27 Nov 2011, 16:31
ދިރާގުގެ ހިއްސާ ގަތުމަށް ޕެންޝަން ފަންޑުން ކުރާ 100 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ކަވަރުވާނީ އަށް އަހަރާއި 10 އަހަރާ ދޭތެރޭގައި ކަމަށް ޕެންޝަން އޮފީހުން މިއަދު ބުނެފި އެވެ.
ގާތްގަނޑަކަށް 1.3 މިލިއަން ހިއްސާއަށް ޖެހޭ 100 މިލިއަން ރުފިޔާގެ ޗެކު ޗާންދަނީމަގުގައި ހުންނަ އައިޕީއޯ ކަލެކްޝަން ސެންޓަރާ ހަވާލުކުރެއްވުމަށް ފަހު "ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސެއިން މަނިކު ވިދާޅުވީ ޕެންޝަން ފަންޑުގެ ފައިސާ އިންވެސްޓްކުރުމުގައި އިސްކަންދެނީ ބޮޑު ފައިދާ ލިބޭތަނެއްގައި އިންވެސްޓްކުރުމަށް ނޫން ކަމަށާއި އެ ފައިސާ ނުގެއްލި އަނބުރާ އަލުން ލިބޭނެ ކަމުގެ އިތުބާރު އޮންނަ ތަނެއްގައި އިންވެސްޓްކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ ދިރާގުން ހިއްސާ ގަންނަނީ އެހެންވެ ކަމަށެވެ.
"އިންވެސްޓް މިކުރެވެނީ މުޅިން ފައިދާގެ ބަދަލުގައި ޔަގީންކަމާ އެކު ފައިދާ ލިބޭތަންތަނަށް. އިނގިވަޑައިގަންނަވާނެ ކުރީގެ ފަސް އަހަރަށް ބަލާ ކަމަށް ވަންޏާ އަހަރަކު އަށް ޕަސެންޓާއި 12 ޕަސެންޓު ލިބެމުންދާނެ. އެހެންކަމަށް ބަލަންޏާ އެއީ ގާތްގަނޑަށް އަށް އަހަރާއި 10 އަހަރާ ދޭތެރޭގައި ކަވަރުކުރެވޭނެ،" މަނިކު ވިދާޅުވި އެވެ.
މިހާރު ވެސް ގާތްގަނޑަކަށް 750 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި އެ ފަންޑުން، ވިޔަފާރިކުރާ އެހެނިހެން ކުންފުނިތަކަށް އިންވެސްޓް ނުކުރަނީ އެ ވިޔަފާރިތަކަށް އަންނަ ބަދަލުތަކުން އިންވެސްޓްކުރާ ފައިސާ އަނބުރާ ނުލިބި ގެއްލުމެއް ވެދާނެތީ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
"ގާނޫނުގައި އެ ބުނާ ގޮތުން ޑައިވާސިޓީ އަށް ބަލާފައި އަޅުގަނޑުމެން ފުރަތަމަ ސްޓެޕެއްގެ ގޮތުގައި ސަރުކާރުގެ ޓީ ބިލް އާއި ފިކްސްޑް ޑިޕޮސިޓުގެ އިތުރުން ދިރާގު ހިއްސާގައި އިންވެސްޓް ކުރަން މި ނިންމީ،" މަނިކު ވިދާޅުވި އެވެ.
ކޮންމެ މުވައްޒިފެއްގެ މުސާރައިން ހަތް ޕަސެންޓާއި ވަޒީފާދޭ ފަރާތުން ވެސް އެ އަދަދަށް ކޮންމެ މަހަކު ހިއްސާވެގެން އުފައްދާފައިވާ ޕެންޝަން ފަންޑުން ހޭދަކޮށްގެން ގަންނަ ހިއްސާއަކީ ދިރާގުން ވިއްކަން ނިންމާފައިވާ 11.4 މިލިއަން ހިއްސާގެ ގާތްގަނޑަކަށް 11 ޕަސެންޓެވެ.
މޫނުމަތީ އަގުގެ 2.50ރ.ގެ ހިއްސާއެއް، 77.5ރ.ގެ ޕްރިމިއަމްއަކާ އެކު 80ރ.ގެ ރޭޓުން ދިރާގުން ހިއްސާއެއް ވިއްކާ އިރު ދިރާގުގެ ޕްރޮސްޕެކްޓަސް ބުނާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް އެ ކުންފުންޏަށް 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 968 މިލިއަން ރުފިޔާލިބިފައިވެ އެވެ.