16 Dec 2019, 16:56
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަރުކަށި ފިކުރު ގެންގުޅޭ ކަމަށް ފާހަގަވާ ފަރާތްތައް އިންތިހާބު ވިޔަ ނުދިނުމަށް އެންޓި ކެމްޕޭން ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަށް ކައުންސިލަރުން އަހުލުވެރި ކުރުމަށް "ވިއަވަތި ރާއްޖެ"ގެ ނަމުގައި ކުރިއަށްގެންދާ މަހާސިންތާގައި ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރަށް ތާއީދުކުރާ އެއްވެސް ކައުންސިލަރަކަށް އެމަނިކުފާނު ތާއީދެއް ނުކުރައްވާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އެމްޑީޕީއިން ކުޑަވެސް ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"ހަރުކަށި ފިކުރަށް ތާއީދުކުރާ އެއްވެސް ކައުންސިލަރަކަށް ހަމަ ގައިމު ވެސް، އަޅުގަނޑެއް ތާއީދެއް ނުކުރާނަން. އަދި އަޅުގަނޑު، އެ ބޭފުޅުން ނުހޮވޭތޯ ބަލަން ވެސް އުޅޭނަން." ނަޝީދު ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ނަޝީދު ކޯފާ އިސްކުރައްވާ އެފަދައިން ވިދާޅުވީ ކޮންފަރެންސްއަށް ވަޑައިގެން ތިއްބެވި ބައެއް ކައުންސިލަރުންނަށް ދެއްކި ވާހަކަތަކަކާ ގުޅިގެން ދެއްވި ރައްދެއްގެ ގޮތުގަ އެވެ.
އެގޮތުން ބައެއް ކައުންސިލަރުން ފާހަގަ ކުރެއްވި ގޮތުގައި އަބަދުވެސް އިވެނީ ދީނީ، ހަރުކަށި ފިކުރުގެ ގެންގުޅޭ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވާހަކަ ދައްކާ އަޑު ކަމަށެވެ. އަދި އިސްލާމްދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހުން ދެނެގަނެ، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނީ ކޮން ދުވަހަކުން ތޯ ވެސް ބައެއް ކައުންސިލަރުން ވަނީ ސުވާލު ކުރައްވާފަ އެވެ.
ކޮންފަރެންސްގެ ތެރެއިން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންއަކަށް ފަހު ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި ނަޝީދު ވަނީ 10 ސުވާލެއް ކުރައްވަފާ އެވެ. އެއީ؛
އައިއެސްގެ ރާއްޖޭގައި ހަރަކާތްތެރިވާ ސެލް ދެނެގަންނަ ގޮތަކީ ކޮބައިތޯ އަދި ކިތައް ސެލް ރާއްޖޭގައި ހަރަކާތްތެރިވޭތޯ؟
- ސެލްތަކުގައި ހަރަކާތްތެރިވާ މީހުންނަކީ ކޮބައިތޯ؟ 1400 މީހުންގެ ލިސްޓެއް އެކުލަވާލާފައިވޭތޯ؟
- އެމީހުން ހައްޔަރު ނުކޮށް ތިއްބަވަނީ ކީއްވެގެންތޯ؟
- ފުލުހުންނާއި ސިފައިންގެ ތެރޭގައި ހަރުކަށި ފިކުރަށް ތާއީދުކުރާ މީހުން ފާހަގަކުރުމަށް ގެންގުޅޭ މިންގަނޑެއް އޮވޭތޯ؟
- ބޭރުގެ ޖާސޫސީ އިދާރާތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި (ޚާއްސަކޮށް އިމިގްރޭޝަންގެ މައުލޫމާތު) ހިފަހައްޓަވަނީ ކީއްވެތޯ؟
- ހަރުކަށި ފިކުރު ފެތުރުމަށް ގެންގުޅޭ މަދަރުސާތަކާއި މަކުތަބްތަކުގެ ހިންގުން ސަރުކާރުގެ ދަށަށް ގެނައުމަށް މަސައްކަތް ކުރޭތޯ؟
- މަދަރުސާތަކުގެ މަންހަޖު ބަދަލުކުރަން ފަށާނީ ކޮންއިރަކުންތޯ؟
- ރާބޯ މީހަކު ހައްޔަރު ކުރަން ކިތައް ރުފިޔާ ހަރަދުވޭތޯ؟
- ސައުދީ އަރަބިއްޔާއާއި އެހެނިހެން ހަރުކަށި ފިކުރުގެ ހިޔާލުތައް އާލާކުރާ ގައުމުތަކުގެ ޔުނިވާސިޓީތަކަށް ކުދިން ފޮނުވާއިރު އެ ޔުނިވާސިޓީތަކުގެ މަންހަޖު އެނގޭތޯ؟
- މިއުޒިކާއި މުނިފޫހިފިލުވުން ކުރިއަރުވައި އާލާ ކުރުމަށް އޮތް ޕްރޮގްރާމަކީ ކޮބައިތޯ؟
ސުވާލުތަކަށް ޖަވާބު ދެއްވި ބޭފުޅުންގެ ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އެވެ.
ރައީސް ނަޝީދުގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން، ސިފައިންގެ ޗީފް ޝަމާލް ވިދާޅުވީ ސިފައިންގެ ތެރޭގައި ވެސް އަދި ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައިވެސް ހަރުކަށި ފިކުރަށް ތަބައަވާ ވިސްނުމުގެ މީހަކު ހުރި ނަމަ އެފަދަ ފަރާތެއްގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ސަލާމަތީ ހިދުމަތްތަކުގެ ތެރެެއިން ފުރުސަތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވި ގޮތުގައި، ހަރުކަށި ފިކުރުގެ މީހުން ދެނެގަނެ އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅުތައް އެޅުމަށް ފުލުހުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން އެވެ. އަދި ހަރުކަށި ފިކުރަށް އެއްވެސް ވަރެއްގެ ޓޮލިރެންސްއެއް ނުދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ކޮމިޝަނަރު ހަމީދު ވިދާޅުވި އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވި ގޮތުގައި، ހަރުކަށި ފިކުރު މާނަކުރާނެ ޑެފިނިންޝަންތަކެއްް ކައުންޓާ ޓެރަރިޒަމް ސެންޓަރުން އެކުލަވާލާފައިވާ ކަމަށެވެ. އެގޮތުން ގައުމީ މަންހަޖު ގަބޫލު ނުކުރުމާއި ކުދިން ސްކޫލަށް ނުފޮނުވުމާއި ވެކްސިން ނުދިނުމާއި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަކީ ބާތިލް އެއްޗެއް ކަމުގައި ގަބޫލުކުރުން ފަދަ ކަންކަން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.