16 Dec 2019, 20:12
ޔޮޓް މެރީނާ އެއް ތަރައްގީކުރުމަށް ދޫކޮށްފައިވާ އއ. މުށިމަސް މިގިލި (ސަފާރީ އައިލެންޑް) ވިއްކާލަން ނިންމައިފިއެވެ.
އެ ރަށުގެ ލީސް އެގްރިމެންޓުގެ ދަށުން ރަށް ކުއްޔަށްހިފާފައިވާ ފަރާތުގެ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލުކުރުމުގެ ހުއްދައަށް އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނުގައި ބުނެފައިވެއެވެ.
އިއުލާނުގައި ބުނީ އެރަށާ ގުޅޭ އެއްވެސް ދަރަންޏެއް ނުވަތަ ވަސިއްޔަތެއްވާނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކަން ލިޔުމަކުން މިނިސްޓްރީއަށް އެންގުމަށް އެދޭ ކަމަށެވެ.
ލީސް އެގްރިމެންޓުގެ ދަށުން ލިބިދޭ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދެނީ ތަރައްގީކުރަން ދީފައިވާ ފަރާތުން އެހެން ފަރާތަކަށް ރަށް ވިއްކާލުމަށް ބޭނުންވުމުންނެވެ. ލީސް އެގްރިމެންޓް ބަދަލުކުރުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހެނީ ޓޫރިޒަމް މިނިސްޓްރީއަށެވެ.
ސަފާރީ އައިލެންޑުގައި ސަފާރީ ބަނދަރުކުރުމުގެ ހިދުމަތާއެކު ރިސޯޓުން ދޭ ހިދުމަތްތައްވެސް ދެއެވެ.
އެރަށުގައި 30 ބީޗް ބަންގަލޯ އާއި 15 ސެމީ ވޯޓާ ބަންގަލޯ އަދި 39 ވޯޓާ ބަންގަލޯ ހުރެއެވެ. އެ ރަށުގައި ތިބޭ ފަތުރުވެރިންނަށް ކޮމްޕްލިމެންޓްރީ ސަފާރީ ދަތުރުތައްވެސް ދެއެވެ.