަގްސަދުގައި ކުރިޔަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމެކެވެ.

ގާނޫނަށް ގެނެވުނު ބޮޑު ބަދަލާއެކު، އެ ގާނޫނު ތަންފީޒުކުރަން ފަށާއިރުގައި ކުރިމަތިވާނެ ކަންތައްތަކާ ގުޅިގެން މި ދެދުވަހު މަޝްވަރާ ކޮށްފައިވެއެވެ.

ރައީސް ވަނީ ބާރުތައް އެއްކޮށްގެން ވެރިކަން ކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވެ ގާނޫނުގައި ބަޔާންކޮށްފައި އޮތް ގޮތަށް، ހުރިހާ ބާރުތަކެއް ކައުންސިލްތަކަށް ދޫކޮށްލައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.

މިއަދު ވަނީ ސަރުކާރުން ހިންގާ މަޝްރޫއުތައް ދެފުށް ފެންނާނެ ގޮތަކަށް ހިންގުމަށްޓަކައި އަދި ސަރުކާރުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް މަގުފަހިކުރުވުމުގެ ގޮތުން "އައިލްސް"ގެ ނަމުގައި ވެބްސައިޓެއް ވެސް ލޯންޗުކޮށްފައެވެ.