16 Dec 2019, 16:36
ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރަން ސަރުކާރުން ނުކުމެ ތިބީ ވަރަށް ކެރިގެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ކްރޮސްރޯޑްސްގައި ދެ ދުވަހަށް ކުރިއަށްދިޔަ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު މޫލަމުން އަންނަތާ އެތައް ޒަމާނެއް ވެފައިވީ ނަމަވެސް، އެއީ ނުވާކަމެއް ކަމަށް ހަދާލައިގެން ތިބީ ސިޔާސީ ފައިދާއަށް ކަމަށެވެ.
ނަމަވެސް މި ސަރުކާރުން ރާއްޖޭގައި ހަރުކަށި ފިކުރު އޮތް ކަމަށް ގަބޫލުކޮށް، އެކަމާމެދު ފިޔަވަޅު އަޅަން ސަރުކާރުން ކެރިގެން ނުކުތުމަކީ އުފާކުރައްވާ ކަމެއް ކަމަށް މާރިޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދައްކަން މި އުޅެނީ ފަސޭހަ ވާހަކައެއް ނޫން. އެކަމަކު އަޅުގަނޑުމެންނަކީ އެއްވެސް އިރެއްގައި ފަސޭހަ ކަންކަން ކުރަން، ނުވަތަ ކަންފަސޭހަ ކޮށްލައިގެން ސިޔާސީ މަންފާއަށްޓަކައި ތިބޭނެ ބައެއް ނޫން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރުގެ ސަބަބުން ކުޑަކުދިން ހަލާކުވެ، އަންހެނުންތަކެއް ބިކަވާތަން ބަލަން ސަރުކާރުން ނުތިބޭނެ ކަމަށާއި، އެފަދަ މައްސަލަތަކުގައި ސަރުކާރުން ބަސްބުނެ، ކެރިގެން މަސައްކަތް ކުރާނެ ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި އިޖުތިމާއީ ބަލިމަޑުކަމެއް ފެތުރެމުން އަންނަ ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތުން ދާދިފަހުން ލަނޑާ ނަގާ ދޯންޏެއްގައި މީހަކަށް ވަޅިން ހަމަލާ ދީ ކަނޑަށް އެއްލައިލި ހާދިސާއަށް މިނިސްޓަރު އަލިއަޅުއްވައިލެއްވި އެވެ.
"އެއް ދޯންޏެއްގައި އެކަކު ހަފުސް އަރުވާލާވަރަށް މާރާމާރީ ހިންގާލާއިރު ހަމަ ޖެހިގެން ނިދާލާފައި އަރާމުގައި ދިވެއްސަކު އޮތީމޭ ބުނެ ބަޔާނެއް ދޭން ކެރުނީމަ އަޅުގަނޑުމެން މި ކަންބޮޑުވަނީ. އަޅުގަނޑުމެންގެ ރާއްޖެ ބަދަލުވެފައި އޮތް ވަރު މިއީ މިދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި،" މިނިސްޓަރު ވިދާޅުވި އެވެ.
ހަމައެއާ އެކު ކުޑަކުދިން ސްކޫލަށް ނުފޮނުވުމާއި، ކުޑަ ކުދިންނަށް ވެކްސިން ނުދޭ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އަދި ކުޑަކުދިން ބަލިވެ އިނދެ އެކުދިން ވިހެއުމުގެ މައްސަލަތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެއީ ދީނުގަ ހުއްދައޭ ކިޔައިގެން ރާއްޖޭގައި ކުރި ކަންކަން ނޫން ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން މިއަދު ކެރިގެން މި ނުކުންނަނީ، މިކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަން." މާރިޔާ ވިދާޅުވި އެވެ.