16 Dec 2019, 17:49
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާނެ އޮފިޝަލުން ތަމްރީނު ކުރުމަށް 80 އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ތަމްރީނު ކުރާނެ ޓްރެއިނަރުންނަށް ބާއްވާ ޓްރެއިނިން އޮފް ޓްރެއިނާސް ޕްރޮގްރާމު އަންނަ މާޗުމަހު ހަތަކުން 13 އަށް މާލޭގައި އޮންނާނެ ކަމަށެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާ މީހުންގެ ހުރިހާ ހަރަދެއް އިލެކްޝަނުން ހަމަޖައްސާނެ ކަމަށާއި އޮފިޝަލުން ތަމްރީނު ކުރުމަށް ރަށްރަށުގައްޔާއި އަތޮޅުތަކުގައި އަދި ސިޓީތަކުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 700 ރުފިޔާގެ އެލަވެންސެއްވެސް ދޭނެކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އިއުލާނުގައި ބުނީ ޓްރެއިނަރުންނަށް ހޮވޭ ފަރާތްތަކާއެކު އިލެކްޝަނުން އިގުރާރެއްގައި ސޮއިކުރާނެ ކަމަށެވެ.
އޮފިޝަލުން ތަމްރީނު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖެނުއަރީމަހުގެ 15 ގެކުރިން އެކަމަށް އެދި ފޯމު ހުށަހަޅަންޖެހެއެވެ.
ޓްރެއިނަރުންގެ ގޮތުގައި މަސައްކަތްކުރުމަށް ކުރިމަތިލާ ފަރާތަކީ ކަމާ ގުޅޭ ދާއިރާއަކުން ލެވެލް ހަތަރެއްގެ ސެޓްފިކެޓޭއް ހާސިލްކޮށްފައިވާ، ކިޔަވައި ދިނުމާއި، ތަމްރީނު ދިނުމުގެ ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ނުވަތަ ފާއިތުވި އިންތިހާބުތަކުގައި އުޅެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައި ވެއެވެ.
އަދި އިންތިހާބަށް ތަމްރީނުކުރަންޖެހޭ އެކި ފަރާތްތައް ތަމްރީނުކުރެވޭނެ ފެންވަރުހުރިކަން އިންޓަވިއުގައި ސާބިތުކޮށްދޭން ޖެހޭނެކަމަށްވެސް އިއުލާނުގައި ބުންޏެވެ.
ޓްރެއިނަރުންގެ މަސްއޫލިއްޔަތަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މަސައްކަތްކުރާނެ އޮފިޝަލުން ތަމްރީނު ކުރުމާއި ކައުންސިލް އިންތިހާބުގައި އަތޮޅުތަކަށް ފޮނުވާ ވޯޓު ކަރުދާސްތަކާއި ކަމާބެހޭ އެހެނިހެން ސާމާނު މާލެއިން އަތޮޅުތަކަށް ގެންދިޔުން ކަމަށް އިލެކްޝަނުން ބުންޏެވެ. އޭގެ އިތުރުން ވޯޓުލާ ނިމުމުން އެ ތަކެތި އަނބުރާ މާލެ ގެނައުމުގެ އިތުރުން ވޯޓުލާ ދުވަހު ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ކޮމިޝަނުގެ ލަފާގެ މަތިން ދޭންޖެހޭ ފަންނީ ލަފަޔާއި އެހީތެރިކަން ވޯޓުލާ މަރުކަޒުގެ ވެރިންނަށް ދިނުމުގެ އިތުރުން އިންތިހާބު ނިމުމުން މަސައްކަތް ހިނގައި ދިޔަގޮތާބެހޭ ރިޕޯޓެއް ތައްޔާރުކޮށް ކޮމިޝަނަށް ހުށަހެޅުމަކީވެސް ޓްރެއިނަރުންގެ މަސްއޫލިއްޔަތެކެވެ.
ކައުންސިލުތަކުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހުއެވެ.